އީރާނުގެ ވެރިރަށް ތެހެރާންގައި ގޮއްވައިލަން ތައްޔާރުކޮށްފައިވާ 30 ބޮން ހޯދައި، ޓެރެރިސްޓު ހަމަލަތަކެއް ފޭލުކޮށްލާފައިވާ ކަމުގައި އެ ޤައުމުން ހާމަކޮށްފިއެވެ. އީރާނުން ބުނީ ޓެރެރިސްޓު ޖަމާޢަތަކުން ފަހަތުގައި އޮވެގެން ތެހެރާނުގެ ކާރޫބާރޫ ބޮޑު ސަރަޙައްދުތަކުގައި 30 ބޮން ގޮއްވާލަން މަސައްކަތް ކޮށްފައި ވަނީ އެ ވަގުތަކާ ދިމާކޮށް ކަމުގައެވެ.
އީރާނޫގެ ޖާސޫސީ މިނިސްޓްރީން ބުނީ ތަހްރާންގެ އިތުރުން އަލްއަރްޒާއި ހުޅަނގު އަޛަރްބައިޖާން ޕުރޮވިންސުގެ ކާރޫބާރޫ ބޮޑު ސަރަޙައްދުތަކުގައި ވެސް ބޮން ހަރުކޮށްފައިވާ ކަމުގައެވެ. މި ހަމަލަތަކުގެ ފަހަތުގައިވާ ކަމަށް ބެލެވޭ 28 މީހަކު މިހާރު ހައްޔަރު ކޮށްފައިވާ ކަމުގައި ވެސް އެ ވުޒާރާއިން ބުނެއެވެ.
މި ފަދަ ހަމަލަތަކެއް ދޭން ރާވާފައި ވަނީ އީރާނުގެ ސަލާމަތީ ބާރުތަކުގެ ބާރު ކަނޑުވައިލާ، ޤައުމުގެ ސުލްޙަމަސަލަސް ކަމާއި ހަމަޖެހުން ނަގައިލުމުގެ ނިޔަތުގައި ކަމަށް އީރާނުގެ ޖާސޫސީ ވުޒާރާއިން ބުންޏެވެ. އަދި، މިއީ އީރާންގެ ޢާންމު ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެއްދުމުގެ ބޭނުމުގައި ދޭން މަސައްކަތް ކޮށްފައިވާ ޓެރެރިސްޓު ހަމަލަތަކެއްގެ ގޮތުގައި އެ ވުޒާރާއިން ސިފަކުރެއެވެ.
އީރާނުގައި ޓެރެރިސްޓު ހަމަލަތަކެއް ދޭން މަސައްކަތް ކޮށްފައި މި ވަނީ، މީގެ އަހަރެއްހާ ދުވަސް ކުރިން އެ ޤައުމުގެ ސަރުކާރާ ދެކޮޅަށް އެކި ކަންކޮޅުތަކުގައި ކުރި މުޒާހަރާތަކަށް އެއް އަހަރު ފުރިފައިވާ ދަނޑިވަޅެއްގައެވެ. އެ މުޒާހަރާތައް ފެށުނީ ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި 22 އަހަރުގެ އަންހެނެއް ކަމުގައިވާ މުހްސާ އަމީނީގެ މަރާ ގުޅިގެންނެވެ. އެއީ އީރާނުގެ ކުރުދީ ދަރިކޮޅަށް ނިސްބަތްވާ މީހެކެވެ.
ތެހެރާންގައި ބޮންތަކެއް ގޮއްވައިލަން މަސައްކަތް ކުރުމުގެ ތުހުމަތުގައި ހައްޔަރު ކޮށްފައި ވަނީ ޓެރެރިސްޓު ޖަމާޢަތެއް ކަމުގައިވާ އިސްލާމިކް ސްޓޭޓް (އައި.އެސް)އާ ގުޅުން އޮންނަ ބަޔެއް ކަމުގައި އެ ޤައުމުގެ ޖާސޫސީ ވުޒާރާއިން ބުނެއެވެ. އޭގެ ތެރެއިން ބައެއް މީހުންނަކީ، ސޫރިޔާއާއި އަފްޣާނިސްތާނުގެ އިތުރުން ޕާކިސްތާނާއި އިރާޤުގައި ހަރަކާތްތެރިވާ ޓެރެރިސްޓު ޖަމާޢަތްތަކާ ގުޅުން އޮންނަ، އެ ޖަމާޢަތްތަކަށް އެއްބާރުލުންދީފައިވާ ބަޔެއް ކަމުގައި ވެސް އެ ވުޒާރާއިން ބުންޏެވެ.
އެ މީހުން ހައްޔަރުކޮށް، ގިނަ ޢަދަދެއްގެ ހަތިޔާރާއި ބޮން ހަދަން ބޭނުންކުރާ ގޮވާތަކެތި ހޯދާފައިވާ ކަމުގައި އީރާނުގެ ފުލުހުން ވިދާޅުވިއެވެ. އެ މީހުން ހައްޔަރު ކުރުމަށް ހިންގި އޮޕަރޭޝަންގައި ފުލުހުންގެ ދެ މީހަކު ޒަޚަމުވި ކަމަށާއި، އަތުލައިގަނެފައިވާ ބައެއް ހަތިޔާރުގެ ތެރޭގައި އެމެރިކާގައި އުފައްދާފައިވާ ބައެއް ހަތިޔާރު ހިމެނޭ ކަމުގައި ވެސް ފުލުހުން ވިދާޅުވިއެވެ.
ހުސްވި އަހަރުގެ އޮކްޓޫބަރު މަހު އައި.އެސް ޖަމާޢަތުން ވަނީ ޝިޔަޢީންގެ ފައްޅިއެއްގައި ބޮމެއް ގޮއްވައިލާ 13 މީހުން މަރައިލާފައެވެ. އެ ޤައުމުގެ ދެކުނުގައިވާ ޝީރާޒުގައި ދިން އެ ހަމަލާގައި ގިނަ ޢަދަދެއްގެ ބަޔަކު ޒަޚަމުވިއެވެ. މި އަހަރުގެ އޮގަސްޓު މަހު ވެސް އެ ފައްޅިއަށް ބަޑީގެ ހަމަލަތަކެއްދީ ދެ މީހުން މަރައިލާފައިވެއެވެ.