ކުޅިވަރު

ފޮރެސްޓް ބަލިކޮށް ސިޓީއަށް ފަސް ޕޮއިންޓުގެ ލީޑެއް


އިނގިރޭސި ޕްރިމިއަރ ލީގުގައި ނޮޓިންހަމް ފޮރެސްޓް އަތުން ހޯދި މޮޅާއެކު ތާވަލުގެ އެއްވަނައިގައި ފަސް ޕޮއިންޓުގެ ލީޑެއް އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީން ނަގައިފިއެވެ.

ސިޓީގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމު ކާމިޔާބުކޮށްފައިވަނީ 2-0 ގެ ނަތީޖާއަކުންނެވެ. މެޗުގެ ފުރަތަމަ ލަނޑު ފުރަތަމަ ހާފުގެ 7 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އިނގިރޭސި މިޑްފީލްޑަރު ފިލް ފޮޑެން އެވެ. މިއީ އެޓީމުގެ ޑިފެންޑަރު ވޯކާ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

އެޓީމުގެ ދެވަނަ ލަނޑު ފުރަތަމަ ހާފުގެ 14 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އާލިން ހާލަންޑެވެ. މިއީ އެޓީމުގެ ޕޯޗުގަލްގެ މިޑްފީލްޑަރު މެތިއުސް ނުނޭސް ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

މެޗުގެ ދެވަނަ ހާފުގައި ސިޓީގެ ރޮޑްރީއަށް ވަނީ ރަތްކާޑެއް ދައްކާފައެވެ. ދެވަނަ ހާފުގައި ފޮރެސްޓުން ބޮޑުތަން ކުޅުން ރަނގަޅުކުރި ނަމަވެސް ލަނޑެއް ކާމިޔާބުވާގޮތެއް ނުވެއެވެ.

މި މޮޅާއެކު ސިޓީ އެއްވަނައިގައި އޮތީ ކުޅުނު ހަ މެޗުން ވެސް މޮޅުވެ 18 ޕޮއިންޓާއެކު އެވެ. އަދި މެޗުން ބަލިވި ފޮރެސްޓް އޮތީ ލީގު ތާވަލުގެ 10 ވަނައިގައެވެ. އެއީ ކުޅުނު 6 މެޗުން ލިބުނު 7 ޕޮއިންޓާއެކުއެވެ.