ކުޅިވަރު

ލީގު ފުރަތަމަ މެޗްގައި ނިއުއާ މާޒިޔާ


އުރީދޫ ދިވެހި ޕްރިމިއަރ ލީގުގެ ކުޅުން މިއަންނަ މަހުގެ 19ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާކަމަށް އެފްއޭއެމްއިން ބުނެފިއެވެ. 

އެއިދާރާއިން ނެރެފައިވާ މިއަހަރުގެ ލީގު ތާވަލްގައިވާ ގޮތުން މިއަންނަ މަހުގެ 19ވަނަ ދުވަހު ހަވީރު ފެށުމަށް ހަމަޖެހިފައިވާ އުރީދޫ ދިވެހި ޕްރިމިއާރ ލީގުގެ ފުރަތަމަ މެޗްގައި ބައްދަލުކުރާނީ މިދިޔަ އަހަރުގެ ލީގު ޗެންޕިއަން ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބާ މިދިޔަ އަހަރުގެ ޕްރެޒިޓެންޑްސް ކަޕް ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންއެވެ.

 ލީގުގެ ދެވަނަ މެޗްގައި ވާދަކުރާނީ ކުލަބް ވެލެންސިޔާއާ ބީޖީ ސްޕޯޓްސް ކުލަބެވެ. ލީގު ތިންވަނަ މެޗްގައި ވާދަކުރާނީ ވިކްޓްރީ ސްޕޯޓްސް ކުލަބާ މިއަހަރު އަލަށް ފުރަތަމަ ޑިވިޝަންގައި ވާދަކުރާ ޔުނައިޓެޑް ވިކްޓްރީއެވެ. އަދި މިލީގްގެ ހަތަރުވަނަ މެޗްގައި ވާދަކުރާނީ ޓީސީ ސްޕޯޓްސް ކުލަބާ ކުލަބް އީގަލްސްއެވެ. 

މިއަންނަ މަހުގެ ނަވާރާ އަދި ވިހިވަނަ ދުވަހު ލީގު މެޗްތަށް ކުޅުމަށްފަހު، 14 ދުވަހަށް ލީގު މެދުކަނޑާލުމަށް ހަމަޖެހިފައިވަނީ އޭއެފްސީ ކަޕަށެވެ. އޭއެފްސީ ކަޕަށްފަހު ލީގުގެ ކުޅުން ފެށުމަށް ހަމަޖެހިފައިވަނީ މޭމަހުގެ ހަތަރުވަނަ ދުވަހުއެވެ.