ސޮމާލިޔާގެ މެދުތެރޭ ސަރަޙައްދުގައި އޮންނަ ރަށެއްގައި ބޮމެއް ގޮއްވައިލައިގެން ދިން ނުރައްކާތެރި ހަމަލައެއްގައި މަރުވި މީހުންގެ ޢަދަދު 18 އަށް އަރައިފިއެވެ. ޓްރަކެއް ނުވަތަ ބޮޑު ލޮރީއެއް ފަދަ އުޅަނދެއްގައި ބޮމެއް ގޮއްވައިލައިގެން މި ހަމަލަ ދީފައި ވަނީ ބިލިދުވީންގައެވެ. ބޮން ގޮއްވައިލާފައި ވަނީ ފުލުހުންގެ ޗެކް ޕޮއިންޓެއް ކައިރީގައެވެ.
ބިލިދުވީން އޮންނަ ހިރްޝަބީލް ސްޓޭޓްގެ ދާޚިލީ ވަޒީރު ޢަބްދުއްރަޙްމާން ޟާހިރު ޖޫރް ވިދާޅުވީ ބޮން ގޮއްވައިލާފައި ވަނީ ޗެކް ޕޮއިންޓް ކައިރީގައި ޢާންމުންގެ ގިނަ ޢަދަދެއްގެ ބަޔަކު ޖަމާވެފައިވާ ވަގުތެއްގައި ކަމުގައެވެ. މި ހަމަލާގައި އެ ސަރަޙައްދުގައި ޢާންމުން ދިރިއުޅޭ ގެތަކާއި ޢިމާރާތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބުނު ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.
މި ހަމަލާގައި ޢާންމުންގެ 40 އަށްވުރެ ގިނަ މީހުން ޒަޚަމުވި ކަމުގައި ހިރްޝަބީލްގެ ހިޔުމެނިޓޭރިޔަން އެންޑް ޑިޒާސްޓަރ މެނޭޖްމަންޓް މިނިސްޓަރ ޢަބްދުލްފައްތާޙް މުޙައްމަދު ޔޫސުފް ވިދާޅުވިއެވެ. އޭގެ ތެރެއިން 20 މީހުން ބިލިދުވީން ހޮސްޕިޓަލުގައި އެޑްމިޓުކޮށްގެން ފަރުވާދެމުންދާ ކަމަށާއި، 20 މީހެއްގެ ހާލު ސީރިޔަސް ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ. ބައެއް މީހުން ވެރިރަށް މަޤްދިޝޫގެ ހޮސްޕިޓަލުތަކަށް ގެންގޮސް އިތުރު ފަރުވާދޭން މަސައްކަތް ކުރަމުންދާ ކަމުގައި ވެސް އޮފިޝަލުން ވިދާޅުވިއެވެ.
ބިލިދުވީންގައި ދީފައިވާ ހަމަލާގެ ފަހަތުގައި އޮތީ ސޮމާލިޔާގައި ހަރަކާތްތެރިވާ ހަތިޔާރު އެޅި ޖަމާޢަތެއް ކަމުގައިވާ އަލް-ޝަބާބް ކަމުގައި އޮފިޝަލުން ވިދާޅުވިއެވެ. އަލް-ޝަބާބަކީ ޓެރެރިސްޓު ޖަމާޢަތެއް ކަމުގައިވާ އަލް-ޤައިދާއާ ގުޅުން އޮންނަ ގުރޫޕެކެވެ. ނަމަވެސް، އެ ޖަމާޢަތުން ހަމަލާގެ ޒިންމާ އުފުލާފައެއް ނުވެއެވެ. ފުލުހުންގެ އިސް އޮފިޝަލެއް ކަމުގައިވާ އަޙްމަދް ޢަދަން ވިދާޅުވީ އެ ސަރަޙައްދުގައިވާ ގިނަ ޢިމާރާތްތައް ސުންނާފަތިވެފައިވާ ކަމުގައެވެ.
ސޮމާލިޔާ މިހާރު އޮތީ ދާޚިލީ ހަނގުރާމައެއްގެ ހާލަތުގައެވެ. ރައީސް ޙަސަން ޝައިޚް މަޙްމޫދު ވަނީ އަލް-ޝަބާބާ ދެކޮޅަށް ހަނގުރާމަ އިޢުލާނު ކުރައްވާފައެވެ. އަދި، އަލް-ޝަބާބުން ދަނީ ޙަސަންގެ ވެރިކަން ވައްޓައިލައި، އެ ޖަމާޢަތުގެ ވެރިކަމެއް ޤާއިމު ކުރަން މަސައްކަތް ކުރަމުންނެވެ. މި ހަނގުރާމައިގެ ދަށުން ސޮމާލިޔާގެ އަސްކަރިއްޔާއިން ދާދިފަހުން ވަނީ ޖިލްމުދޫޣުގައި އަލް-ޝަބާބްގެ ގިނަ ޢަދަދެއްގެ ހަނގުރާމަވެރިން މަރައިލާފައެވެ.
2011 ވަނަ އަހަރު ސޮމާލިޔާގެ ސަރުކާރުން ވަނީ ވެރިރަށް މަޤްދިޝޫގެ ސަރަޙައްދުތަކުން އަލް-ޝަބާބްގެ ހަނގުރާމަވެރިން ފައްސައިލާފައެވެ. ނަމަވެސް، އެ ޖަމާޢަތުން ސޮމާލިޔާގެ ބައެއް ސަރަޙައްދުތަކަށް އަދިވެސް ދަނީ އަތްގަދަ ކުރަމުންނެވެ. ސޮމާލިޔާގައި ދާޚިލީ ހަމަނުޖެހުންތަކެއް ފެށިފައި ވަނީ މީގެ 15 ވަރަކަށް އަހަރު ކުރިންނެވެ.