ޚަބަރު

ސޫދާންގެ އަސްކަރިއްޔާއިން މަޝްވަރާއަށް ތައްޔާރު: ބުރްހާން


ސޫދާންގެ އަސްކަރިއްޔާއިން ސުލްޙައިގެ މަޝްވަރާތަކަށް ތައްޔާރަށް އޮތް ކަމުގައި އަސްކަރިއްޔާގެ އިސްވެރިޔާ ޖެނެރަލް ޢަބްދުލްފައްތާޙް އަލް-ބުރްހާން ވިދާޅުވެއްޖެއެވެ. ސޫދާންގެ އަސްކަރިއްޔާއާއި ރެޕިޑް ސަޕޯޓް ފޯސަސް (އާރް.އެސް.އެފް)ގެ ފައުޖުތަކާ ދެމެދު ހަނގުރާމަ ކުރަން ފަށާފައި ވަނީ އޭޕްރިލް މަހުގެ ތެރޭގައެވެ.

މި ހަނގުރާމައިގައި މަރުވެފައިވާ މީހުންގެ ޢަދަދު މިހާރު 5,000 އިން މައްޗަށް އަރާފައިވާ ކަމުގައި އ.ދއިން ބުނެއެވެ. އަދި، ހަނގުރާމައިގެ ސަބަބުން އަމިއްލަ ވަޒަނާއި ގެދޮރު ދޫކޮށް ރައްކާތެރި ހިސާބުތަކަށް ބަދަލުވެފައިވާ މީހުންގެ ޢަދަދު ފަސް މިލިޔަނަށް އަރާނެ ކަމަށް ބެލެވެއެވެ. އޭގެ ތެރެއިން މިލިޔަނަކަށް ވުރެ ގިނަ މީހުން ހިޖުރަކޮށްފައި ވަނީ އަވައްޓެރި ޤައުމުތަކަށެވެ.

އެމެރިކާގެ ނިއު ޔޯކްގައި ކުރިއަށްދިޔަ އ.ދގެ ޢާންމު މަޖިލީހުގެ 78 ވަނަ ޖަލްސާގައި ޖެނެރަލް ބުރްހާން ވަނީ ތަޤުރީރު ކުރައްވާފައެވެ. އެއަށްފަހު މީޑިޔާއަށް ދެއްވި ބަސްދީގަތުމެއްގައި އޭނާ ވިދާޅުވީ ސޫދާންގެ ދާޚިލީ ހަނގުރާމައަށް ނިމުމެއް ގެނައުމާ ގުޅޭ ގޮތުން އާރް.އެސް.އެފްގެ އިސްވެރިޔާ މުޙައްމަދު ޙަމްދާން ދަގަލޯއާ އެކު ސުލްޙައިގެ މަޝްވަރާތައް ކުރަން އޭނާ ތައްޔާރަށް ހުންނެވި ކަމުގައެވެ.

ސުލްޙައިގެ މަޝްވަރާތައް ފެށުމަށް ތައްޔާރަށް ހުންނެވި ކަމުގައި ބުރްހާން ވިދާޅުވި ނަމަވެސް، ސުދާންގެ އަސްކަރިއްޔާއަށް ބޭރު ޤައުމުތަކުގެ ތާއީދު ހޯއްދަވަން އޭނާ ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ. އަދި، އޭނާއަކީ ސޫދާނުގެ ޤާނޫނީ ސަރުކާރުގެ އިސްވެރިޔާ ކަން ދައްކަން މަސައްކަތް ކުރަމުންނެވެ. ނަމަވެސް، ސޫދާންގެ ވެރިކަމާ އޭނާ ހަވާލުވެފައި ވަނީ 2021 ވަނަ އަހަރު އޭނާ އިސްވެ ހިންގި ބަޣާވާތަކުން ކަން ފާހަގަ ކޮށްލަން ޖެހެއެވެ.

މި ހަނގުރާމައިގައި ސޫދާންގެ ޢާންމު ރައްޔިތުން ދިރިއުޅޭ ރަށްތަކާއި ޢިމާރާތްތަކަށް ބެލުމެއް ނެތި އެ ޤައުމުގެ އަސްކަރިއްޔާއިން ވައިގެ ހަމަލަތައް އަމާޒު ކުރަމުންދާ ކަމުގައި އ.ދގެ އިދާރާތަކުން ދަނީ ތުހުމަތު ކުރަމުންނެވެ. ނަމަވެސް، ބުރްހާން އެ ކަން ދޮގު ކުރައްވައެވެ. އޭނާ ވިދާޅުވީ ޢާންމު ރައްޔިތުންނަށް އަމާޒުކޮށް އެއްވެސް ހަމަލައެއް ދީފައި ނުވާނެ ކަމުގައެވެ.

ސޫދާންގެ ދާޚިލީ ހަނގުރާމައަށް ނިމުމެއް ގެންނަން ސަޢޫދީ ޢަރަބިއްޔާއިން އިސްނަގައިގެން ދަނީ މަސައްކަތްތަކެއް ކުރަމުންނެވެ. އަދި، ސަޢޫދީގެ މެދުވެރިކަމުގެ ދަށުން ޖިއްދާގައި ސުލްޙައިގެ މަޝްވަރާތައް ފަށާފައިވާ ކަން ވެސް ފާހަގަ ކޮށްލަން ޖެހެއެވެ. ބުރްހާން ވިދާޅުވީ، އެ މަޝްވަރާތަކުގައި އެއްބަސްވެފައިވާ ގޮތަށް އަމަލުކުރަން އާރް.އެސް.އެފުން ނިންމައިފި ނަމަ، ދަގަލޯއާ ބައްދަލުކުރަން ހުރަހެއް ނެތް ކަމުގައެވެ.

ސޫދާންގައި ހަނގުރާމަ ފެށުނީ ވެރިކަން ހިންގާ ގޮތާ މެދު އުފެދުނު ޚިޔާލު ތަފާތުވުންތަކަކާ ގުޅިގެން އޭޕްރިލް މަހުގެ 15 ވަނަ ދުވަހު އާރް.އެސް.އެފްގެ ފައުޖުތަކުން ވެރިރަށް ޚަރްތޫމަށް އެރުމުންނެވެ. ޚަރްތޫމްގެ ގިނަ ސަރަޙައްދުތައް މި ވަގުތު އޮތީ އާރް.އެސް.އެފްގެ އަތްދަށުގައެވެ. އަދި، އަސްކަރިއްޔާގެ ފައުޖުތަކުން ވަނީ ޚަރްތޫމުން ފައިބާ، ޕޯޓް ސޫދާންގައި ގާއިމުވެފައެވެ.

ސޫދާންގެ ދާޚިލީ ހަމަނުޖެހުންތަކާ ގުޅިގެން އެތަކެއް މިލިޔަން ރައްޔިތުންނެއް ހާލުގައި ޖެހިފައިވާއިރު، އެ މީހުންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތްތަކަށް ކުރިއަށް އޮތް މަސްތަކުގެ ތެރޭގައި 470 މިލިޔަން އެމެރިކާ ޑޮލަރު ބޭނުންވާނެ ކަމުގައި ވެސް އ.ދއިން ވަނީ ބުނެފައެވެ. އަދި، އެ ފައިސާ ހޯދަން އ.ދއިން ދަނީ މަސައްކަތް ކުރަމުންނެވެ.