ޚަބަރު

ރަށުން ބޭރުގައި މަސައްކަތްކުރާ ޕްރިންސިޕަލުންގެ މުސާރަ އެލަވަންސާއެކު 44000އިން މަތި


  • އެކޮމޮޑޭޝަން އެލަވަންސް ނުހިމަނައި މިހާރު ލިބެނީ 37،423 ރުފިޔާ

  • އެލަވަންސް ހިމެނުމުން ދެން ލިބޭނީ 44،423 ރުފިޔާ

  • މިއީ ކުރީގެ އޮނިގަނޑުން ލިބުނު މުސާރައަށްވުރެ ބޮޑު އަދަދެއް

ސަރުކާރުން ދޭނެކަން އިއުލާންކުރައްވާފައިވާ އެކޮމޮޑޭޝަން އެލަވަންސާއެކު ރަށުން ބޭރުގައި މަސައްކަތްކުރާ ޕްރިންސިޕަލުންގެ މުސާރައަށް ހެޔޮ ބަދަލެއް އަންނާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރ އައިޝަތު އަލީ ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވީ އެކޮމަޑޭޝަން އެލަވަންސާއެކު ކުރީގެ އޮނިގަނޑާއި އައު އޮނިގަނޑުގެ ދަށުން ޕްރިންސިޕަލުންނަށް ލިބޭ މުސާރައާ ގުޅޭ ތަފްސީލް ހިއްސާކުރައްވައި ކުރެއްވި ޓުވިޓެއްގައެވެ.

ތައުލީމީ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންގެ މުސާރަ ބޮޑުކޮށްފައިވަނީ މިދިޔަ އަހަރުގެ މޭމަހުން ފެށިގެންނެވެ. ކުރީގެ އޮނިގަނޑުގައިވާ ގޮތުން އެކޮމޮޑޭޝަން އެލަވަންސް ނުހިމަނައި ރަށުން ބޭރުގައި މަސައްކަތްކުރާ ޕްރިންސިޕަލުންނަށް ގެއަށް ގެންދަން ލިބެނީ 19،753 ރުފިޔާއެވެ. ނަމަވެސް މުސާރައިގެ އޮނިގަނޑަށް ގެނައި ބަދަލާއިއެކު ރަށުން ބޭރުގައި މަސައްކަތް ކުރާ ޕްރިންސިޕަލުންނަށް އެކޮމޮޑޭޝަން އެލަވަންސް ނުހިމަނައި ގެއަށް ގެންދަން 37،423 ރުފިޔާލިބެއެވެ.

ރަށުން ބޭރުގައި މަސައްކަތްކުރާ ޕްރިންސިޕަލުންނަށް ހައުސިން އެލަވަންސްގެ ގޮތުގައި 7000 ރުފިޔާގެ އެލަވެންސެއް ދެއްވުމަށް ނިންމާފައިވާކަން ރޭ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް ވަނީ އިއުލާންކުރައްވާފައެވެ.

ރަށުން ބޭރުގައި މަސައްކަތްކުރާ ޕްރިންސިޕަލުންނަށް ކުރިން އޮތް އޮނިގަނޑުގެ ދަށުން 9000 ރުފިޔާގެ އެލަވަންސެއް ލިބެއެވެ. ނަމަވެސް މިދިޔަ އަހަރުގެ މެއި މަހު އަމަލުކުރަން ފެށި ވަޒީފާގެ އާ އޮނިގަނޑުގައި މިއެލަވަންސްވަނީ އުނިކޮށްފައެވެ. ކުރީގެ އޮނިގަނޑުގައި އެލަވަންސާއެކު ޕްރިންސިޕަލުން ގެއަށް ގެންދަން ލިބެނީ 28،753.80 ރުފިޔާއެވެ. ރަށުން ބޭރުގައި މަސައްކަތް ކުރާ ޕްރިންސިޕަލުންނަށް ސަރުކާރުން ދެއްވަން ނިންމެވި މިއެލަވަންސާއެކު ޕްރިންސިޕަލުންނަށް ގެއަށް ގެންދަން 44،423 ރުފިޔާ ލިބޭނެއެވެ. މިއީ 15،670 ރުފިޔާގެ އިތުރުވުމެކެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިހާރުވަނީ އިނާޔަތަށް ޝަރުތު ހަމަވާ ޕްރިންސިޕަލުންނަށް އެ ޕޮލިސީއާ ގުޅޭ މައުލޫމާތު ހިއްސާކުރައްވާފައެވެ.