ޚަބަރު

އަތުލައިގަތް ލަންކާގެ 5 މަސްބޯޓު ފުލުހުންނާ ހަވާލުކޮށްފި


  • އަތުލައިގަނެފައިވަނީ ލަންކާގެ 5 މަސް ބޯޓު

  • މިބޯޓުތައް އެމްއެންޑީއެފުންވަނީ ފުލުހުންނާއި ހަވާލުކުރައްވާފައި

ރާއްޖޭގެ ޚާއްޞަ އިޤުތިޞާދީ ސަރަޙައްދުގައި ޤާނޫނާ ޚިލާފަށް މަސްވެރިކަން ކުރަމުންދިޔަ ކަމަށް ބެލެވިގެން، ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެންދިޔަ ސްރީލަންކާގެ ފަސް މަސްބޯޓް މާލެ ގެނެސް ދިވެހި ފުލުހުންނާ ހަވާލުކޮށްފިއެވެ.

މި 5 ބޯޓުވެސް އަތުލައިގެންފައިވަނީ މިދިޔަ ހޯމަ ދުވަހުއެވެ.

މިމަސްބޯޓްތައް އެމްއެންޑީއެފް ކޯސްޓްގާޑު ބެލުމުގެ ދަށަށް ގެންދިޔައީ ރާއްޖޭގެ މަސްދޯންޏެއް ކަމަށްވާ "އަސުރުމާ 03" އިން ކުރި ރިޕޯޓަކާ ގުޅިގެން އެމްއެންޑީއެފް ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންއިން ކުރިއަށް ގެންދިޔަ އޮޕަރޭޝަންގެ ތެރެއިންނެވެ.

އެގޮތުން ފުރަތަމަ އަތުލައިގެން 4 ބޯޓު ފެނިފައިވަނީ، އެމްއެންޑީއެފް ކޯސްޓްގާޑްގެ ޕެޓްރޯލް ކްރާފްޓް "ނޫރައްދީން" ޕެޓްރޯލް ކުރަމުން ދަނިކޮށް ކ.ކާށިދޫގެ އިރުން ގާތްގަޑަކަށް 85 މޭލު ބޭރުންނެވެ. އަދި 5 ވަނަ ބޯޓް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް ޣާޒީ ޕެޓްރޯލް ކުރަމުން ދަނިކޮށް ޅ.އަތޮޅުގެ އިރުން ގާތްގަނޑަކަށް 74 ނޯޓިކަލް މޭލު ބޭރުންނެވެ.

އެމްއެންޑީއެފުން ވިދާޅުވީ މިހާރު މިބޯޓުތައް މާލެ ގެނެސް ދޫނިދޫ ބަނދަރަށް ވައްދައި، ފުލުހުންނާ ހަވާލުކޮށްފައިވާކަމަށެވެ.

ދިވެހި މަސްކަނޑުތައް ބެލެހެއްޓުމުގައި އެމްއެންޑީއެފް ކޯސްޓްގާޑުން ކުރަމުން ގެންދާ މަސައްކަތްތަކުގައި މަސްވެރިން ދެއްވާ އެހީތެރިކަމާއި އެއްބާރުލުން ފާހަގަކޮށް އެމްއެންޑީއެފުންވަނީ ޝުކުރު އަދާކޮށްފައެވެ.