ޚަބަރު

ކުރެންދޫއަށް ކުރި ވިއްސާރައިގައި 62 ގެއަކަށް ގެއްލުން


  • ފެން ބޮޑުވެ ކުރެންދޫގެ 62 ގެއަކަށް އެކިވަރުގެ ގެއްލުން ލިބުނު

  • ލިބުނު ގެއްލުމުގެ ތަފްސީލް ދެނެގަތުމުގެ މަސައްކަތް ދަނީ ކުރަމުން

  • އެންޑީއެމްއޭއިން ވިދާޅުވީ ލިބުނު ގެއްލުމަށް ބަލާ، އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް

ހޯމަ ދުވަހުގެ ރޭ ކުރި ވިއްސާރައިގައި ފެންބޮވެ، ކުރެންދޫގެ 62 ގެއަކަށް ގެއްލުން ލިބިފައިވާ ކަމަށް ކުރެންދޫ ކައުންސިލުން ބުނެފިއެެވެ. ކައުންސިލުން ބުނީ ފެން ހިންދުމުގެ މަސައްކަތް ނިމި، ރަށް އާއްމު ހާލަތަކަށް ގެނެވިފައިވާ ކަމަށެވެ.

ކުރެންދޫ ކައުންސިލްގެ މެންބަރު ޙުސައިން ޒާހިދު ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ފެންބޮޑުވުމުގެ ސަބަބުން ގޭގޭގައި ހިފާ ގެންގުޅޭ ތަކެއްޗަށް އެކި ވަރުގެ ގެއްލުންތައް ވެފައިވާކަމަށެވެ. އެގޮތުން ފަރުނީޗަރާއި، ކަރަންޓުން ބޭނުންކުރާ ސާމާނަށް އެކި ވަރުގެ ގެއްލުންތައް ވެފައިވާކަމަށެވެ.

އަދި މިހާރު ކުރިއަށްދަނީ ވިއްސާރައިގައި ކުރެންދޫ ގެތަކަށް ލިބުނު ގެއްލުންތަކުގެ ތަފްސީލް މަޢުލޫމާތު އެއްކުރުމުގެ މަސައްކަތް ކަމަށް ޒާހިދު ވިދާޅުވިއެވެ. މިކަމުގެ ތަފްސީލްތައް ނަގާ ނިމުމުން އެތަފްސީލްތައް ޑިޒާސްޓަރ މެނޭޖްމަންޓަށް ހުށައަޅާނެކަމަށް އޭނާ ވިދާޅުވިއެވެ.

ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ އެންޑީއެމްއޭއިން ވިދާޅުވީ، ކުރެންދޫގެ ގެތަކަށް ލިބުނު ގެއްލުން ވަޒަން ކުރެވޭނީ ތަފްސީލީ މަޢުލޫމާތުތައް ލިބުމުންކަމަށެވެ. އެމަޢުލޫމާތަށް ބަލާ، ގެއްލުންވި ގެތަކަށް އޮންނަ އުސޫލުން އެހީތެރިކަން ދެއްވާނެކަމަށް އެންޑީއެމްއޭއިން ވިދާޅުވިއެވެ.

ވިއްސާރައިގައި މުޅި ރަށުގައި ފެންބޮޑުވިއެވެ. އެގޮތުން ބައެއް ސަރަހައްދުތަކުގައި ފޫޓަކަށް ފެންބޮޑުވިއެވެ. މިއާއި ގުޅިގެން ރަށުގެ ގިނަ ގެތަކުން ކަރަންޓުވެސް ކަނޑާލަން ޖެހުނެވެ. ނަމަވެސް މިހާރު ހުރިހާ ގެއަކަށްވެސް ކަރަންޓު ދީ، ރަށް އާއްމު ޙާލަތަށް ވަނީ ގެނެސްފައެވެ.

ވިއްސާރަވުމުގެ ސަބަބުން އިއްޔެ ކުރެންދޫ ސްކޫލްވެސް ބަންދުކުރިއެވެ. ނަމަވެސް މިއަދު ވަނީ ސްކޫލްގެ ކިޔެވުން ކުރިއަށް ގެންގޮސްފައެވެ.

މަގުތަކުންވެސް މިހާރު ވަނީ މުޅިން ފެން ހިންދާފައެވެ. ކުރެންދޫ ކައުންސިލުން ވިދާޅުވީ، އިއްޔެއިން ފެށިގެން އެ ސަރަޙައްދަށް މޫސުން ރަނގަޅުކަމަށެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާއިން ލަފާކުރާގޮތުގައި ކުރިއަށް އޮތް 24 ގަޑިއިރުވެސް ރާއްޖޭގެ ބައެއް ހިސާބުތަކަށް، ވިއްސާރަކުރާނެއެވެ. އެގޮތުން ބައެއް ސަރަޙައްދުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވެއެވެ.

އާއްމުގޮތެއްގައި ވައި ޖެހޭނީ 5މޭލާއި 15 މޭލާއި ދެމެދުގެ ބާރުމިނުގައެވެ. ނަމަވެސް ވިލާގަނޑުގައި 35 މޭލަށް ވައިގަދަވާނެއެވެ.

ކަނޑުތައް އާދައިގެވަރަކަށް މަޑުވިނަމަވެސް، ވިލާގަނޑުގައި ގަދަވާނެކަމަށް ލަފާކުރެއެވެ.