ޚަބަރު

އީރާނުގައި ފެންބޮޑުވެ 20 މީހުންނަށް އަނިޔާވެއްޖެ


އީރާނުގެ އިރުމަތީ ސަރަޙައްދުތަކަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމާ ގުޅިގެން ހިނގި އެކި ހާދިސާތަކުގައި 20 މީހަކަށް އަނިޔާވެފައިވާ ކަމުގައި އެ ޤައުމުން ހާމަކޮށްފިއެވެ. ވިއްސާރައިގެ އަސަރު އެންމެ ބޮޑަށް ކުރަމުން ދަނީ ކެސްޕިޔަން ކަނޑުގެ އައްސޭރިފަށުގައި އޮތް ސަރަޙައްދުތަކަށެވެ.

އޭގެ ތެރެއިން ވެސް، އަޒަރުބައިޖާނުގެ ސަރަޙައްދީ ރޮނގު ކައިރީގައި އޮންނަ އީރާނުގެ ދެ ރަށް ކަމުގައިވާ އަސްތާރާއާއި ތާލިޝްގެ ގިނަ ހިސާބުތަކެއްގައި ފެންބޮޑުވެފައިވާ ކަމުގައި އީރާނުގެ މީޑިޔާއިން ރިޕޯޓު ކުރެއެވެ. މިއީ، ފާއިތުވި ޤަރުނެއްހާ ދުވަހުގެ ތެރޭގައި އެ ސަރަޙައްދަށް އެންމެ ބޯކޮށް ވާރޭވެހިފައިވާ ފަހަރު ކަމުގައި އެ ޤައުމުގެ މޫސުމާ ބެހޭ އިދާރާ ހަވާލާދީ މީޑިޔާތަކުން ރިޕޯޓު ކުރެއެވެ.

ކުރިއަށް އޮތް ދުވަސްތަކުގައި ވެސް އީރާނުގެ ޖިލާން ޕުރޮވިންސާއި މާޒިންދަރާން ޕުރޮވިންސުގެ ސަރަޙައްދުތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށް، ގިނަ ރަށްތަކެއްގައި ފެންބޮޑުވާނެ ކަމުގެ އިންޒާރު އެ ޤައުމުގެ ކަމާ ގުޅޭ އިދާރާތަކުން ވަނީ ކޮށްފައެވެ. ފެންބޮޑުވުމާ ގުޅިގެން އަސްތާރާއަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެއެވެ. އަދި، ބައެއް ބުރިޖުތައް ވެއްޓިފައިވާ ކަމުގައި ރިޕޯޓުތައް ބުނެއެވެ.

ފެންބޮޑުވުމާ ގުޅިގެން އަމިއްލަ ގެދޮރުގެ އިތުރުން މަގުތަކުގައި އުޅަނދުފަހަރުގައި ތާށިވެފައިވާ މީހުން ސަލާމަތް ކުރަން އީރާނުގެ ކުއްލި ހާލަތްތަކުގައި ހަރަކާތްތެރިވާ ޓީމުތަކުން ދަނީ މަސައްކަތް ކުރަމުންނެވެ. އީރާނަކީ ގިނަ ޢަދަދެއްގެ ކޯރުތައް ދައުރުކުރާ ޤައުމެކެވެ. އަދި، ފެންބޮޑުވުމުގެ ނުރައްކާ ބޮޑު ޤައުމެކެވެ.

ހުސްވި 2022 ވަނަ އަހަރު އީރާނުގެ 31 ޕުރޮވިންސުގެ ތެރެއިން 21 ޕުރޮވިންސެއްގައި ފެންބޮޑުވިއެވެ. އަދި، ފެންބޮޑުވުމާ ގުޅިގެން ހިނގި އެކި ހާދިސާތަކުގައި 96 މީހުން މަރުވެފައިވާ ކަމުގައި އެ ޤައުމުގެ އިދާރާތަކުން ހާމަކުރެއެވެ.