ޚަބަރު

ސޫދާން ހަނގުރާމައިގައި 1,200 އަށްވުރެ ގިނަ ކުޑަކުދިން މަރުވެއްޖެ


ސޫދާނުގައި މިހާރު ހިނގަމުންދާ ދާޚިލީ ހަނގުރާމައާ ގުޅިގެން 1,200 އަށްވުރެ ގިނަ ޢަދަދެއްގެ ކުޑަކުދިން މަރުވެފައިވާ ކަން އ.ދއިން ހާމަކޮށްފިއެވެ. އެ 1,200 ކުދިންނަކީ ރެފިއުޖީ ކޭމްޕުތަކުގައި ދިރިއުޅޭ ކުދިންނެވެ. އޭގެ ތެރެއިން ގިނަ ޢަދަދެއްގެ ކުޑަކުދިން މަރުވެފައި ވަނީ ހައިހޫނުކަމުގެ އިތުރުން ހިމަބިހިއެޅުމުގެ ސަބަބުން ކަމުގައި އ.ދއިން ބުނެއެވެ.

ސޫދާންގައި ހަރަކާތްތެރިވާ އ.ދގެ އިދާރާތަކުން ބުނީ އެތަކެއް ހާސް ކުޑަކުދިންނެއް ހައިހޫނުކަމާއި ހިމަބިއްސަށް ހުށަހެޅިފައިވާ ކަމުގައެވެ. އަދި، މި އަހަރުގެ ނިމުމުގެ ކުރިން މި ދެ ސަބަބާ ގުޅިގެން އެތަކެއް ހާސް ކުޑަކުދިން މަރުވާނެ ކަމަށް ބެލެވޭ ކަމުގައެވެ. ސޫދާންގެ ދާޚިލީ ހަނގުރާމައިން ސަލާމަތްވުމަށް އެތަކެއް ހާސް ކުޑަކުދިންނެއް، އެ ކުދިންގެ ޢާއިލާތަކާ އެކު އިތިއޯޕިޔާ އަދި ދެކުނު ސޫދާނަށް ހިޖުރަ ކޮށްފައިވެއެވެ.

ސޫދާނުގައި ހައިހޫނުކަމާ ކުރިމަތިލާން ޖެހިފައިވާ ކުޑަކުދިންގެ ޢަދަދު މިހާރު ވެސް 50,000 އަށްވުރެ އިތުރުވެފައިވާ ކަމުގައި އ.ދއިން ބުނެއެވެ. އެ ކުދިންނަށް ކާބޯތަކެތި ފޯރުކޮށްދޭން ކުރަމުންދާ މަސައްކަތްތަކަށް އެޅިފައި އޮތް އެންމެ ބޮޑު ހުރަހަކީ ސޫދާނުގެ ދާޚިލީ ހަނގުރާމަ ކަމުގައި އ.ދގެ ކުޑަކުދިންނާ ބެހޭ ފަންޑު (ޔުނިސެފު)ން ބުނެއެވެ.

ސޫދާންގެ އަސްކަރިއްޔާއާއި ރެޕިޑް ސަޕޯޓް ފޯސަސް (އާރް.އެސް.އެފް)ގެ ފައުޖުތަކާ ދެމެދު ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން އެ ޤައުމު ދޫކޮށް އަވައްޓެރި ޤައުމުތަކަށް ހިޖުރަކޮށްފައިވާ މީހުންގެ ޢަދަދު މިލިޔަނަކަށް ވުރެ މައްޗަށް އަރައެވެ. ސޫދާންގައި ހަނގުރާމަ ފެށުނީ ވެރިކަން ހިންގާ ގޮތާ މެދު އުފެދުނު ޚިޔާލު ތަފާތުވުންތަކަކާ ގުޅިގެން އޭޕްރިލް މަހުގެ 15 ވަނަ ދުވަހު އާރް.އެސް.އެފްގެ ފައުޖުތަކުން ވެރިރަށް ޚަރްތޫމަށް އެރުމުންނެވެ.

ސޫދާންގެ ދާޚިލީ ހަނގުރާމައިގެ ދެ ކޮޅުގައި ތިބީ އަސްކަރިއްޔާގެ އިސްވެރިޔާ ޖެނެރަލް ޢަބްދުލް ފައްތާޙް އަލް-ބުރުހާނާއި އާރް.އެސް.އެފްގެ އިސްވެރިޔާ ޖެނެރަލް މުޙައްމަދު ހަމްދާން ދަގަލޯއެވެ. ޚަރްތޫމްގެ ބައެއް ސަރަޙައްދުތައް މި ވަގުތު އޮތީ އާރް.އެސް.އެފްގެ އަތްދަށުގައެވެ.

އެ ޤައުމުގެ އަސްކަރިއްޔާއިން ދަނީ ޚަރްތޫމްގެ އުތުރާއި އިރުމަތީގައި އާރް.އެސް.އެފްގެ ފައުޖުތަކުން ހަރަކާތްތެރިވަމުންދާ އަމާޒުތަކަށް ވަރުގަދަ ހަމަލަތަކެއް ދެމުންނެވެ. މި ހަމަލަތަކުގައި އަސްކަރީ މަތިންދާބޯޓާއި އާޓިލަރީ ބަޑި ބޭނުން ކުރަމުންދާ ކަމުގައި މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

ސޫދާންގެ ދާޚިލީ ހަމަނުޖެހުންތަކާ ގުޅިގެން އެތަކެއް މިލިޔަން ރައްޔިތުންނެއް ހާލުގައި ޖެހިފައިވާއިރު، އެ މީހުންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތްތަކަށް ކުރިއަށް އޮތް މަސްތަކުގެ ތެރޭގައި 470 މިލިޔަން އެމެރިކާ ޑޮލަރު ބޭނުންވާނެ ކަމުގައި ވެސް އ.ދއިން ވަނީ ބުނެފައެވެ. އަދި، އެ ފައިސާ ހޯދަން އ.ދއިން ދަނީ މަސައްކަތް ކުރަމުންނެވެ.