އ.ދގެ ޢާންމު މަޖިލީހުގެ 78 ވަނަ ބައްދަލުވުން އެމެރިކާގައި ނިއު ޔޯކްގައި ފަށައިފިއެވެ. މި ބައްދަލުވުމުގައި 140 ޤައުމަކުން އެކި ފަންތީގެ އިސްވެރިން ބައިވެރިވެ ވަޑައިގަންނަވައެވެ. ނަމަވެސް، އ.ދގެ ސަލާމަތީ މަޖިލީހުގެ ދާއިމީ ފަސް މެންބަރު ޤައުމުތަކުގެ ތެރެއިން މި އަހަރުގެ ބައްދަލުވުމުން ފެނިގެން ގޮސްފައި ވަނީ އެންމެ މޫނެކެވެ. އެއީ އެމެރިކާގެ ރައީސް ޖޯ ބައިޑަނެވެ.
އ.ދގެ ޢާންމު މަޖިލީހުގެ ބައްދަލުވުމަކީ ބައިނަލްއަޤުވާމީ މަސްރަޙުގައި އޮތް އެންމެ ހައްސާސް އަދި މި ވަގުތު އެންމެ ފާހަގަ ކޮށްލެވޭ މައްސަލަތަކާ ގުޅޭ ގޮތުން ޤައުމުތަކުގެ އިސްވެރިން މަޝްވަރާކޮށް ހައްލުތައް ހޯދަން މަސައްކަތް ކުރުމުގެ ފުރުޞަތު ލިބޭ އެންމެ ބޮޑު ބައްދަލުވުމެވެ. މި ވަގުތު ބައިނަލްއަޤުވާމީ މަސްރަޙުން އެންމެ ފާހަގަ ކުރެވޭ މައްސަލައަކީ ރަޝިޔާ-ޔޫކްރެއިން ހަނގުރާމައިގެ މައްސަލައެވެ.
މި ބައްދަލުވުމުގައި ޔޫކްރެއިންގެ ރައީސް ވޮލޮޑޮމީރް ޒެލެންސްކީ ވެސް ބައިވެރިވެ ވަޑައިގަންނަވައެވެ. މިއީ، 2022 ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ 24 ވަނަ ދުވަހު ހަނގުރާމަ ފެށި ފަހުން ޒެލެންސްކީ ބައިވެރިވެ ވަޑައިގަންނަވާ އ.ދގެ ޢާންމު މަޖިލީހުގެ ފުރަތަމަ ބައްދަލުވުމެވެ.
މި އަހަރުގެ ބައްދަލުވުމުގައި އެންމެ ބޮޑަށް އަލިއަޅުވައިލާނެ މައްސަލައަކީ ރަޝިޔާ-ޔޫކްރެއިން ހަނގުރާމައިގެ މައްސަލަ ކަމަށް ބެލެވުނު ނަމަވެސް، ބައެއް ޤައުމުތަކުގެ އިސްވެރިން ދަނީ ފަލަސްޠީނުގެ ރައްޔިތުންގެ މިނިވަން ކަމުގެ މައްސަލައަށް ވާކާލާތު ކުރަމުންނެވެ. ފަލަސްޠީނުގެ މުސްލިމުންގެ ހައްޤުތައް ހިމާޔަތް ކުރަން ގޮވައިލަމުންނެވެ. އަދި، ފަލަސްޠީނުގެ ކުށެއް ނެތް ޢާންމު ރައްޔިތުންގެ މަތިން ހަނދާން އައުކޮށްދެމުންނެވެ.
މި ބައްދަލުވުމުގައި ތަޤުރީރު ކުރައްވަމުން ޢުރުދުންގެ ރަސްގެފާނު ޢަބްދުالله ދެވަނަ ޢިބްނު އަލް-ޙުޞައިން ވަނީ ފަލަސްޠީނުގެ ރައްޔިތުންގެ މިނިވަން ކަމުގެ މައްސަލައަށް މީގެ ކުރިން ދެމުންދިޔަ އަހަންމިއްޔަތު ކަން މިހާރު ނެތީތޯ ސުވާލު އުފައްދަވާފައެވެ. އަދި، ޔަހޫދީ އިސްރާޢީލުގެ އަޅުވެތިކަމުގެ ދަށުގައި ފަލަސްޠީނުގެ މުސްލިމުން ދިރިއުޅެމުންދާ ނިކަމެތި ހާލުގެ މަތިން ބައިނަލްއަޤުވާމީ މުޖުތަމަޢު ހަނދުމަނެތުނީތޯ ސުވާލު ކުރައްވާފައެވެ.
މެދުއިރުމައްޗަށް މިހާރު ކުރިމަތިވެފައި އޮތް އެންމެ ބޮޑު މައްސަލައަކީ ޔަހޫދީ އިސްރާޢީލުގެ އަޅުވެތި ކަމުގެ މައްސަލަ ކަމުގައި ޢަބްދުالله ވިދާޅުވިއެވެ. އަދި، ޔަހޫދީންގެ އަޅުވެތި ކަމުން ފަލަސްޠީނުގެ މުސްލިމުން ސަލާމަތްކޮށް ނުދެވޭހާ ހިނދަކު، މެދުއިރުމައްޗަށް ހަމަޖެހުން ނުހޯދޭނެ ކަމުގައި އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ނިކަމެތި ހާލުގައި ދިރިއުޅެމުންދާ އެތަކެއް މިލިޔަން ރެފިއުޖީންނަކަށް އެހީތެރިކަން ފޯރުކޮށްދޭން އިހުނައްވުރެ ބޮޑަށް މަސައްކަތް ކުރަން ޖެހިފައިވާ ކަން އޭނާ ފާހަގަ ކުރެއްވިއެވެ. އަދި، އެތަކެއް މިލިޔަން ރެފިއުޖީންނެއްގެ ދަރިން ސްކޫލްތަކުގެ ބަދަލުގައި ވަޒީފާއަށް ފޮނުވާ މަންޒަރު ބަލަން ބައިނަލްއަޤުވާމީ މުޖުތަމަޢުން އޮންނާނީތޯ އޭނާ ސުވާލު ކުރެއްވިއެވެ.
ކޮލޮމްބިޔާގެ ރައީސް ގުސްތާވޯ ޕެތްރޯގެ ތަޤުރީރުގައި އޭނާ ވެސް ވަނީ ފަލަސްޠީނުގެ މުސްލިމުންގެ މިނިވަން ކަމުގެ މައްސަލައަށް އަލިއަޅުއްވައިލައްވާފައެވެ. ޕެތްރޯ ވިދާޅުވީ، މުޅި ދުނިޔޭގައި މިއަދު އެންމެ ހަރުއަޑުން ދައްކަމުން ދަނީ ޔޫކްރެއިންގެ ހަނގުރާމައިގެ ވާހަކަ ކަމުގައެވެ. އަދި، ރަޝިޔާއިން ޔޫކްރެއިނަށް އަރައި އެ ޤައުމުގެ ރައްޔިތުން އަޅުވެތި ކުރުމާއި، ޔަހޫދީ އިސްރާޢީލުގެ ޖައްބާރު ސިފައިން ފަލަސްޠީނުގެ ބިންތަކަށް އަރައި މުސްލިމުން އަޅުވެތިކުރުމާ ދެމެދު އޮތީ ކޮން ތަފާތެއްތޯ އޭނާ ސުވާލު އުފެއްދެވިއެވެ.
"ޔޫކްރެއިންގެ ރައްޔިތުންނާއި ފަލަސްޠީނުގެ މުސްލިމުންނާ ދެމެދު އޮތް ތަފާތަކީ ކޮބާ؟ ދެ ޤައުމުގައި ވެސް ހިނގަމުން އެ ދަނީ ހަނގުރާމަ. އެ ދެ ހަނގުރާމަ ވެސް ހުއްޓުމަކަށް ގެންނަން ޖެހޭ. މިއީ އެ ވަގުތު. އަދި، މޫސުމީ ބަދަލުތަކުން ދުނިޔޭ ސަލާމަތް ކުރަން ވެސް ގިނަގުނަ މަސައްކަތްތަކެއް ކުރަން ޖެހޭ،" ޕެތްރޯ ވިދާޅުވިއެވެ.
ބައްދަލުވުމުގައި ތަޤުރީރު ކުރައްވަމުން އެމެރިކާގެ ރައީސް ބައިޑަން ވަނީ ރަޝިޔާގެ ކޮނޑުގައި ބޮޑެތި ތުހުމަތުތަކެއް އަޅުއްވާފައެވެ. އޭނާ ވިދާޅުވީ، ޔޫކްރެއިން ހަނގުރާމައިގެ ފުރިހަމަ ޒިންމާ ރަޝިޔާއިން އުފުލަން ޖެހޭނެ ކަމުގައެވެ. އަދި، ހަނގުރާމަ ނިމުމަކަށް ގެނެވޭނީ ވެސް ރަޝިޔާއަށް ކަމުގައި އޭނާ ވިދާޅުވިއެވެ.
އަދި، ޔޫކްރެއިނަށް ކާމީޔާބީ ހޯދައިދޭން ދެވެން އޮތް ހުރިހާ އެހީތެރިކަމެއް ފޯރުކޮށްދިނުމުގައި އެމެރިކާއިން ދެމި އޮންނާނެ ކަމުގެ ޔަޤީންކަން އޭނާ އެރުވިއެވެ. ޔޫކްރެއިނަށް އަސްކަރީ ގޮތުން އެންމެ ބޮޑަށް އެހީތެރިކަން ފޯރުކޮށްދެމުން ދަނީ އެމެރިކާއިންނެވެ. މި ކަމަށް އެމެރިކާއިން މިހާރު ވެސް އެތަކެއް ބިލިޔަން ޑޮލަރު ހޭދަކޮށްފައިވާ ކަން ފާހަގަކޮށްލަން ޖެހެއެވެ.