ޚަބަރު

އިންތިޚާބަށްފަހު ނިޒާމީ ވޯޓަކަށް ދާން ޕީއެންސީ/ޕީޕީއެމް އިންވެސް ތާއީދުކޮށްފި


  • ރައްޔިތުން ކައިރީގައި އެނިޒާމް ކަމުދޭތޯ އެހުން އެއީ ދެޕާޓީންވެސް ތާއީދުކަމެއް

  • ނިޒާމީ ވޯޓަކަށް ދާން އެންމެ ބާރުއަޅަނީ "ދަ ޑިމޮކްރަޓްސް" އިން

ރިޔާސީ އިންތިޚާބަށްފަހު ނިޒާމީ ވޯޓްއަކަށްދާން ރައްޔިތުންކައިރީގައި އަހަން ތާއީދުކަމަށް ޕީޕީއެމް ޕީއެންސީ އިން ބުނެފިއެވެ. އެދެ ޕާޓީން މިކަން ހާމަކުރީ އެޕާޓީގެ އޮފީހުގައި ބޭއްވި ނިއުސް ކޮންފަރެންސްގައި ނޫސްވެރިއަކު ކުރެއްވި ސުވާލަަކަށް ޖަވާބު ދެއްވަމުންނެވެ.

ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުއިއްޒުގެ ސްޕޯކްސް ޕާރސަން މުޙައްމަދު ތޮލާލް ވިދާޅުވީ، ނިޒާމީ ވޯޓަކަށް ދާން ތައްޔާރު ކަމަށާ، އެއީ އެ ދެޕާޓީންވެސް ތާއީދު ކުރާކަމެއްކަމަށެވެ. އެޕާޓީގެ ރައީސް ޢަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އަބަދުވެސް ބަރުލަމާނީ ނިޒާމަކަށް ތާއީދު ކުރާކަމަށާ، އެހެން ނަމަވެސް އެނިޒާމަށް އެޕާޓީން ނުގޮސް އޮތީ ރާއްޖޭގެ އޮތް ސިސާސީ މާހައުލާ އެނިޒާމް ނުގުޅޭތީކަމަކަށް ތޮލާލް ވިދާޅުވިއެވެ.

ބަރުލަމާނީ ނިޒާމަކަށް ދިއުމުގެ ކުރިން ވަރަށް ރަނގަޅު ޤާނޫނުތަކެއް ހަދާ އެޤާނޫނުތައް ހަރުދަނާ ގޮތެއްގައި ތަންފީޒު ކުރެވެންޖެހޭކަމަށް ތޮލާލް ވިދާޅުވިއެވެ.

"ނިޒާމީ ވޯޓަކަށް ދާން ތާއީދު ރައްޔިތުން ބޭނުންވާނަމަ އެކަން ބަދަލުކުރުން އެއީ މައްސަލައެއްނޫން.. އެކަމު ވަރަށް ރަނގަޅު ޤާނޫނުތަކެއް ހަދަންވާނެ އަދި އެޤާނޫނޫތައް ހަރުދަނާކޮށް ތަންފީޒު ކުރެވޭނަމަ އެނިޒާމް ރަނގަޅު.. އެކަމު ރާއްޖޭގެ ސިޔާސީ މަސްރަޙް އޮތްގޮތުން އެކަން ކުރުމަކީ އުނދަގޫކަމަށްވާނެ." މުޙައްމަދު ތޮލާލް ވިދާޅުވިއެވެ.

ރައީސް ނަޝީދު އިސްކޮށް ހުންނަވައިގެން އުފައްދަވާފައިވާ ދަ ޑިމޮކްރަޓްސް އިން ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ކުރިން ނިޒާމީ ވޯޓަކަށް ދާން ދެޕާޓީގެ ކިބައިންވަނީ އެދިފައެވެ. އެމްޑީޕީއިންވެސް މިކަމަށް ވަނީ ތާއީދުކޮށްފައެެވެ. އެއީ ރިޔާސީ އިންތިޚާބަށް ފަހުގައެވެ.