ކުޅިވަރު

ރާއްޖޭގެ ޗެމްޕިއަން މާޒިޔާއިން ބަންގްލަދޭޝްގެ ޗެމްޕިއަން ބަޝުންދަރާ ބަލިކޮށްފި


އޭއެފްސީ ކަޕް ފުޓްބޯޅަ މުބާރާތުގައި ރާއްޖޭގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ބަންގްލަދޭޝްގެ ޗެމްޕިއަން ބަޝުންދަރާ ކިންގްސް ބަލިކޮށްފިއެވެ.

ޤައުމީ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗު މާޒިޔާއިން ކާމިޔާބުކުރީ 3-1 ގެ ނަތީޖާއަކުންނެވެ.

މި މެޗުގައި މާޒިޔާއިން ވަނީ އެ ޓީމުގައި ހިމެނޭ ބިދޭސީ ހަ ކުޅުންތެރިންވެސް ފުރަތަމަ އެގާރައިން ފުރުސަތު ދީފައެވެ. އެއާއެކު މެޗު ފަށައިގެން 15 ވަނަ މިނެޓުގައި ސާބިއާގެ ފޯވާޑް ވޮޖިސްލާފް ބަލަބަނޮވިޗް ވަނީ މާޒިޔާއަށް ލީޑު ނަގައިދީފައެވެ. އޭނާ މި ލަނޑު ކާމިޔާބުކުރީ ހާފުގެ މެދެއްހާ ހިސާބުން ފޮނުވާލި ބާރު ހަމަލާއަކުންނެވެ.

އޭގެ ފަހުން ފުރަތަމަ ހާފުގައި މާޒިޔާއިން ޑިފެންސްއަށް އިސްކަންދީގެން ކުޅުނު ނަމަވެސް، ހާފުގެ މެދު ރޮނގާ ހަމައިން މާޒިޔާގެ ބަލަބަނޮވިޗް ފޮނުވާލި އިތުރު ހަމަލާއެއް ދިޔައީ ދަނޑިކައިރިން ބޭރަށެވެ.

މި މެޗުގައި މާޒިޔާއިން ލީޑު ފުޅާކުރީ މެޗުގެ 68 ވަނަ މިނެޓުގައެވެ. މި ލަނޑު ޖަހައިދިނީ ބަދަލަކަށް ކުޅެން އެރިތާ ކުޑައިރުކޮޅެއްގެ ތެރޭގައި ހަސަން ނަޒީމް (ޗޯޓު) އެވެ. އަދި މެޗުގެ އިތުރު ވަގުތުގެ ފުރަތަމަ މިިނެޓުގައި ނާއިޒު ހަސަން (ދާދު) ދިން ބޯޅައަކުން އަލީ ފާސިރު (ސެންޓޭ) ވަނީ މާޒިޔާގެ ތިންވަނަ ލަނޑު ޖަހައިދީފައެވެ. އެކަމަކު އޭގެ މިނިޓެއް ފަހުން އޭރިއާތެރެއިން ލިބުނު ފުރުސަތަކުން ބަޝުންދަރާގެ މުޙައްމަދު އިބްރާހިމް ވަނީ އެ ޓީމަށް ލަނޑެއް ޖަހައިދީފައެވެ.

މި މޮޅާއެކު މާޒިޔާއިން އޭއެފްސީ ކަޕުގެ ފެޑުން ރަނގަޅުކުރިއިރު، މިއީ ރާއްޖޭގެ ޓީމެއް އަތުން ވޭތުވެދިޔަ ހަތަރު އަހަރު ތެރޭ ބަޝުންދަރާ ބަލިވި ފުރަތަމަ ފަހަރެވެ. އެގޮތުން މި މެޗުގެ ކުރިން މާޒިޔާއާ ދެކޮޅަށް ބަޝުންދަރާއިން ކުޅުނު ދެ މެޗުންވެސް އެ ޓީމު ވަނީ މޮޅުވެފައެވެ. މާޒިޔާ ހިމެނޭ ގްރޫޕްގައި ބަޝުންދަރާގެ އިތުރުން ދެން ހިމެނެނީ އިންޑިއާގެ މޯހަން ބަގާން އާއި އޮޑިޝާ އެފްސީއެވެ.