ސިއްހަތު

ޓައިނީ ހާރޓްސް އޮފް މޯލްޑިވްސް އިން ޙާއްސަ ވޯކްޝޮޕެއް ބާއްވައިފި


މައިމީހާގެ ބަނޑުގައިވާ ދަރިފުޅުގެ ހިތުގެ މައްސަލައެއް ހުރިނަމަ އެކަން ދެނެގަންނާނެ ގޮތާ ބެހޭގޮތުން ކަމާގުޅޭ ޑޮކްޓަރުންގެ ކިބައިގައި މަޢުލޫމާތު އިތުރުކުރެއްވުމުގެ މަސައްކަތު ބައްދަލުވުމެއް ބާއްވަވައިފިއެވެ.

އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލާއި، ޓައިނީ ހާރޓްސް އޮފް މޯލްޑިވްސް ގުޅިގެން އެ ހޮސްޕިޓަލުގައި މިއަދު ބޭއްވި މިމަސައްކަތު ބައްދަލުވުމުގައި މަޢުލޫމާތު ދެއްވީ، އިންޑިޔާގެ އަމްރިތާ ހޮސްޕިޓަލުގެ ކްލިނިކަލް ޕްރޮފެސަރ އިން ޕީޑިއޭޓްރިކް ކާޑިއޮލޮޖީ ޑރ. ބާލޫއެވެ.

މިރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އައި.ޖީ.އެމް.އެޗްގެ ސީ.އީ.އޯ ފަރުޙަތު ޝަހީރު ވިދާޅުވީ، ހިތުގެ މައްސަލަތައް ފާހަގަވާ ކުދިންނަށްޓަކައި މިފަދަ މަސައްކަތެއް، ޓައިނީހާރޓްސްއިން އިސްނަގައިގެން ކުރުމަކީ މުހިންމު ކަމެއްކަން ފާހަގަކުރައްވައި، ހިތުގެ މައްސަލަ ހުންނަ ކުދިންނަށް ލިބޭ ގެއްލުން މިކަމުގެ ސަބަބުން ކުޑަވެގެންދާނެކަމަށް އުންމީދުކުރައްވާ ކަމުގައެވެ. އަދި އައި.ޖީ.އެމް.އެޗުގައި އަލަށް ޤާއިމްކުރައްވާ ކާޑިއެކް ސެންޓަރު ހުޅުއްވުމުން ހިތުގެ ބަލިތަކަށް މިހާރު ނުދެވޭ ގިނަ ފަރުވާ ލިބޭނެކަމަށްވެސް ފަރުޙަތު ޝަހީރު ވިދާޅުވިއެވެ.

މިއަދު ބޭއްވެވި މަސައްކަތު ބައްދަލުވުމާ ގުޅޭގޮތުން ޓައިނީހާރޓްސްގެ ބޯޑް ޑައިރެކްޓަރ ފާތިމަތު ލިމްޔާ ވިދާޅުވީ، ބައްދަލުވުމުގައި، މައިގަނޑު ގޮތެއްގައި ކުރިއަށް ގެންދާނީ، ބަނޑުގައިވާ ދަރިފުޅުގެ ހިތުގެ ސްކޭން ހަދާގޮތާއި، އެސްކޭން ވަގުތުން ހަދާނެގޮތް ޑޮކްޓަރުން ބައިތިއްބައިގެން ކިޔައިދިނުން ކަމަށެވެ. ހިތުގެ މައްސަލަ ހުންނަ ކުޑަކުދިންނަށް ފަރުވާދިނުމަށް ޓައިނީ ހާރޓްސްއިން މެދުކެނޑުމެއް ނެތި 8 އަހަރުވަންދެން ބާއްވާ މެޑިކަލް ކޭމްޕް މާދަމާއިން ފެށިގެން 3 ދުވަހުގެ މުއްދަތަށް އައިޖީއެމް.އެޗްގައި ކުރިއަށް ގެންދަން ވަނީ ހަމަޖެހިފައެވެ. މިކޭމްޕްގައި އިކޯޓެސްޓް ހިލޭ ހަދައިދޭނެއެވެ.

މިއަހަރުގެ މިހާތަނަށް ހިތުގެ މައްސަލަ ހުރި 430 މީހުން ޓައިނީހާރޓްސް އޮފް މޯލްޑިވްސްގައި ރަޖިސްޓްރީވެފައިވާއިރު، އޭގެތެރޭގައި ގިނައީ ކުޑަކުދިންކަން އެޖަމްޢިއްޔާއިން ފާހަގަކުރެއެވެ.