ޚަބަރު

ގޭބިސީތަކުގެ އާމްދަނީ އާއި ޚަރަދުކުރުން ހުރިގޮތުގެ ސަރވޭ ފަށައިފި


ގޭބިސީތަކުގެ އާމްދަނީ އާއި ޚަރަދު ކުރުން ހުރިގޮތުގެ ސަރވޭ ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން މިއަދު ފައްޓަވައިފިއެވެ.

އެ ބިއުރޯގެ ފަރާތުން މިއަދު ވަނީ ސާވޭކުރުމަށް ޒިޔާރާތްކުރާނެ ގެތަކުގެ ލިސްޓް ނެގުމުގެ މަސައްކަތް ފައްޓަވާފައެވެ. އަދި ގޭގެއަށް ޒިޔާރާތް ކުރުން އަންނަ ހުކުރު ދުވަހު ފައްޓަވާނެ ކަމަށް އެ ބިއުރޯއިން މަޢުލޫމާތު ދެއްވައެވެ.

ފިނޭންސް މިނިސްޓްރީގެ ދަށުން ހިންގަވާ ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން ކުރިއަށްގެންދަވާ މި ސަރވޭގައި ގޭބިސީތަކުން އެކި ކަންކަމަށް ކުރާ ޚަރަދާއި ބޭނުންކުރާ ކާބޯތަކެތީގެ މިންވަރާއި އާމްދަނީ ހޯދުމަށް ކުރާ މަސައްކަތްތަކާއި ލިބޭ އާމްދަނީ ފަދަ މަޢުލޫމާތު އެއްކުރައްވާނެއެވެ. އަދި އެފަދަ މަޢުލޫމާތުގެ އެހީގައި ކޮންސިއުމަރ ޕްރައިސް އިންޑެކްސްގެ ބާސްކެޓްގައި ހިމެނޭ މުދަލާއި ޚިދުމަތުގެ ބުރަދަން، ގޭބިސީގެ ޚަރަދުކުރުމުގެ ގިންތިތަކަށް އައިސްފައިވާ ބަދަލުތަކާއި އެއްގޮތަށް އިސްލާހު ކުރެވޭނެ ކަމަށް އެ ބިއުރޯއިން މަޢުލޫމާތު ދެއްވައެވެ.

މީގެ އިތުރުން މި ސަރވޭ މެދުވެރިކޮށް އެއްކުރައްވާ މަޢުލޫމާތު، ޤައުމީ އުފެއްދުންތެރިކަމުގެ މިންގަނޑު އެކުލަވާލެއްވުމަށް ބޭނުން ކުރެވޭނެ ކަމަށް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން ވިދާޅުވެއެވެ.

މި ސަރވޭ ކުރިއަށް ގެންދިއުމަށް ހަމަޖައްސަވާފައި ވަނީ މިއަދުން ފެށިގެން މެއި މަހުގެ ނިޔަލަށް އަދި އޯގަސްޓު މަހުން ފެށިގެން އޮކްޓޯބަރ މަހުގެ ނިޔަލަށެވެ. މާލެއިން ހޮވާލެވޭ 720 ގޭބިސީއަކާއި 20 އަތޮޅުން ހޮވާލެވޭ 4265 ގޭބިސީއެއްގައި މިސަރވޭ ކުރެއްވުމަށް އެ ބިއުރޯއިން ވަނީ ނިންމަވާފައެވެ.

މިއީ އެ ބިއުރޯއިން އާންމުކޮށް ކުރިއަށްގެންދަވާ ސަރވޭ ތަކުގެ ތެރެއިން ކޮންމެ 5 އަހަރަކުން އެއްއަހަރު ކުރިއަށް ގެންދަވާ ސަރވޭއެކެވެ.