ޚަބަރު

ކައުންޓަރ އޮފެންސިވްގައި ޔޫކްރެއިނުން ކުރިއެރުންތަކެއް ހޯދައިފި


ރަޝިޔާގެ އިސްތިޢުމާރީ ސިފައިން އަތްގަދަ ކޮށްފައިވާ ބައެއް ސަރަޙައްދުތައް މިނިވަން ކުރެވިއްޖެ ކަމުގައި ޔޫކްރެއިނުން ބުނެފިއެވެ. ޔޫކްރެއިނުން ބުނީ އެ ޤައުމުގެ ދެކުނާއި އިރުމަތީގައިވާ ބަޚްމުތް ކައިރީގައިވާ ބައެއް ސަރަޙައްދުތަކުގައި ހަރަކާތްތެރިވަމުން ދިޔަ ރަޝިޔާގެ ފައުޖުތައް ފަހަތަށް ޖައްސާފައިވާނެ ކަމުގައެވެ.

ރަޝިޔާގެ ސިފައިން ޔޫކްރެއިނަށް ފޮނުވައިގެން ހަނގުރާމަ ފަށާފައި ވަނީ 2022 ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ 24 ވަނަ ދުވަހުއެވެ. ޔޫކްރެއިންގެ އިރުމައްޗާއި ދެކުނުގެ ބައެއް ސަރަޙައްދުތަކަށް ރަޝިޔާގެ ފައުޖުތަކުން އަތްގަދަ ކޮށްފައިވާއިރު، ރަޝިޔާގެ ފައުޖުތަކާ ދެކޮޅަށް ޔޫކްރެއިނުން ކައުންޓަރއޮފެންސިވް ނުވަތަ ރައްދު ހަމަލާގެ އަސްކަރީ ކެމްޕޭން ފަށާފައި ވަނީ ޖޫން މަހުގެ ކުރީކޮޅެވެ.

ކައުންޓަރއޮފެންސިވްގައި ޔޫކްރެއިންގެ ފައުޖުތަކުން މި ވަގުތު އަމާޒު ހިފާފައި ވަނީ އިރުމަތީގައިވާ ދޮނެޓްސްކްގެ ބަޚްމުތް ކައިރީގައި އޮންނަ ރަށްތަކާއި، ދެކުނުގައިވާ ޒަޕޮރީޜިޔާ ކައިރީގައި ރަޝިޔާ ސިފައިން އަތްގަދަ ކޮށްފައިވާ ސަރަޙައްދުތައް މިނިވަން ކުރާށެވެ. ޔޫކްރެއިންގެ ދިފާޢީ ވަޒީރުގެ ނައިބު ހަނާ މަލިޔާރް ވިދާޅުވީ ބަޚްމުތް ކައިރިން 2 އަކަ ކިލޯމީޓަރުގެ ސަރަޙައްދެއް މިނިވަން ކުރެވިފައިވާ ކަމުގައެވެ.

އިރުމަތީގައިވާ ބަޚްމުތް ކައިރީގައި އޮތް ބައެއް ސަރަޙައްދުތައް ވެސް ޔޫކްރެއިނުން ވަނީ މިނިވަން ކޮށްފައެވެ. އޭގެ ތެރޭގައި ކްލިޝްޗިޔީވްކާ ހިމެނެއެވެ. އެއީ ބަޚްމުތްގެ ދެކުނުން އޮންނަ އަވަށެކެވެ. ބަޚްމުތަކީ 10 ވަރަކަށް މަހަށް ދިގުލައިގެން ދިޔަ ލޭއޮހޮރުވުން ބޮޑު އޮޕަރޭޝަނަކަށް ފަހު ރަޝިޔާއިން އަތްގަދަ ކޮށްފައިވާ ރަށެކެވެ. ރަޝިޔާއިން އެ ރަށް ހިފާފައި ވަނީ މޭ މަހުގެ ތެރޭގައެވެ.

މަލްޔާރް ވިދާޅުވީ، ޒަޕޮރީޜިޔާ ކައިރިން ވެސް 5.2 އަކަ ކިލޯމީޓަރުގެ ސަރަޙައްދެއް ރަޝިޔާ ސިފައިންގެ އަތްދަށުން ސަލާމަތް ކޮށްފައިވާނެ ކަމުގައެވެ. އަދި، އެންމެ ވަރުގަދައަށް ހަމަލަ ބަދަލު ކުރަމުން ދަނީ އެ ސަރަޙައްދުގައި ކަމަށް އޭނާ ވިދާޅުވިއެވެ. ދެކުނުގައިވާ ހަނގުރާމައިގެ ކުރީ ސަފުގައިވާ ރަޝިޔާގެ ސަފުތައް ފޫއަޅުވައިލާފައިވާނެ ކަން ޔޫކްރެއިނުން ދާދި ފަހުން ވަނީ އިޢުލާނު ކޮށްފައެވެ.

ރަޝިޔާގެ ފައުޖުތަކުން ވެސް ދަނީ ޔޫކްރެއިންގެ ރަށްތަކަށް ވަރުގަދަ ވައިގެ ހަމަލަތަކެއް އަމާޒު ކުރަމުންނެވެ. މިސައިލާއި ޑްރޯން ބޭނުން ކޮށްގެން ރަޝިޔާއިން ދެމުންދާ ހަމަލަތައް އަމާޒު ކުރަމުން ދަނީ ޔޫކްރެއިންގެ ދެކުނުގައިވާ ސަރަޙައްދުތަކާއި ވިޔަފާރީގެ މަރުކަޒީ ރަށްތަކަށް ކަމުގައި ޔޫކްރެއިނުން ބުނެއެވެ. މި ގޮތުން، ޔޫކްރެއިންގައި ހައްދާ ގޮވާމާއި ކާބޯތަކެތީގެ ބާވަތްތައް އެކްސްޕޯޓު ކުރަން ބޭނުން ކުރާ ބަނދަރުތަކަށް ދެމުންދާ ހަމަލަތައް ރަޝިޔާއިން ވަނީ އިތުރު ކޮށްފައެވެ.

މިކޮލައިފާއި އޮދެއްސާއަކީ އެ ފަދަ ބަނދަރުމަތީ ދެ ރަށެވެ. އެ ރަށްތަކަށް އަމާޒުކޮށް ރަޝިޔާއިން ދާދިފަހުން ދީފައިވާ ގިނަ ޢަދަދެއްގެ ހަމަލަތަކެއް ދިފާޢު ކޮށްފައިވާނެ ކަމުގައި ޔޫކްރެއިނުން ބުނެއެވެ. މި ގޮތުން، 24 ޑްރޯނާއި 20 ކްރޫޒް މިސައިލް ދިފާޢުކޮށް ވައްޓައިލާފައިވާނެ ކަމުގައި ޔޫކްރެއިންގެ ދިފާޢީ ވުޒާރާއިން ބުނެއެވެ.

މި ހަމަލަތަކުގެ ރައްދުގައި ޔޫކްރެއިނުން ވެސް ދަނީ ސަރަޙައްދީ ރޮނގު ހުރަސްކޮށް ރަޝިޔާގެ ރަށްތަކަށް ހަމަލަތައް އަމާޒު ކުރަމުންނެވެ. އަދި، ރަޝިޔާއިން އަތްގަދަ ކޮށްފައިވާ ކްރައިމިޔާގައި އޮންނަ ރަޝިޔާގެ އަސްކަރީ އަމާޒުތަކަށް ހަމަލަ ދެމުންނެވެ. ޔޫކްރެއިންގެ އެންމެ ދެކުނުގައި އޮންނަ ކްރައިމިޔާއަކީ 2014 ވަނަ އަހަރު ރަޝިޔާއިން އަތްގަދަ ކޮށްފައިވާ ސަރަޙައްދެކެވެ. ރަޝިޔާގެ ވެރިރަށް މޮސްކޯއަށް ވެސް ޔޫކްރެއިނުން ދަނީ ޑްރޯން ހަމަލަތައް އަމާޒު ކުރަމުންނެވެ.

ރަޝިޔާ ސިފައިން ޔޫކްރެއިނަށް އަރައި ހަނގުރާމަ ފަށާފައި ވަނީ 2022 ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ 24 ވަނަ ދުވަހުއެވެ. ހަނގުރާމައަށް 573 ދުވަސް ފާއިތުވެފައިވާއިރު، ރަޝިޔާގެ ފައުޖުތަކުން ވަނީ ޔޫކްރެއިންގެ މައި ތިން ސަރަޙައްދަކަށް އަތްގަދަކޮށްފައެވެ.

އެއީ އިރުމަތީގައިވާ ދޮންބާސްގައި ހިމެނޭ މައި ދެ ސަރަޙައްދު ކަމުގައިވާ ލުހާންސްކާއި ޑޮނެޓްސްކުގެ އިތުރުން ދެކުނުގައިވާ ޒަޕޮރީޜިޔާއެވެ. ރަޝިޔާއިން ވެރިވެގަނެފައިވާ ސަރަޙައްދުތައް މިނިވަން ކުރަން ޔޫކްރެއިނުން މިހާރު ދަނީ ކައުންޓަރއޮފެންސިވެއް ނުވަތަ ރައްދު ހަމަލާގެ އަސްކަރީ ކެމްޕޭނެއް ހިންގަމުންނެވެ.