އެމެރިކާއާއި އުތުރު ކޮރެޔާއިން އަސްކަރީ ގޮތުން ގުޅުންތައް ބަދަހި ކުރަމުންދާ ދަނޑިވަޅެއްގައި ޗައިނާގެ ޚާރިޖީ ވަޒީރު ވޮންގް ޔީ ރަޝިޔާއަށް ވަޑައިގަންނަވައިފިއެވެ. ބެއިޖިންގްއަކީ ވެސް މޮސްކޯގެ ގާތް އެކުވެރިއެކެވެ. ޔޫކްރެއިން ހަނގުރާމައިގައި ބެއިޖިންގްއިން މޮސްކޯއަށް އެހީތެރިކަން ފޯރުކޮށްދޭ ކަމަށް ތުހުމަތު ކުރެވުނު ނަމަވެސް، ރަޝިޔާގެ ރިޔާސީ ގަނޑުވަރު ކްރެމްލިނުން ދަނީ މި ތުހުމަތުތައް ދޮގު ކުރަމުންނެވެ.
ވޮންގް މޮސްކޯއަށް ކުރައްވަމުން ގެންދަވާ މި ދަތުރުފުޅުގެ މައިގަނޑު މަޤުޞަދަކީ ދެ ޤައުމުގެ ދެމެދުގައި ސަލާމަތީ ދާއިރާއިން މަޝްވަރާތައް ބޭއްވުން ކަމުގައި މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އޭނާ މޮސްކޯއަށް ވަޑައިގަންނަވާފައި މި ވަނީ، އުތުރު ކޮރެޔާގެ ޒައީމު ކިމް ޖޮންގް އުން ވެސް މޮސްކޯއަށް ވަޑައިގަންނަވައި، ރައީސް ވްލަޑިމިޔަރ ޕުޓިންއާ އެކު އަސްކަރީ ގޮތުން ގުޅުން ބަދަހިކުރުމާ ގުޅޭ މުހިންމު މަޝްވަރާތަކެއް ބޭއްވިތާ ކުޑަ ދުވަސްކޮޅެއް ފަހުންނެވެ.
މި މަހުގެ ކުރީކޮޅު ވާހަކަފުޅު ދައްކަވަމުން ޕުޓިން ވަނީ ކައިރި މުސްތަޤުބަލެއްގައި ޗައިނާގެ ރައީސް ޝީ ޖިންޕިންގްއާ ބައްދަލު ކުރައްވަން ހަމަޖެހިފައިވާ ކަން އިޢުލާނު ކުރައްވާފައެވެ. ނަމަވެސް، އެ ބައްދަލުވުން ބާއްވާނެ ތަނެއް އަދި ތާރީޚެއް ވެސް ޕުޓިން ދެއްވާފައެއް ނުވެއެވެ. ވޮންގް މޮސްކޯއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ޕުޓިން ޗައިނާއަށް ދަތުރުފުޅެއް ކުރެއްވުމާ ގުޅޭ މަޝްވަރާތައް ކުރައްވާނެ ކަމުގައި ރަޝިޔާގެ މީޑިޔާއިން ބުނެއެވެ.
ރަޝިޔާ-ޔޫކްރެއިން ހަނގުރާމައާ ގުޅިގެން ބައިނަލްއަޤުވާމީ ޖިނާޢީ ކޯޓު ކަމުގައިވާ އިންޓަރނޭޝަނަލް ކްރިމިނަލް ކޯޓް (އައި.ސީ.ސީ)ން ވަނީ ޕުޓިން ހައްޔަރު ކުރުމަށް އަމުރެއް ނެރެފައެވެ. އެ އަމުރު ނެރެފައި ވަނީ މާރިޗު މަހުއެވެ. އެ އަމުރު ނެރުނު ފަހުން ޕުޓިން ބޭރު ޤައުމަކަށް ދަތުރުފުޅެއް ކުރައްވާފައެއް ނުވެއެވެ. ޕުޓިން އެންމެ ފަހުން ބޭރު ޤައުމަކަށް ދަތުރުފުޅެއް ކުރައްވާފައި ވަނީ 2022 ވަނަ އަހަރުގެ ޑިސެންބަރު މަހުއެވެ. އެއީ، ބެލަރޫސަށާއި ކިރްގިސްތާނަށެވެ.
ވޮންގް މޮސްކޯއަށް ކުރައްވަމުން ގެންދަވާ ހަތަރު ދުވަހުގެ ދަތުރުފުޅުގައި ރަޝިޔާގެ ދިފާޢީ ވަޒީރު ސަރްޖޭ ޝޮއިގޫއާ ބައްދަލު ކުރައްވާނެއެވެ. މި ބައްދަލުވުމުގެ އެޖެންޑާގެ އެންމެ ކުރީގައި އޮތީ ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ ކަމުގައި ކްރެމްލިނުން ބުނެއެވެ. އަދި، ނޭޓޯގެ ބާރާއި ނުފޫޒު ފުޅާ ކުރަމުންދާ މައްސަލައާ މެދު މަޝްވަރާ ކުރައްވާނެ ކަމުގައި ވެސް ރިޕޯޓުތައް ބުނެއެވެ.
ވޮންގްގެ ދަތުރުފުޅާ ގުޅޭ ގޮތުން ޗައިނާގެ ޚާރިޖީ ވުޒާރާއިން ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ. އޭނާ މޮސްކޯއަށް ވަޑައިގެންނެވުމުގެ ކުރިން އެމެރިކާގެ ޤައުމީ ސަލާމަތާ ބެހޭ މުޝީރު ޖޭކް ސަލިވަންއާ ބައްދަލުކުރައްވައި، މުހިންމު މަޝްވަރާތަކެއް ކުރައްވާފައިވާ ކަން ފާހަގަ ކުރެވެއެވެ. އެ ބައްދަލުވުމުގައި ރަޝިޔާ-އުތުރު ކޮރެޔާ ގުޅުމުގެ ނުރައްކާތެރި ކަމުގެ ވާހަކަ ސަލިވަން ވޮންގްއާ ހިއްސާ ކުރައްވާފައިވާ ކަމަށް މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.
އުތުރު ކޮރެޔާގެ ކިމް ރަޝިޔާއަށް ކުރި ދަތުރާ ގުޅިގެން އެމެރިކާއާއި ހުޅަނގުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އޭނާގެ ދަތުރުގައި ރަޝިޔާއަށް ހަތިޔާރު ވިއްކަން އެއްބަސްވެފައިވާ ކަމަށް އެމެރިކާއިން ޤަބޫލު ކުރެއެވެ. އަދި، ޔޫކްރެއިންގައި ކުރަމުންދާ ހަނގުރާމައިގައި ރަޝިޔާއިން އުތުރު ކޮރެޔާގެ ހަތިޔާރު ބޭނުން ކުރާނެ ކަމަށް އެމެރިކާއިން ދެކެއެވެ. އުތުރާއި ރަޝިޔާއިން ގުޅުން ބަދަހި ކުރަމުން ދަނީ ބެއިޖިންގްގެ ރުހުމާ އެކު ކަމަށް މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.
އުތުރު ކޮރެޔާގެ ނިއުކްލިޔަރ ޕުރޮގުރާމާ ގުޅިގެން އެމެރިކާއާއި ހުޅަނގުން އެ ޤައުމާ ދެކޮޅަށް ދަތިކުރުމުގެ ހަރުކަށި ފިޔަވަޅުތަކެއް އޮތީ އަޅާފައެވެ. އެ ފިޔަވަޅުތަކުގެ ސަބަބުން އެ ޤައުމަށް ލިބެމުންދާ އިޤުތިޞާދީ ގެއްލުން ފޫބައްދަން މޮސްކޯއިން ދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. ޔޫކްރެއިން ހަނގުރާމައާ ގުޅިގެން ރަޝިޔާއާ ދެކޮޅަށް އެމެރިކާއިން މިހާރު ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައިވާއިރު، އުތުރުން ދަނީ ރަޝިޔާއަށް އެހީތެރިކަން ފޯރުކޮށްދޭން މަސައްކަތް ކުރަމުންނެވެ. މޮސްކޯއިން ތެލާއި ގޭސް ގަންނަ މިންވަރު އުތުރުން ވަނީ އިތުރު ކޮށްފައެވެ.