އޭއެފްސީ ކަޕުގައި ބަޝުންދަރާ ކިންގްސްއަކީ ވަރުގަދަ ޓީމެއް ކަމަށާއި، އެކަމަކު ޓީމު އޮތް ހާލަތާއެކު ހިތްވަރާއެކު އަމިއްލަ ދަނޑުގައި ނަތީޖާ ނެރުމުގެ އުއްމީދުގައި ތިބި ކަމަށް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުގެ ކޯޗު ބޮސްނިއާގެ މިލޮމީރް ސެސްލިޖާ (މިލޯ) ބުނެފި އެވެ.
ބަޝުންދަރާ އާއި މާޒިޔާ ވަނީ މީގެ ކުރިންވެސް އޭއެފްސީ ކަޕުގައި ވާދަކޮށްފައެވެ. ސެންޓްރަލައިޒްކޮށް ކުޅުނު ދެ ފަހަރުގެ ތެރެއިން ރާއްޖޭގައި 2021 ވަނަ އަހަރު ކުޅުނު މެޗުން ބަޝުންދަރާ މޮޅުވީ 2-0 ގެ ނަތީޖާއަކުންނެވެ. އަދި މިދިޔަ އަހަރު އިންޑިއާގައި ކުޅުނު މެޗުން މާޒިޔާ ބަލިވީ 1-0 ގެ ނަތީޖާއަކުންނެވެ.
އޭއެފްސީ ކަޕުގައި ރާއްޖޭގެ ޗެމްޕިއަން މާޒިޔާ އާއި ބަންގްލަދޭޝްގެ ޗެމްޕިއަން ބަޝުންދަރާ ބައްދަލުކުރާ މެޗުގެ ކުރިން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން މިލޯ ބުނީ މި މެޗުގައި މާޒިޔާއިން ކުޅޭނީ ބިރު ނުގަނެ، އަމިއްލަ ޤައުމުގައި ކުޅެގެން މޮޅުވެވޭނެ މެޗެއްގެ ގޮތުގައި ވިސްނައިގެން ކަމަށެވެ.
އޭއެފްސީ ކަޕަކީ ވަރަށް ވަރުގަދަ މުބާރާތެއްކަން ފާހަގަކުރަމުން މިލޯ ބުނީ މިހާރު ކުޅެން ޖެހެނީ ހޯމް އެންޑް އަވޭ ފޯމެޓަށް ކަމަށްވާތީ އޭގެ ފައިދާ ނެގިދާނެ ކަމަށެވެ. އަދި ރާއްޖޭގައި މި މެޗު ކުޅޭއިރު ބޭނުންވަނީ ކުޅުންތެރިންވީ އެންމެ ރަނގަޅަށް މަސައްކަތް ކުރަން ކަމަށާއި، ދަނޑުން ފައިބާއިރު ބޭނުންވަނީ އިސްޖަހައިގެން ތިބި ބައެއްގެ ބަދަލުގައި އިސް އުފުލައިގެން ތިބޭ ބައެއްގެ ގޮތުގައި ތިބުމަށް ކަމަށެވެ.
މާޒިޔާ އޮތީ މި މުބާރާތުގައި ވާދަކުރާ އެހެން ޤައުމުތަކުގެ ޓީމުތަކާ އަޅާބަލާއިރު ފެންވަރު ރަނގަޅު މެޗެއް ނުލިބިއެވެ. އެކަން ފާހަގަކޮށް ކޯޗު ވަނީ ޓީމު އޮތް ހާލަތާއި ގުޅޭގޮތުން ވާހަކަދައްކާފައެވެ. އަދި ދަނޑުމަތީގައި ހުރިހާ އުއްމީދެއްވެސް އޮތީ ކުޅުންތެރިން ކުރާ ހިތްވަރު ކަމަށާއި މީގެ ދެތިން މަސް ކުރިން ބަންގްލަދޭޝް އަތުން ރާއްޖެ ބަލިވުމުން އޭގެ ނަތީޖާ އަނބުރާލުމުގެ މޯޓިވޭޝަންގެ ބޭނުން މާޒިޔާއަށް ހިފިދާނެ ކަމަށްވެސް ވަނީ ބުނެފައެވެ.
މާޒިޔާ ގްރޫޕްގައި ބަޝުންދަރާގެ އިތުރުން ދެން ހިމެނެނީ އިންޑިއާގެ މޯހަން ބަގާން އާއި އޮޑިޝާ އެފްސީއެވެ.