އޭއެފްސީ ކަޕުގެ ގްރޫޕް ސްޓޭޖުގައި މިއަދު ރާއްޖޭގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާ ދެކޮޅަށް ކުޅޭ މެޗުން ދެ ޤައުމުގެ ފުޓްބޯޅައިގެ ވާދަވެރިކަން ވަރަށް ރަނގަޅަށް ފެނިގެންދާނެ ކަމަށް ބަންގްލަދޭޝްގެ ޗެމްޕިއަން ބަޝުންދަރާ ކިންގްސްގެ ކޯޗު އޮސްކާ ބްރުޒޮން ބުނެފިއެވެ.
ޤައުމީ ފުޓްބޯޅަ ދަނޑުގައި މިއަދު ރާއްޖޭގެ މާޒިޔާ އާއި ބަޝުންދަރާ ވާދަކުރާ މެޗުގެ ކުރިން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ކޯޗު އޮސްކާ ބުނީ އެންމެ ބޮޑު ކަންބޮޑުވުމަކީ ގިނަ ބިދޭސީ ކުޅުންތެރިންތަކަކާ އެކު މާޒިޔާ ތައްޔާރުވުން ކަމަށެވެ. ނަމަވެސް މާޒިޔާގެ ވަކި ވަކި ކުޅުންތެރިންގެ އެނަލިސިސް ހަދައި، ޓީމު ރަނގަޅަށް ތައްޔާރުވެފައިވާ ކަމަށް އޭނާ ބުންޏެވެ.
އޮސްކާ ބުނީ މާޒިޔާގައި ގިނައީ އެއްކޮށް ގިނަ ދުވަސްތަކެއް ވަންދެން ކުޅެފައިތިބި ކުޅުންތެރިން ކަމަށާއި އެއީ އުނދަގޫވެދާނެ ކަމެއް ކަމަށެވެ. ޚާއްސަކޮށް މާޒިޔާގައި ތިބި ކުޅުންތެރިންގެ ތެރެއިން ހަމްޒާ މުޙައްމަދު (ހަމްޕު) އާއި އަލީ ފާސިރު (ސެންޓޭ) އަށް ޚާއްސަ ސަމާލުކަމެއް ދޭނެ ކަމަށާއި، ޓީމުގައި ތިބި ވަކިވަކި ކުޅުންތެރިންގެ ހުނަރަށް ބަލާއިރު ތިބީ ކޮލިޓީ ކުޅުންތެރިން ކަމަށްވެސް ބުންޏެވެ.
މާޒިޔާއަށް ޚާއްސަ ސަމާލުކަމެއް ދޭނެކަން ފާހަގަކުރަމުން އޮސްކާ ބުނީ އެ ޓީމުން އެންމެ އިސްކަމެއް ދީގެން ޓީމު ވަރުގަދަކުރަނީ އޭއެފްސީ ކަޕަށް ކަމަށާއި، އެހެންކަމުން މިއީ ޗެލެންޖަކަށް ވާނެ ކަމެއް ކަމަށެވެ. އަދި ބަޝުންދަރާއިން މި މެޗު ފަސޭހަކޮށް ނުނަގާނެ ކަމަށްވެސް އޮސްކާ ބުންޏެވެ.
މިއީ ކޮވިޑް-19 ގެ މެދުކެނޑުމަށްފަހު އޭއެފްސީ ކަޕް ފުޓްބޯޅަ މުބާރާތް އަލުން ހޯމް އެންޑް އަވޭ ފޯމެޓަށް ކުޅޭ ފުރަތަމަ ފަހަރެވެ. މީގެ ކުރިން ކުޅުނީ ސެންޓްރަލައިޒް ކޮށެވެ. އެކަމާ ގުޅޭ ގޮތުން ވާހަކަދައްކަމުން އޮސްކާ ބުނީ މިއީ އެންމެ އިންސާފުވެރި ފޯމެޓް ކަމަށެވެ.
އޮސްކާ ބުނީ އިންޑިއާ ކަހަލަ ފުޓްބޯޅައިގެ ވަސީލަތްތައް ގިނަ ގައުމެއްގެ ކުލަބުތަކާ ވާދަކުރަން ބަލާއިރު މިއީ އެހެން ޓީމުތަކަށް އޮތް ގޮންޖެހުމެއް ކަމަށެވެ.
އޭއެފްސީ ކަޕުގެ ގްރޫޕް ސްޓޭޖުގައި މާޒިޔާ އާއި ބަޝުންދަރާ ބައްދަލުކުރާ މެޗު ފަށާނީ މިއަދު 15:00 ގައެވެ.