ޚަބަރު

އެމެރިކާއާއި އީރާނާ ދެމެދު ކުށްވެރިން ބަދަލުކޮށްފި


އެމެރިކާއާއި އީރާނާ ދެމެދު ކުށްވެރިން ބަދަލުކޮށްފިއެވެ. ދެ ޤައުމުގެ ދެމެދުގައި ހަދާފައިވާ އެއްބަސްވުމެއްގެ ދަށުން އީރާނުން ވަނީ އެ ޤައުމުގައި ހައްޔަރު ކޮށްފައިވާ އެމެރިކާގެ ފަސް ރައްޔިތުން މިނިވަން ކޮށްފައެވެ. އަދި، އެމެރިކާއިން ވެސް ވަނީ އެ ޤައުމުގައި ހައްޔަރު ކޮށްފައިވާ އީރާނުގެ ފަސް މީހުން މިނިވަން ކޮށްފައެވެ.

މި އެއްބަސްވުމުގެ ދަށުން، އެމެރިކާގެ އެންގުމަށް ފްރީޒް ކޮށްފައިވާ ނުވަތަ ހިފަހައްޓާފައިވާ އީރާނުގެ 6 ބިލިޔަން އެމެރިކާ ޑޮލަރު ދޫކޮށްފައިވާ ކަން ވެސް ފާހަގަ ކުރެވެއެވެ. އެމެރިކާއާއި އީރާނާ ދެމެދު ކުށްވެރިން މިނިވަންކޮށް، ހިފަހައްޓާފައިވާ އީރާނުގެ ފައިސާތަކެއް ދޫކުރަން ނިންމާފައި ވަނީ ޤަޠަރުން މެދުވެރިއެއްގެ ގޮތުގައި މަސައްކަތް ކޮށްގެން އެކުލަވައިލި އެއްބަސްވުމެއްގެ ދަށުންނެވެ.

ހިފަހައްޓާފައިވާ އީރާނުގެ 6 ބިލިޔަން އެމެރިކާ ޑޮލަރު ދޫކޮށްލި ކަމުގެ ޔަޤީން ކަން އީރާނަށް ލިބުމާ އެކު، އެ ޤައުމުގައި ހައްޔަރު ކޮށްފައިވާ އެމެރިކާގެ ފަސް މީހުން މިނިވަން ކޮށްފައިވެއެވެ. އެ މީހުން އެނބުރި ޤައުމަށް ގެންގޮސްފައި ވަނީ ޤަޠަރުން ހަމަޖެއްސި މަތިންދާބޯޓެއްގައެވެ. އެ މީހުންނަކީ އެކި ކުށްތަކުގެ ތުހުމަތުގައި ހައްޔަރު ކޮށްފައިވާ ފަސް މީހުންނެވެ.

އެ މީހުންނާ އެކު، އީރާނުގައި ދިރިއުޅޭ އެމެރިކާގެ އިތުރު ދެ ރައްޔިތުން ވެސް އެނބުރި ޤައުމަށް ގޮސްފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. އެމެރިކާގައި ހައްޔަރު ކޮށްފައިވާ އީރާނުގެ ފަސް މީހުންގެ ތެރެއިން ދެ މީހުން ފޮނުވާފައި ވަނީ ޤަޠަރަށެވެ. އަނެއް ތިން މީހުން މިނިވަން ކުރި ނަމަވެސް، އެނބުރި އީރާނަށް ދިޔުމަށް އެ މީހުން ދެކޮޅު ހަދާފައިވާ ކަމުގައި އެމެރިކާއިން ބުނެއެވެ.

މި އެއްބަސްވުމާ އެކު، ހަތުރުންގެ ގޮތުގައި ފާހަގަ ކުރެވޭ އީރާނާއި އެމެރިކާއާ ދެމެދު އޮތް ނުތަނަވަސް ކަމަށް ކޮންމެ ވެސް ވަރެއްގެ ފިނިކަމެއް ލިބިފައިވާ ކަމަށް ޤަބޫލު ކުރެވޭ ކަމުގައި މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އެމެރިކާއިން ދެކޭ ގޮތުގައި އީރާނަކީ ޓެރެރިޒަމަށް ހިތްވަރުދޭ ޤައުމެކެވެ. އީރާނުން ދެކެނީ އެމެރިކާއަކީ "އެންމެ ބޮޑު ޝައިތާނު"ގެ ގޮތުގައެވެ.

ދެ ޤައުމުގެ ދެމެދުގައި އެއްބަސްވުމެއްގެ ދަށުން ކުށްވެރިން މިނިވަން ކޮށްފައިވީ ނަމަވެސް، ދެ ޤައުމުގެ ދެމެދުގައި އޮތް ޚިޔާލުތަފާތުވުންތަކާއި ކޯޅުންގަނޑަށް ފިނިކަމެއް އައިސްފައި ނުވާ ކަން ފާހަގަ ކޮށްލަން ޖެހެއެވެ. ދެ ޤައުމުގެ ދެމެދުގައި އުފެދިފައި އޮތް އެންމެ ބޮޑު މައްސަލައަކީ އީރާނުގެ ނިއުކްލިޔަރ ހަކަތަ އުފެއްދުމުގެ ޕުރޮގުރާމެވެ.

އެމެރިކާއިން ދެކޭ ގޮތުގައި އީރާނުގެ ނިއުކްލިޔަރ ހަކަތަ އުފެއްދުމުގެ ޕުރޮގުރާމުގެ މައިގަނޑު މަޤުޞަދަކީ ނިއުކްލިޔަރ ހަތިޔާރު އުފެއްދުމެވެ. ނަމަވެސް، އީރާނުން މި ތުހުމަތު ދޮގު ކުރެއެވެ. އެ ޤައުމުން ބުނަނީ، ނިއުކްލިޔަރ ޕުރޮގުރާމަކީ ހަކަތަ އުފެއްދުމުގެ ބޭނުމުގައި ކުރިއަށް ގެންދާ ޕުރޮގުރާމެއް ކަމުގައެވެ. ނަމަވެސް، މި އެއްބަސްވުމާ އެކު ދެ ޤައުމުގެ ދެމެދުގައި ސުލްޙައިގެ މަޝްވަރާތައް ފެށުމުގެ ދޮރު ހުޅުވިފައިވާ ކަމަށް މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ޤަބޫލު ކުރެއެވެ.

އެމެރިކާއާއި އީރާނާ ދެމެދު މެދުވެރިއެއްގެ ދައުރު އަދާކޮށްފައިވާ ޤަޠަރުން ފަހަކަށް އައިސް ދަނީ ބައިނަލްއަޤުވާމީ މަސްރަޙުގައި ބޮޑު ދައުރެއް އަދާ ކުރަމުންނެވެ. އަދި، ފުޅާ ދާއިރާއެއްގައި މަސައްކަތްތަކެއް ކުރަމުންނެވެ. އެ ޤައުމުން އީރާނާ އެކު ގުޅުންތައް ބަދަހި ކުރަމުންދާ ކަން ވެސް ފާހަގަ ކުރެވެއެވެ. އެމެރިކާއާއި އީރާނާ ދެމެދު ކުށްވެރިން ބަދަލު ކުރުމާ ގުޅޭ އެއްބަސްވުމެއް އެކުލަވައިލާފައި ވަނީ، މި ކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ޤަޠަރުގައި ފަސް ފަހަރު މަތިން ބައްދަލުވުންތައް ބޭއްވުމަށް ފަހުއެވެ.