ޚަބަރު

ފެންބޮޑުވުމުގެ ސަބަބުން ލީބިޔާގައި ބަލިމަޑުކަން ފެތުރިދާނެ ކަމުގެ އިންޒާރު


ފެންބޮޑުވުމުގެ ސަބަބުން ލީބިޔާގައި ގެއްލުން ލިބިފައިވާ ސަރަޙައްދުތަކުގައި ނުރައްކާތެރި ބަލިމަޑުކަމެއް ފެތުރިދާނެ ކަމުގެ އިންޒާރު އ.ދއިން ކޮށްފިއެވެ. ލީބިޔާގެ އިރުމަތީގައިވާ ބައެއް ސަރަޙައްދުތަކުގައި ފެންބޮޑުވެފައި ވަނީ މެޑިޓެރޭނިޔަން ކަނޑުގައި އުފެދުނު ބާރުގަދަ ތޫފާނެއް ކަމުގައިވާ ޑެނިއެލްގެ ސަބަބުންނެވެ. އެ ޤައުމުގައި ހާލުގައި ޖެހިފައިވާ މީހުންނަށް އިންސާނީ އެހީ ފޯރުކޮށްދޭން 71 މިލިޔަން އެމެރިކާ ޑޮލަރު ބޭނުންވާނެ ކަމުގައި އ.ދއިން ބުނެއެވެ.

ފެންބޮޑުވުމުގެ އަސަރު އެންމެ ބޮޑަށް ކޮށްފައި ވަނީ އިރުމަތީގައިވާ ދަރްނާއަށެވެ. ބޯކޮށް ވާރޭވެހި ދެ ޑޭމް ހަލާކުވެ، ކޯރެއްގެ ފެންގަނޑު ބަންޑުންވުމާ ގުޅިގެން ލީބިޔާއިން މަރުވި މީހުންގެ ޢަދަދު މިހާރު ވަނީ 11,300 އަށްވުރެ މައްޗަށް އަރާފައެވެ. އަދި، "ސުނާމީ"އެއްގެ ގޮތުގައި ސިފަކޮށްފައިވާ ރާޅާ އެކު ގެއްލިފައިވާ ކަމަށް ބެލެވޭ އިތުރު 10,000 މީހުންގެ ހަށިގަނޑު އަދިވެސް ނުފެންނަ ކަމުގައި އ.ދއިން ބުނެއެވެ.

އ.ދއިން ބުނީ ދަރްނާގެ ބޯފެން ތަޣައްޔަރުވެފައިވާ ކަމުގައެވެ. އަދި، ނަރުދަމާ ނިޒާމަށް ގެއްލުން ލިބިފައިވާ ކަމުގައެވެ. މިއާ އެކު އެ ސަރަޙައްދުގައި ފެނުގެ ޒަރީއާއިން ފެތުރޭ ބަލިތައް ޢާންމުވުމުގެ ފުރުޞަތު އޮތް ކަމުގައި އ.ދއިން ބުނެއެވެ. ލީބިޔާގައި ހާލުގައި ޖެހިފައިވާ މީހުންނަށް އިންސާނީ އެހީތެރިކަން ފޯރުށްދޭން އ.ދގެ ނުވަ އިދާރާއަކުން މިހާރު ދަނީ މަސައްކަތް ކުރަމުންނެވެ.

ލީބިޔާގެ އިރުމަތީ ސަރަޙައްދުގައި ވެރިކަން ކުރާ ސަރުކާރުގެ ޞިއްޙަތާ ބެހޭ ވަޒީރު އުޘްމާން ޢަބްދުލްޖަލީލް ވިދާޅުވީ، އެ ސަރަޙައްދުގައި ބަލިމަޑުކަމެއް ފެތުރިދާނެ ކަމުގެ އިންޒާރު ދިނުމާ ގުޅިގެން، ވެންސިން ދިނުމުގެ ޚާއްޞަ ކެމްޕޭނެއް ފަށާފައިވާ ކަމުގައެވެ. ވެކްސިން ޖަހައިދެމުން ދަނީ މީހުން ސަލާމަތް ކުރަން އުޅޭ ޓީމުތަކުގެ މެންބަރުންނާއި، ޞިއްޙީ ޚިދުމަތްތެރިންގެ އިތުރުން ކުޑަކުދިންނަށެވެ.

ދަރްނާގައި ގެއްލިފައިވާ ކަމަށް ބެލެވޭ އެތަކެއް ހާސް މީހުންނެއް ހޯދުމުގެ މަސައްކަތްތައް މެދުކެނޑުމެއް ނެތި ކުރަމުންދާއިރު، މި ކަމުގައި ބޭރު ޤައުމުތަކުގެ ޓީމުތަކުން ވެސް ދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. ލީބިޔާއަށް ޓީމުތައް ފޮނުވާފައިވާ ޤައުމުތަކުގެ ތެރޭގައި ފަރަންސޭސިވިލާތް، އީރާން، ރަޝިޔާ، ސަޢޫދީ ޢަރަބިއްޔާ، ތޫނިސް، ތުރުކީވިލާތް އަދި އެކުވެރި ޢަރަބި ޢިމާރާތް (ޔޫ.އޭ.އީ) ހިމެނެއެވެ.

ލީބިޔާގެ ހުޅަނގާއި އިރުމަތީގައި ވެރިކަން ކުރަނީ ދެ ސަރުކާރަކުންނެވެ. އޭގެ ތެރެއިން ބައިނަލްއަޤްވާމީ މުޖުތަމަޢުން ބަލައިގަނެފައި ވަނީ ހުޅަނގުގައި ވެރިކަން ކުރާ ޢަބްދުލްޙާމިދު ދަބީބާގެ ސަރުކާރެވެ. ލީބިޔާގައި ދެ ސަރުކާރެއް އުފެދިފައި ވަނީ އެ ޤައުމުގެ އިންތިޚާބީ ބޮޑުވަޒީރު މުޣައްމަރް ޤައްޜާފީގެ ސަރުކާރު 2014 ވަނަ އަހަރު ވައްޓައިލުމާ ގުޅިގެންނެވެ. ޤައްޜާފީގެ ސަރުކާރު ވައްޓައިލާ އޭނާ އަވަހާރަ ކޮށްލާފައި ވަނީ ނޭޓޯއިންނެވެ.