ޚަބަރު

ގަވާއިދާ ޚިލާފަށް މަސް ބާނަމުންދިޔަ ލަންކާގެ 4 ބޯޓެއް އަތުލައިގަނެފި


  • ޤަވާއިދާ ޚިލާފަށް މަސްބާނަމުން ދިޔައީ ލަންކާގެ ބޯޓުތަކެއް

  • މިބޯޓުތައް އަތުލައިގަތީ އދ.މަހިބަދޫ މަސްދޯންޏަކުން ފޯރުކޮށްދިން މަޢުލޫމާތުގެ އަލީގަ

ރާއްޖޭގެ ޚާއްސަ އިޤްތިޞާދީ ސަރަޙައްދުގައި ޤާނޫނާ ޚިލާފަށް މަސްވެރިކަންކުރަމުންދިޔަ ބޭރުގެ 4 މަސްބޯޓު އެމްއެންޑީއެފް ކޯސްޓްގާޑްގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ. އެމްއެންޑީއެފުން ވިދާލުވީ އަތުލާގަތީ ސްރީ ލަންކާގެ ބޯޓުތަކެއްކަމަށެވެ.

އެމްއެންޑީއެފުން ވިދާޅުވީ މިބޯޓުތައް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ، އދ.މަހިބަދޫ "އަސުރުމާ" މަސްދޯނިން ފޯރުކޮށްދިން މައުލޫމާތަކާއި ގުޅިގެން ކުރިއަށްގެންދިޔަ އޮޕަރޭޝަނެއްގައިކަމަށެވެ. އެ މަޢުލޫމާތުގެ އަލީގައި ފެށި އޮޕަރޭޝަން ހުއްޓާނުލާ އަދިވެސް ކުރިއަށްދާކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.


ރާއްޖޭގެ ޚާއްސަ އިޤްތިޞާދީ ސަރަޙައްދުން މަސްވެރިކަންކުރާ ބޭރުގެ އުޅަނދުތައް ހިފަހައްޓައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ކަމާއިބެހޭ އިދާރާތަކައި ގުޅިގެން ސަރުކާރުން އަންނަނީ ކުރައްވަމުންނެވެ.

ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ބޭރުގެ މަސްބޯޓުތައް ހަރަކާތްތެރިވާކމުގެ މަޢުލުމާތު އެންމެ ގިނައިން ލިބެނީ މަހަށ ްނިކުމެ އުޅޭ މަސްދޯނިފަހަރުންކަން އެމްއެންޑީއެފުން ފާހަގަކުރައްވައެވެ.

ރާއްޖޭގެ ޚާއްސަ އިޤްތިޞާދީ ސަރަޙައްދު ބެލެހެއްޓުމުގައި އެމްއެންޑީއެފްގެ ކޯސްޓް ގާޑުން ގިނަ މަސައްކަތްތަކެއް ކުރައްވައެވެ.