ޚަބަރު

ޕީސީބީގެ ރައީސާއި 2 މެންބަރުންގެ ދައުރުހަމަވެ، މަޤާމުން ވަކިވެއްޖެ


  • ދައުރު ހަމަވެފައިވަނީ އާސިމް މުޙައްމަދާއި މެންބަރު ރުޝާހާއާއި އަލީ ޝަފީޢު

  • ބޯޑު ވަގުތީގޮތުން ހިންގަވާނީ ނައިބް ރައީސް މުޙައްމަދު ފިރާޟް

  • ޕީސީބީ މެންބަރުންގެ ދައުރަކީ 4އަހަރު

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ ރައީސް އާސިމް މުޙައްމަދާއި އިތުރު 2 މެންބަރުންގެ ދައުރު ހަމަވެ މަޤާމުން ވަކިވެއްޖެއެވެ.

ޕީސީބީގެ ރައީސްގެ އިތުރުން ދައުރު ހަމަވެ މަޤާމުން ވަކިވެފައިވަނީ އެބޯޑުގެ މެންބަރު ރުޝާހާ އަޙްމަދު ޝަރީފްއާއި، އަލީ ޝަފީޢުއެވެ. އެތިން ބޭފުޅުންގެ މެންބަރުކަމުގެ މުއްދަތު ހަމަވެފައިވަނީ މިމަހުގެ 16 ވަނަ ދުވަހަށެވެ.

އާޞިމް މުޙައްމަދު ޕީސީބީ ބޯޑުގެ މެންބަރު ކަމުގެ މަޤާމަށް ފުރަތަމަ އައްޔަން ކުރައްވާފައިވަނީ އެ ބޯޑުގެ ނައިބްރައީސްގެ ގޮތުގައި 2019 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 17 ވަނަ ދުވަހުއެވެ. އަދި ބޯޑުގެ ރައީސްގެ މަޤާމަށް އޭނާ އައްޔަން ކުރެއްވީ 2021 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 13 ވަނަ ދުވަހުގައެވެ. އަދި މެންބަރު އަލީ ޝަފީޢު އާއި ރުޝާހާ އަޙްމަދު ޝަރީފް ބޯޑު މެންބަރުކަމުގެ މަޤާމަށް އައްޔަން ކުރައްވާފައިވަނީ 2019 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 17 ވަނަ ދުވަހުގައެވެ.

ޕީސީބީން ވިދާޅުވީ ހުސަވެފައިވާ އެބޯޑުގެ ރައީސްގެ މަޤާމާށް މީހަކު އައްޔަން ކުރެވެންދެން، ރައީސްގެ ޒިންމާތައް ނަންގަވަމުން ގެންދަވާނީ ނައިބް ރައީސް މުޙައްމަދު ފިރާޟްކަމަށެވެ.

ދައުލަތުގެ ވިޔަފާރިތަންތަން ޕްރައިވަޓައިޒް ކުރުމާއި، ކޯޕްރަޓައިޒް ކުރުމަށާއި، އަދި މޮނިޓާކޮށް އިވެލުއޭޓް ކުރުމަށް އުފެދިފައިވާ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑަކީ 7 މެންބަރުންގެ މައްޗަށް އެކުލެވިގެންވާ ބޯޑެކެވެ. އެބޯޑުގެ މެންބަރުންގެ ދައުރަކީ 4 އަހަރު ދުވަހެވެ.