ޚަބަރު

މެންބަރުން ތަޅުމަށް ނުވަދެ ކޯރަމް ހަމަނުވުމުން މިއަދުގެ މަޖިލިސް ކެންސަލް


  • މެންބަރުން ޖަލްސާއަށް ވަނުމަށް ދެކޮޅު ހެދީ އެޖެންޑާ އާއި މެދު ހިތްހަމަނުޖެހޭތީވެ

  • ސަރުކާރާއި ދެކޮޅަށް ހުށަހަޅާފައިވާ ބިލްތަކަށް މަޖިލީހުގެ އެޖެންޑާއިން ޖާގަ ދީފައިވާކަމަށް ބުނޭ

  • ކޯރަމް ހަމަނުވާތީ މަޖިލީހުގެ ޖަލްސާ މިއަދުވަނީ ބޭއްވޭ ގޮތް ނުވެފައި

އެމްޑީޕީގެ ބައެއް މަޖިލިސް މެންބަރުން، މަޖިލީހުގެ ތަޅުމަށް ވަނުމަށް ދެކޮޅު ހެދުމުން، މިއަދު ބޭއްވުމަށް ހަމަޖެހިފައިވާ މިއަހަރުގެ 3 ވަނަ ދައުރުގެ 6 ވަނަ ޖަލްސާ ނުބޭއްވުނެވެ.

އެމްޑީޕީގެ މެންބަރުން މަޖިލީހުގެ ތަޅުމަށް ވަދެ ޖަލްސާ ފެށުމަށް ދެކޮޅު ހަދާފައިވަނީ ރައްޔިތުންނާއި ގުޅުން ހުރި މުހިންމު ބިލްތައް އެއްފަރާތްކޮށް، ސަރުކާރާއި ދެކޮޅަށް ހުށަހަޅާފައިވާ ބިލްތަކަށް، މިއަދުގެ ޖަލްސާއަށް އެޖެންޑާ ކޮށްފައިވާތީ ކަމަށް އެމްޑީޕީގެ މެންބަރުންވަނީ ވިދާޅުވެފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވީ އެޖެންޑާގެ ޝަކުވާއެއް އޮތްކަމަށް، މަޢުލޫމާތު ލިބޭ ކަމަށާއި، އެޖެންޑާގައި މަޖިލީހުގެ ޤަވާޢިދާއި ޚިލާފު އެއްވެސް މައްސަލައެއް ނުހިމެނޭނެކަމަށެވެ.

މިއަދުގެ ޖަލްސާއަށް އެޖެންޑާ ކުރައްވާފައިވާ ކަންކަމުގެ ތެރޭގައި ދިވެހިރާއްޖޭގެ މަސްކަނޑުން ގެއްލުނު ބައި ހޯދުމުގެ މަސައްކަތް އަވަހަށް ފެށުމަށް ސަރުކާރަށް ގޮވާލައި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ހުށަހަޅާފައިވާ ޤަރާރަށް ބަހުސް ކުރުރުން ހިމެނެއެވެ. މަޖިލީހުގެ ރައީސް ނަޝީދު ވިދާޅުވީ މިޤަރާރަކީ 22 މެއި 2023 ގައި ހުށަހަޅާފައިވާ ޤަރާރެއް ކަމަށާއި، މިއީ ތަޅުމަށް ގެންނަން ޖެހޭ އިތުރަށް ލަސް ކުރެވެން ނެތް ޤަރާރެއް ކަމަށެވެ. އަދި ނަޝީދު ވަނީ މަޖިލީހަށް ވަޑައިގެން މަޖިލީހުގެ މަސައްކަތުގައި ބައިވެރިވެ ވަޑައިގެންނެވުމަށް ތަކުރާރުކޮށް މެމްބަރުންގެ ކިބައިން އެދިވަޑައިގެންފައެވެ.

"އެޖެންޑާގެ ޝަކުވާއެއްވާ ކަމަށް އަޅުގަނޑަށް މަޢުލޫމާތު އެބަ ލިބޭ. އެހެންނަމަވެސް، ތަކުރާރުކޮށް ދަންނަވަން އެޖެންޑާގައި މަޖިލީހުގެ ޤަވާޢިދާއި ޚިލާފު އެއްވެސް މައްސަލައެއް ނުހިމެނޭނެ." ނަޝީދު ވިދާޅުވިއެވެ.

މަޖިލިސް ބޭއްވޭވަރަށް، މެމްބަރުން މަޖިލިސް އިދާރާއަށް ހާޒިރުވި ނަމަވެސް މެމްބަރުން ތިބީ މަޖިލީހުގެ ކުޑަ ދަށުގައެވެ. އެހެންކަމުން ޖަލްސާގެ ކޯރަމް ހަމަނުވެގެން ދޭތެރެދޭތެރެއިން މިއަދުގެ ޖަލްސާވަނީ މެނދުކަނޑާލާފައެވެ. އަދި މަޖިލީހުގެ ރައީސްވަނީ މަޖިލީހުގެ ތަޅުމަށް ވަޑައިގަތުމަށް، ތަކުރާރުކޮށް މެންބަރުންގެ ކިބައިން އެދިވަޑައިގެންފައެވެ.

އެގޮތުން، 9:00 ޖެހިއިރު، މަޖިލިސް ފެށޭވަރަށް ކޯރަމް ހަމަ ނުވާތީ، 9:30 ގައި މަޖިލިސް ބޭއްވޭތޯ، މަޖިލީހުގެ ރިޔާސަތުން ވަނީ މަސައްކަތް ކުރައްވާފައެވެ. އެހެންނަމަވެސް، 9:30 ގައިވެސް، މެންބަރުން ހަމަނުވެ މަޖިލިސް ފެށޭގޮތް ނުވުމުން، 11:00 ޖަހާއިރު މަޖިލިސް ފެށުމަށް ވަނީ ލަސް ކުރައްވާފައެވެ. އަދި 1:00 ޖަހަންދެން ބަލާ ކޯރަމް ހަމަނުވުމުން، މިއަދުގެ ޖަލްސާ ނުބޭއްވޭނެކަން ރިޔާސަތުންވަނީ އަންގަވާފައެވެ.