ވިޔަފާރި

ސްކޭމުން ރައްކާތެރިކުރުމަށް ބީއެމްއެލްއިން ޑިވައިސް މެނޭޖްމަންޓް ޚިދުމަތް ތައާރަފްކޮށްފި


  • އިންޓަރނެޓާއި، މޯބައިލް ބޭންކިންއަށް އެކްސެސް ވެފައިވާ ޑިވައިސްތަކުން ލޮގްއައުޓް ކުރެވޭނެ

  • ފަސޭހައިން އެންމެ ފަހުން ލޮގިންވެފައިވާ ލޮކޭޝަނާއި ޑިވައިސް ބަލާލެވޭނެ

ބޭންކް އޮފް މޯލްޑިވްސްއިން އިންޓަރނެޓާއި މޯބައިލް ބޭންކިންގ މެދުވެރިކޮށް ޑިވައިސް މެނޭޖްމަންޓް ޚިދުމަތް ތައާރަފްކޮށްފިއެވެ. ބީއެމްއެލްއިން ބުނީ މިއީ ސްކޭމްތަކުން ކަސްޓަމަރުން ރައްކާތެރިކުރުމަށާއި ސެކިއުރިޓީ އިތުރަށް ހަރުދަނާކުރުމަށް އެޅި އިތުރު ފިޔަވަޅެއްކަމަށެވެ.

މި ޚިދުމަތް މެދުވެރިކޮށް ކަސްޓަމަރުންނަށް އެކްޓިވް ސެޝަންތައް މޮނީޓަރކޮށް އިންޓަރނެޓާއި މޯބައިލް ބޭންކިންއަށް އެކްސެސް ވެފައިވާ ޑިވައިސްތަކުން ލޮގްއައުޓް ކުރެވޭނެއެވެ. ކަސްޓަމަރުންނަށް އެކްޓިވް ސެޝަން ބަލާލެވުމާއި ބޭނުންވާ ވަކިވަކި އަދި ހުރިހާ ޑިވައިސްއަކުން ވެސް ލޮގްއައުޓް ކުރެވޭނެކަމަށް ބީއެމްއެލްއިން ބުނެއެވެ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ކާރލް ސްޓުމްކަ ވިދާޅުވީ ޑިވައިސް މެނޭޖްމަންޓަކީ ކަސްޓަމަރުންގެ ރައްކާތެރިކަމަށް، ސެކިއުރިޓީ އިތުރަށް ހަރުދަނާކުރުމަށް ތައާރަފް ކުރެވޭ މުހިންމު ފީޗަރއެއްކަމަށެވެ. މި ފީޗަރގެ ސަބަބުން، ކަސްޓަމަރުންނަށް ފަސޭހައިން އެންމެ ފަހުން ލޮގިންވެފައިވާ ލޮކޭޝަން އަދި ޑިވައިސް ބަލާލެވި، ވަކިވަކި ޑިވައިސްތަކުން ނުވަތަ ހުރިހާ ޑިވައިސްތަކުން ލޮގްއައުޓްވެވޭނެކަމަށް އޭނާ ވިދާޅުވިއެވެ.

ބީއެމްއެލްއިން ވަނީ ކަސްޓަމަރުން ސްކޭމުން ރައްކާތެރިކުރުމަށް ގިނަ ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން ބޭންކުން ވަނީ ކުއްލި ހާލަތްތަކުގައި އިންޓަރނެޓް ބޭންކިންގ އަދި ކާޑުތަކުގެ ޚިދުމަތް ކަސްޓަމަރު އަމިއްލައަށް ވަގުތުން މެދުކަނޑާލެވޭ 'ކިލް ސްވިޗް' ތައާރަފްކޮށްފައެވެ. އަދި އިންޓަރނެޓް އަދި މޯބައިލް ބޭންކިންގ ލޮގިންއަށް ޓޫފެކްޓަރ އޮތަންޓިކޭޝަން (2 އެފްއޭ) ތައާރަފްކޮށްފައެވެ.

މީގެއިތުރުން އިންޓަރނެޓް އަދި މޯބައިލް ބޭންކިންއަށް ލޮގިން ކުރަން މަސައްކަތް ކުރާ ކޮންމެ ފަހަރަކު އެލާރޓް އަންނަގޮތް ހަމަޖައްސައި، ހުރިހާ ސްކޭން-ޓު-ޕޭ ޕޭމަންޓްތަކަށް ވަން ޓައިމް ޕާސްވޯޑް (އޯޓީޕީ) އިތުރުކޮށްފައިވާ ކަމަށް ބީއެމްއެލްއިން ބުނެއެވެ.

މިދިޔަ އަހަރު، ބޭންކުންވަނީ އޮތަންޓިކޭޓަރ އެޕްތައް މެދުވެރިކޮށް އޯޓީޕީ ލިބޭނެ ގޮތް ހަމަޖައްސައި، ޑިފޯލްޓް އޯޓީޕީ ޗެނަލެއްގެ ގޮތުގައި ކުރިން ގާއިމްކޮށްފައިވާ އީމެއިލް ހުއްޓާލާ އިންޓަރނެޓް އަދި މޯބައިލް ބޭންކިންގ މުއާމަލާތްތަކަށް ޕުޝް ނޯޓިފިކޭޝަން ފޮނުވަން ފަށާފައެވެ.