ކުޅިވަރު

އޭޝިއާ ކަޕް: ފަސޭހަކަމާއެކު ލަންކާ ބަލިކޮށް ޗެމްޕިއަންކަން އިންޑިއާއަށް


ސްރީ ލަންކާ އަތުން ފަސޭހަކަމާއެކު މޮޅުވެ، އިންޑިއާއިން އަށްވަނަ ފަހަރަށް އޭޝިއާ ކަޕް ކްރިކެޓް މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފިއެވެ.

ކޮލޮމްބޯގައި ކުރިއަށްދިޔަ މި މުބާރާތުގައި އިއްޔެ ކުޅުނު ފައިނަލް މެޗު އިންޑިއާއިން ކާމިޔާބުކުރީ ފަސޭހަކަމާއެކު 10 ވިކެޓުންނެވެ.

މި މެޗުގެ ގުރު ދިމާވުމުން ލަންކާއިން އެންމެ ފުރަތަމަ ކުޅެން އަރައި 15.2 އޯވަރުގެ ތެރޭގައި ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދުނީ 50 ލަނޑެވެ. ލަންކާއިން އެންމެ ރަނގަޅަށް ކުޅުނީ 34 ބޯޅައިން 17 ލަނޑު ހެދި ކުސާލް މެންޑިސް އާއި ނުބައިނުވެ 15 ބޯޅައިން 13 ލަނޑު އެއްކުރި ހެމަންތާއެވެ. މިއީ 2012 ވަނަ އަހަރު އިންޑިއާއާ ދެކޮޅަށް ކުޅުނު މެޗަށް ފަހު ލަންކާގެ އެންމެ ދަށް ސްކޯރިންނެވެ.

މި އިނިންގްސްގައި އިންޑިއާގެ މުޙައްމަދު ސިރާޖު ވަނީ ޖުމްލަ ހަ ވިކެޓް ނަގާފައެވެ. މި މެޗުގެ އެއް އޯވަރުގެ ތެރޭގައި ސިރާޖު ހަތަރު ވިކެޓް ނެގިއިރު، އޭނާ ވަނީ މި މެޗުގައި ފުރަތަމަ 16 ބޯޅައިން ފަސް ވިކެޓް ނަގާފައެވެ. އަދި އިންޑިއާގެ ހާޑިކް ޕާންޑްޔާ ވަނީ ތިން ވިކެޓް ނަަގާފައެވެ.

ޖަވާބުގައި އިންޑިއާ ކުޅެން އަރައި 6.1 އޯވަރުގެ ތެރޭގައި ވަނީ އެއްވެސް ކުޅުންތެރިއަކު ނުބައިނުވެ 51 ލަނޑު ހަދައި މެޗުން މޮޅުވެފައެވެ. އިންޑިއާއިން ކުޅެން އެރި ޝުބްމަން ގިލް 19 ބޯޅައިން 27 ލަނޑު ހެދިއިރު، އިޝާން ކިޝަން ވަނީ 18 ބޯޅައިން 23 ލަނޑު އެއްކޮށްފައެވެ.

މި މޮޅާއެކު އިންޑިއާއިން އަށްވަނަ ފަހަރަށް އޭޝިއާ ކަޕް ކާމިޔާބުކުރިއިރު، މި މުބާރާތުގެ ފައިނަލުން އެ ގައުމު ބަލިވެފައިވަނީ ތިން ފަހަރެވެ.