ޚަބަރު

މޮސްކޯއާއި ކްރައިމިޔާއަށް ޔޫކްރެއިންގެ ޑްރޯން ޙަމަލާތަކެއް


ޔޫކްރެއިނުންގެ ދެކުނުގައި އޮންނަ ކްރައިމިޔާއާއި ރަޝިޔާގެ ވެރިރަށް މޮސްކޯއަށް ޔޫކްރެއިނުން ވަރުގަދަ ޑްރޯން ހަމަލަތަކެއް ދީފިއެވެ. ރަޝިޔާގެ ދިފާޢީ ވުޒާރާއިން ބުނީ ކްރައިމިޔާއާއި މޮސްކޯއަށް އަމާޒުކޮށް ދިން ޑްރޯން ހަމަލަތައް ދިފާޢު ކޮށްފައިވާ ކަމުގައެވެ. ނަމަވެސް، ހަމަލަތަކާ ގުޅިގެން މޮސްކޯގެ ބައެއް ސަރަޙައްދުތަކުގެ ވައިގެ އުދުހުންތައް ވަގުތީ ގޮތުން މެދުކަނޑައިލަން ޖެހުނެވެ.

ފަހަކަށް އައިސް ޔޫކްރެއިނުން ދަނީ ކްރައިމިޔާގައި އޮންނަ ރަޝިޔާގެ އަސްކަރީ އަމާޒުތަކަށް ޑްރޯން ހަމަލަތައް އަމާޒު ކުރަމުންނެވެ. ކްރައިމިޔާއަކީ 2014 ވަނަ އަހަރުން ފެށިގެން ރަޝިޔާގެ އަތްދަށުގައި އޮތް ސަރަޙައްދެކެވެ. ޔޫކްރެއިންގެ ޑްރޯން ހަމަލަތައް ފަށާފައި ވަނީ، އެ ޤައުމުގެ ބައެއް ސަރަޙައްދުތަކަށް އަތްގަދަ ކޮށްފައިވާ ރަޝިޔާގެ ފައުޖުތަކާ ދެކޮޅަށް ފަށާފައިވާ ކައުންޓަރއޮފެންސިވް ނުވަތަ ރައްދު ހަމަލާގެ އަސްކަރީ ކެމްޕޭނުގެ ދަށުންނެވެ.

ކައުންޓަރއޮފެންސިވާ އެކު ސަރަޙައްދީ ރޮނގު ހުރަސްކޮށް ރަޝިޔާގެ ރަށްތަކަށް އަމާޒުކޮށްދޭ މި ފަދަ ހަމަލަތަކުގެ ޢަދަދު ވެސް ވަނީ އިތުރު ކޮށްފައެވެ. ޔޫކްރެއިނުން އެންމެ ފަހުން ދިން ޑްރޯން ހަމަލަތަކާ ގުޅިގެން ރަޝިޔާގެ ހުޅަނގުދެކުނުގައިވާ ރަށެއްގައި ހުރި ތެޔޮ ގުދަނެއްގައި އަލިފާން ރޯވި ކަމުގައި ރަޝިޔާގެ ދިފާޢީ ވުޒާރާއިން ބުނެއެވެ.

ކްރައިމިޔާގެ އައްސޭރިފަށުގައި ހަރަކާތްތެރިވާ ރަޝިޔާގެ އަސްކަރީ މަނަވަރުތަކަށް ވެސް ޔޫކްރެއިނުން ވަނީ ޑްރޯން ހަމަލަތައް އަމާޒު ކޮށްފައެވެ. މޮސްކޯގެ މޭޔަރު ސިރްގިޔޭ ސައިބިޔާނިޔަން ވިދާޅުވީ އެ ރަށަށް ހަމަލަ ދޭން ބޭނުން ކުރި ދެ ޑްރޯން ދިފާޢުކޮށް ވައްޓައިލާފައިވާ ކަމުގައެވެ. އެ ހަމަލަތައް އަމާޒުކޮށްފައި ވަނީ އިސްތްރާއާއި ރާމަންސްކީ ޑިސްޓްރިކްޓަށް ކަމުގައި ވެސް ސައިބިޔާނިޔަން ވިދާޅުވިއެވެ.

މި ހަމަލަތަކާ ގުޅޭ ގޮތުން ޔޫކްރެއިނުން ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ. މި ފަދަ ޑްރޯން ހަމަލަތަކާ ގުޅޭ ގޮތުން މަޢުލޫމާތު ހާމަ ކުރަން، ނުވަތަ ޒިންމާ އުފުލަން ވެސް ޔޫކްރެއިނުން ދަނީ ދެކޮޅު ހަދަމުންނެވެ. ނަމަވެސް، ބްލެކް ސީ ނުވަތަ ކަޅު ކަނޑުގައި ހަރަކާތްތެރިވާ ރަޝިޔާގެ އަސްކަރިއްޔާގެ މަނަވަރުތަކާއި އެހެނިހެން އުޅަނދުފަހަރު ނައްތައިލުމަކީ ޔޫކްރެއިންގެ މައި އެއް އަމާޒެވެ.

މި ކަމާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ޔޫކްރެއިންގެ ސަލާމަތީ މަޖިލީހުގެ ސެކްރެޓަރީ އޮލެކްސީ ދެނިލޮފް ވިދާޅުވީ، ޔޫކްރެއިނަށް އެ ކަން ހާސިލު ކުރެވޭނީ ހުޅަނގުން އިތުރު ހަތިޔާރު ފޯރުކޮށްދިނުމުން ކަމުގައެވެ. "ބްލެކް ސީގައި ހަރަކާތްތެރިވާ ރަޝިޔާގެ އަސްކަރީ މަނަވަރުތަކާއި އުޅަނދުފަހަރު ނައްތައިލުމަކީ ޔޫކްރެއިނަށް ކުރެވިދާނެ ކަމެއް. އެ ކަން ކުރެވިއްޖެ ނަމަ، ރަޝިޔާގެ އިސްތިޢުމާރީ ސިފައިންނާ ދެކޮޅަށް ފަށާފައިވާ ކައުންޓަރއޮފެންސިވްގެ ދުވެލި ވެސް ހަލުވިވެގެން ދާނެ،" ދެނިލޮފް ވިދާޅުވިއެވެ.

މޮސްކޯއަށް ދިން ޑްރޯން ހަމަލަތަކާ ގުޅިގެން އެ ރަށުގެ މައި ވައިގެ ބަނދަރުތަކުގެ އުދުހުންތަކަށް ވެސް ބުރޫ އެރިއެވެ. މި ގޮތުން، 30 އަށްވުރެ ގިނަ ފްލައިޓް ކެންސަލް ކުރަން ޖެހުނު ކަމުގައި ރަޝިޔާގެ ދަޢުލަތުގެ މީޑިޔާއިން ރިޕޯޓު ކުރެއެވެ. އަދި، ހުޅަނގުދެކުނުގައިވާ ރަށަކަށް ދިން ހަމަލައެއްގައި ތެޔޮ ރައްކާކުރާ ގުދަނެއްގައި ރޯވެ ބޮޑެތި ގެއްލުންތަކެއް ލިބުނެވެ.

ރަޝިޔާ ސިފައިން ޔޫކްރެއިނަށް އަރައި ހަނގުރާމަ ފަށާފައި ވަނީ 2022 ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ 24 ވަނަ ދުވަހުއެވެ. ހަނގުރާމައަށް 571 ދުވަސް ފާއިތުވެފައިވާއިރު، ރަޝިޔާގެ ފައުޖުތަކުން ވަނީ ޔޫކްރެއިންގެ މައި ތިން ސަރަޙައްދަކަށް އަތްގަދަކޮށްފައެވެ.

އެއީ އިރުމަތީގައިވާ ދޮންބާސްގައި ހިމެނޭ މައި ދެ ސަރަޙައްދު ކަމުގައިވާ ލުހާންސްކާއި ޑޮނެޓްސްކުގެ އިތުރުން ދެކުނުގައިވާ ޒަޕޮރީޜިޔާއެވެ. ރަޝިޔާއިން ވެރިވެގަނެފައިވާ ސަރަޙައްދުތައް މިނިވަން ކުރަން ޔޫކްރެއިނުން މިހާރު ދަނީ ކައުންޓަރއޮފެންސިވެއް ނުވަތަ ރައްދު ހަމަލާގެ އަސްކަރީ ކެމްޕޭނެއް ހިންގަމުންނެވެ.