އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ގިނަ އަދަދެއްގެ ބަނގުރާ ނަތްތާލައިފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ ނައްތާލާފައިވަނީ ބަނގުރަލުގެ މައްސަލަތަކުގެ ތެރެއިން، ޑްރަގް އެންފޯސްމަންޓުގެ ބެލުމުގެ ދަށުގައި ހުރި މައްސަލަތަކުގައި ހިމެނޭ ބަނގުރަލާއި، ޓޫރިސްޓް ޕޮލިސް، ހުޅުމާލެ ޕޮލިސް އަދި ޑްރަގް އެންފޯސްމަންޓުގެ ބެލުމުގެ ދަށަށް، ތުހުމަތުކުރެވޭ ފަރާތެއް ނެތް ގޮތަށް ގެނެވިފައިވާ ބަނގުރަލެވެ.
- ބްރޭންޑެޑް 4100 ފުޅި
- 743 ޕެޓް ފުޅި
- 4421 ދަޅު
- 19 ޕެކެޓް ބަނގުރާ
އެކިއެކި މައްސަލަތަކާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ މަސްތުވާތަކެތި ނައްތާލުމުގެ މަސައްކަތް އެ އިދާރާއިން އަންނަނީ ކުރަމުންނެވެ. މި މަސައްކަތުގެ ދަށުން މިމަހުގެ 6 ވަނަދުވަހު ވަނީ 232 ކިލޯގެ މަސްތުވާތަކެތި ނައްތާލާފައެވެ.
މަސްތުވާތަކެތި ނައްތާލުމުގައި ގެންގުޅޭ އުސޫލުތަކަށް އެންމެ ފަހުން ގެނެސްފައިވާ ބަދަލުތަކާއެކު، އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ މަސްތުވާތަކެތީގެ ތެރެއިން އެ މައްސަލައެއް ތަހުގީގު ކުރުމަށް ގާނޫނީ ގޮތުން ބެހެއްޓުމަށް ލާޒިމުކުރާ މިންވަރަށް ބެހެއްޓުމަށްފަހު ބާކީ ހުންނަ މަސްތުވާތަކެތި ވީއެންމެ އަވަހަކަށް ނައްތާލައެވެ.
މަސްތުވާތަކެތި ނައްތާލުން ދޫނިދޫގައި ކުރިއަށް ގެންގޮސްފައިވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ މަސްތުވާތަކެއްޗާއި މަސްތުވާތަކެތީގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދުގެ ދަށުން އެކަމަށްޓަކައި އެކުލަވާލާފައިވާ ކޮމިޓީގެ ބެލުމުގެ ދަށުންނެވެ.