ޚަބަރު

ރީޖަނަލް ޕޯޓުތަކަށް ކޮންޓެއިނަރު އުފުލާ އަގު އެމްޕީއެލްއިން ކުޑަކޮށްފި


  • މާލެ އަދި ހުޅުމާލެ ޕޯޓުން، އަތޮޅުތަކަށް މިހާރު ހެޔޮ އަގެއްގައި ކޮންޓެއިނަރު އުފުލޭނެ

  • 4 ފީއަކުން ނަގާ އަގުގެ %25 ވަނީ ކުޑަކޮށްފައި

  • އެމްޕީއެލްގެ ޕޯޓަށް އެވްރެޖްކޮށް ދުވާލަކު 187 ކޮންޓެއިނަރުގެ މުދާ ހުސްކުރޭ

މާލޭ ޕޯޓުން ރީޖަނަލް ޕޯޓުތަކަށް ޓްރާންސްޝިޕްކޮށް އުފުލާ ކޮންޓެއިނަރުތަކުން ނަގާ ފީ ކުޑަކޮށްފިއެވެ. މިއީ އަތޮޅުތަކުގައި ވިޔަފާރި ކުރާ ވިޔަފާރިވެރިންނަށް މާލީ ލުޔެއް ހޯދާދިނުމަށް ނިންމި ނިންމުމެއް ކަމަށް އެމްޕީއެލްއިން ބުނެއެވެ.

އެގޮތުން ކޮންޓެއިނަރު އުފުލުމާއި، ބޭލުމާއި އަދި ޕޯޓުގައި ބެހެއްޓުމުގެ ޚިދުމަތަށް ނަގަމުން އައި 4 ފީއަކުން %25 ކުޑަކުރުމަށް ވަނީ ނިންމާފައެވެ.

އެމްޕީއެލްއިން ބުނީ، މާލެ ކޮމާޝަލް ހާބަރާއި ހުޅުމާލެ އިންޓަނޭޝަން ޓަރމިނަލުން ރީޖަނަލް ޕޯޓުތަަކަށް ޓްރާންސްޝިޕްކުރާ ލޭޑަން ކޮންޓެއިނަރުތަކުގެ ހޭންޑްލިން، ވޯފޭޖް ޗަރޖް، އެމްޕްޓީ އަންލޯޑިން ސްޓީވަރޑޯރިން އަދި ހޭންޑްލިން ޗާޖަސް ކުޑަކޮށްފައިވާކަމަށެވެ.

ފީތައް ކުޑަކޮށް ގެނައި ބަދަލަށް މިމަހުގެ 15ވަނަ ދުވަހުން ފެށިގެން ވަނީ ޢަމަލުކުރަން ފަށާފައެވެ.

އަގަށް ގެނައި ބަދަލާއެކު، 20 ފޫޓުގެ ކޮންޓެއިނަރެއް ކުރިން ލޯޑު ކުރުމަށް ނަގަމުން އައި 1772 ރުފިޔާގެ ފީ، މިހާރު ވަނީ 1292 އަށް ކުޑަކޮށްފައެވެ.

45 ފޫޓު ކޮންޓެއިނަރުގެވެސް ލޯޑިން ފީން ގާތްގަނޑަކަށް 1200 ރުފިޔާ ވަނީ ކުޑަވެފައެވެ.

މީގެސަބަބުން ކުދި ވިޔަފާރިތަކާއި އަތޮޅުތަކަށް މުދާ ގެންދާ ވިޔަފާރިވެރިން ސަޕްލައިއަށް ކުރާ ހޭދަ ކުޑަވާނެކަމަށް އެމްޕީއެލްއިން ބުނެއެވެ.

އެމްޕީއެލްއިން ދަނީ ވިޔަފާރިވެރިންނަށް ފަސޭހަ، އަތްފޯރާ ޚިދުމަތެއް ދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ފަސޭހައިން މުދާ ބާލާ، އުފުލޭނެ ގޮތާއި، އަދި ޕޯޓުގެ ސްޓޯރޭޖް ކެޕޭސިޓީ އިތުރުކުރުމަށްވެސް ދަނީ މަސައްކަތްކުރަމުންނެވެ.

އަދި މިދިޔަ މަހުގެ ތެރޭގައި ވަނީ އެކި ސަބަބުތަކާ ގުޅިގެން ކްލިއަރ ކުރުން ލަސްވާ މުދާ ބާލާ ބެހެއްޓޭނެ ސްޓޯރޭޖް ފެސިލިޓީއެއް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، އެމްޕީއެލްގައި ހަދާފައެވެ. ނަމަވެސް މި ސްޓޯރޭޖް ފެސިލިޓީއާކު، މުދާ ގުދަންކޮށް ކޮންޓެއިނަރު އަވަހަށް ދޫކޮށްލައެވެ. އެމްޕީއެލްގެ ސްޓޯރޭޖް ފެސިލިޓީއަކީ ވަރަށް ކުޑަ އަގެއްގައި، މުދާ ކްލިއަރ ކުރެވެންދެން ބެހެއްޓޭނެ ފެސިލިޓީއެކެވެ.

އެމްޕީއެލްގެ ޕޯޓަށް އެވްރެޖްކޮށް ދުވާލަކު 187 ކޮންޓެއިނަރުގެ މުދާ ހުސްކުރެއެވެ.