އަފްޣާނިސްތާނާއި ޕާކިސްތާން ގުޅޭ ސަރަޙައްދީ ރޮނގު ކައިރީގައި ހިނގި ހަމަނުޖެހުންތަކާ ގުޅިގެން ބަންދުކޮށްފައި އޮތް ސަރަޙައްދީ ހުރަސް އަލުން ހުޅުވައިފިއެވެ. ޠޮރްޚަމްގައި އޮންނަ "ޚައިބަރް ޕާސް"ގެ ނަން ދީފައިވާ ސަރަޙައްދީ ހުރަސް ބަންދުކޮށްފައި ވަނީ ސެޕްޓެންބަރު މަހުގެ 6 ވަނަ ދުވަހު ދެ ޤައުމުގެ ސިފައިންގެ މެދުގައި ހިނގި ހަމަލަ ބަދަލުކުރުންތަކާ ގުޅިގެންނެވެ.
ހަފުތާއެއްގެ މުއްދަތަކަށް ޠޮރްޚަމް ސަރަޙައްދީ ހުރަސް ބަންދުކޮށްފައި އޮތުމަށް ފަހު އެ ތަން އަލުން ހުޅުވައިލުމުން، ގިނަ ޢަދަދެއްގެ ބަޔަކު ސަރަޙައްދީ ރޮނގު ހުރަސް ކޮށްފައިވެއެވެ. އަދި، މުދާ އުފުލާ ގިނަ ޢަދަދެއްގެ އުޅަނދުފަހަރު ސަރަޙައްދީ ރޮނގު ހުރަސްކޮށްފައިވާ ކަމުގައި ޕާކިސްތާނުން ބުނެއެވެ.
ޠޮރްޚަމްގައި ހިނގި ހަމަނުޖެހުންތަކާ ގުޅިގެން ދެ ޤައުމުގެ ދެމެދުގައި އޮތް ޚާރިޖީ ގުޅުމަށް ވަނީ ހީނަރުކަން އައިސްފައެވެ. ހަމަނުޖެހުންތައް ފެށުނީ، ސަރަޙައްދީ ރޮނގު ކައިރީގައި އަފްޣާނިސްތާނުން ޗެކް ޕޮއިންޓެއް ގާއިމުކުރަން މަސައްކަތް ކުރުމުން ކަމުގައި މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. ދެ ޤައުމުން ވެސް ވަނީ ހަމަނުޖެހުންތަކުގެ ޒިންމާ އުފުލަން ދެކޮޅު ހަދާފައެވެ.
ދެ ޤައުމުގެ ފައުޖުތަކުން ހަމަލަ ބަދަލު ކުރަން ފަށާފައި ވަނީ ގިނަ ޢަދަދެއްގެ ޢާންމުން ޚައިބަރް ޕާސް ކައިރިއަށް ޖަމާވެފައިވާ ކާރޫބާރޫ ބޮޑު ވަގުތެއްގައި ކަމަށް މަންޒަރު ފެނުނު މީހުން ބުންޏެވެ. އަފްޣާނިސްތާނުގައި ހަރަކާތްތެރިވާ ޠާލިބާނުންނާއި ޕާކިސްތާނުގެ ސަރަޙައްދީ ރޮނގު ބަލަހައްޓާ ސިފައިންނާ ދެމެދު ހިނގި ހަމަލަ ބަދަލުކުރުންތަކުގައި ޕާކިސްތާނުގެ ސިފައިންގެ މީހަކު ޒަޚަމުވެފައިވާ ކަމަށް މަންޒަރު ފެނުނު ފަރާތްތަކުން ބުނެއެވެ.
ޕާކިސްތާނުގެ ޚައިބަރް ޑިސްޓްރިކްޓުގެ އެސިސްޓެންޓް ކޮމިޝަނަރު އިރުޝާދު ޚާން މުޙައްމަދު ވިދާޅުވީ، ސަރަޙައްދީ ހުރަސް އަލުން ހުޅުވައިލުމާ އެކު މުދާ އުފުލާ އުޅަނދުފަހަރާއި، އަފްޣާނިސްތާނުގެ ގިނަ ޢަދަދެއްގެ ރައްޔިތުން ޕާކިސްތާނަށް އެތެރެވެފައިވާ ކަމުގައެވެ. އަދި، އެ ސަރަޙައްދުގައި ހުރި އެ ޤައުމުގެ އިމިގްރޭޝަންގެ އޮފީސް ވެސް ހުޅުވައި ޚިދުމަތް ދޭން ފަށާފައިވާ ކަމުގައި އޭނާ ވިދާޅުވިއެވެ.
ޠޮރްޚަމް ސަރަޙައްދީ ހުރަހަކީ ދެ ޤައުމުގެ ދެމެދުގައި އެންމެ ގިނަ މީހުން ދަތުރުކުރާ، އަދި އެންމެ ގިނަ ޢަދަދަކަށް މުދާ ބަދަލުކުރާ މަގު ކަން ފާހަގަ ކޮށްލަން ޖެހެއެވެ. ދެ ޤައުމުން 2,600 ކިލޯމީޓަރުގެ ދިގު ސަރަޙައްދީ ރޮނގެއް ހިއްސާކުރާ އިރު، ޠޮރްޚަމްގައި އޮންނަ ސަރަޙައްދީ ހުރަހަކީ އަފްޣާނިސްތާނަށް މުދާ އެތެރެކުރެވެން އޮންނަ މައި މަގު ކަން ވެސް ފާހަގަ ކޮށްލަން ޖެހެއެވެ.
ސަރަޙައްދީ ހުރަސް ވަގުތީ ގޮތުން ބަންދުކުރުމާ ގުޅިގެން އަފްޣާނިސްތާނުގެ ޢާންމު ރައްޔިތުންނަށް ބޮޑެތި ދަތިތަކެއް ކުރިމަތިވިއެވެ. ޕާކިސްތާނުގެ ހޮސްޕިޓަލުތަކުގައި ޞިއްޙީ ފަރުވާ ހޯދަން އެޕޮއިންޓްމެންޓް ހަދާފައިވާ މީހުންނަށް ހުރަސް އެޅުނެވެ. އަދި، ޕާކިސްތާން މަގުން ބޭރު ޤައުމުތަކަށް ފުރަން ޓިކެޓު ނަގާފައިވާ މީހުންގެ ފްލައިޓްތައް ފުރި ގަޑިއަށް ވައިގެ ބަނދަރަށް ނުދެވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބުނެވެ.
މީގެ ކުރިން ވެސް ދެ ފަރާތުގެ ދެމެދުގައި ހިނގާފައިވާ ހަމަލަ ބަދަލުކުރުންތަކާ ގުޅިގެން ޚައިބަރް ޕާސް ބަންދު ކުރަން ޖެހިފައިވެއެވެ. ފެބްރުވަރީ މަހު ހިނގި މި ފަދަ ހާދިސާއަކާ ގުޅިގެން އެތަކެއް ދުވަހަކަށް ސަރަޙައްދީ ހުރަސް ބަންދުކުރިއެވެ. ޚައިބަރް ޕާސް ބަންދުކުރަން ޖެހުނު ހާދިސާގައި ޒިންމާ އުފުލަން އަފްޣާނިސްތާނުގައި ވެރިކަން ކުރާ ޠާލިބާނުން ވެސް އަދި ޕާކިސްތާނުގެ އަސްކަރިއްޔާއިން ވެސް ދަނީ ދެކޮޅު ހަދަމުންނެވެ.
ހަމަލަ ބަދަލުކުރަން ފެށީ ކޮން ފަރާތަކުން ކަން ސާފު ނޫން ކަމަށް މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. 2021 ވަނަ އަހަރުގެ އޮގަސްޓު މަހު ޠާލިބާނުން އަފްޣާނިސްތާނުގެ ވެރިކަން ފޭރިގަތް ފަހުން ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުންތައް ހީނަރުވެފައިވާ ކަން ފާހަގަކުރެވެއެވެ.