ޚަބަރު

ކުޅުދުއްފުށީ ލޭބަރ ކުއާޓަރ ބޭނުން ނުކުރެވޭވަރަށް އަނދައި ހުލިވެއްޖެ


  • ރޯވީ 400 ހައުސިންގ ޔުނިޓްގެ ލޭބަރ ކުއާޓާގައި

  • ބޭނުން ނުކުރެވޭވަރަށް ވަނީ އަނދާފަ

  • ރޯވަން ދިމާވި ސަބަބު ސާފެއް ނުވޭ

ކުޅުދުއްފުށި ސިޓީގެ ލޭބަރ ކުއާޓާއެއްގައި ރޯވި އަލިފާންގަނޑު ކުޅުދުއްފުށި ސިޓީ ފަޔަރ ސްޓޭޝަނުން ނިއްވާލައިފިއެވެ.

އެމްއެންޑީއެފުން ވިދާޅުވީ، އަލިފާން ރޯވީ ކުޅުދުއްފުށި ސިޓީގެ 400 ހައުސިންގ ޔުނިޓްގެ ލޭބަރ ކުއާޓާއެއްގައިކަމަށެވެ. އެ ހާދިސާގެ ރިޕޯޓް އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑަށް ލިބުނީ މިއަދު މެންދުރު 14:35 ހާއިރުކަމަށާއި، ރިޕޯޓް ލިބުމާއެކު އެ ފަޔަރ ސްޓޭޝަންގެ ފަޔަރފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް ރޯވެފައިހުރި އަލިފާން 15:05 ހާއިރު ނިއްވާލާފައިކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.

އެމްއެންޑީއެފުން ވިދާޅުވީ ލޭބަރ ކުއާޓަރ ބޭނުނުކުރެވޭވަރަށް އެއްކޮށް އަނދާފައިވާކަމަށެވެ. އަދި އެހާދިސާ ހިނގަން މެދުވެރިވިސަބަބު ބަލަމުން އަންނަކަމަށްވެސް އެމްއެންޑީއެފުން ވިދާޅުވިއެވެ.


މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވެއެވެ.

މިދިޔަ ހަފްތާގައިވެސް ކުޅުދުއްފުށީގައި ގެއެއްގައި ވަނީ އަލިފާން ރޯވެ އަނދާފައެވެ. އެގެ ބޭނުން ނުކުރެވޭވަރަށް އަނދާފައިވުމުން އެގޭގައި ދިރިއުޅުނު މީހުން ވަނީ ވަގުތީ ހިޔާއަށް ބަދަލުކޮށްފައެވެ.