މެޑިޓެރޭނިޔަން ކަނޑުގައި އުފެދުނު ބާރުގަދަ ތޫފާން ޑެނިއެލްގެ ސަބަބުން ލީބިޔާގައި ފެންބޮޑުވެ ހިނގި ހާދިސާތަކުގައި މަރުވި މީހުންގެ ޢަދަދު 11,300 އަށް އަރައިފިއެވެ. ލީބިޔާގެ އިރުމަތީގައިވާ ދަރްނާގައި ފެންބޮޑުވެފައި ވަނީ މެދުކެނޑުމެއް ނެތި ބޯކޮށް ވާރޭވެހުމާ ގުޅިގެން ދެ ޑޭމް ހަލާކުވެ، ކޯރެއްގެ ފެންގަނޑު ބަންޑުންވުމާ ގުޅިގެންނެވެ. އެ ރަށުގެ ރައްޔިތުން މި ހާދިސާ ސިފަ ކުރަނީ ބޮޑު ސުނާމީއެއްގެ ގޮތުގައެވެ.
ޑޭމް ހަލާކުވެ ރަށުތެރެއަށް އަރައިގެން އައި ރާޅުގެ އުސްމިނުގައި 23 ފޫޓު ހުރި ކަމުގައި މަންޒަރު ފެނުނު މީހުން ބުންޏެވެ. މި ހާދިސާއާ ގުޅިގެން ގެއްލިފައިވާ ކަމަށް ބެލެވޭ މީހުންގެ ޢަދަދު 10,100 އަށް އަރާ ކަމުގައި ލީބިޔާގެ ރެޑް ކްރެސެންޓުން ބުނެއެވެ. އެ މީހުން ހޯދުމަށް މަސައްކަތް ކުރަމުންދާއިރު، އޭގެ ތެރެއިން ގިނަ މީހުން ދިރިތިއްބާ ފެންނާނެ ކަމުގެ އުންމީދު ފަނޑުވަމުންދާ ކަމުގައި އޮފިޝަލުން ވިދާޅުވިއެވެ.
ފެންގަނޑުގެ ބާރާ އެކު ވެއްޓުނު ޢިމާރާތްތަކާއި ކިސަޑުގެ ދަށުވެ ގިނަ ޢަދަދެއްގެ ބަޔަކު ތާށިވި ކަމަށް ބެލެވޭއިރު، މި ހާދިސާގައި މަރުވެފައިވާ މީހުންގެ ޢަދަދު 20,000 އަށްވުރެ މައްޗަށް އަރާނެ ކަމަށް ބެލެވޭ ކަމުގައި ލީބިޔާގެ ރެޑް ކްރެސެންޓުގެ ސެކްރެޓަރީ-ޖެނެރަލް މަރީ އެލް-ދްރެޒާއާއި ދަރްނާގެ ގަވަރުނަރު ޢަބްދުލް މުނަޢިމް ޣައިޘީ ވިދާޅުވިއެވެ. ފެންބޮޑުވުމާ ގުޅިގެން އެހެން ރަށްރަށުން މަރުވި މީހުންގެ ޢަދަދު 170 އަށް އަރާ ކަމަށް އޮފިޝަލުން ވިދާޅުވިއެވެ.
ފެންބޮޑުވުމާ ގުޅިގެން ދަރްނާއިން މަރުވެފައިވާ މީހުންގެ ޢަދަދު 11,300 އަށް އަރާފައިވާ ކަމުގައި ލީބިޔާގެ ރެޑް ކްރެސެންޓުން ބުނި ނަމަވެސް، އެ ޤައުމުގެ ދާޚިލީ ވުޒާރާގެ ތަރުޖަމާނު ޠާރިޤް އަލް-ޚައްރާޒް ވިދާޅުވީ މަރުވެފައި ވަނީ 3,000 މީހުން ކަމުގައެވެ. "ފެންބޮޑުވުމާ ގުޅިގެން ދަރްނާގެ ބައެއް ސަރަޙައްދުތައް ވަނީ ސުންނާފަތިވެފައި. ބައެއް ސަރަޙައްދުތަކަށް އަދިވެސް ދަތުރު ނުކުރެވޭ. މަރުވި ގިނަ މީހުންގެ ހަށިތައް އަދިވެސް އޮތީ ވެއްޓުނު ޢިމާރާތްތަކުގެ ދަށުގައި. ބައެއް މީހުންގެ ހަށިތައް ރާޅާ އެކު ކަނޑަށް ދަމައިގަތް،" ޚައްރާޒް ވިދާޅުވިއެވެ.
ދަރްނާގެ އިތުރުން ފެންބޮޑުވުމުގެ އަސަރު ކޮށްފައިވާ ބައެއް އެހެން ރަށްތަކުގެ ތެރޭގައި ބައިޟާ، ސޫސާ، އުންމު ރައްޛާޛް، އަދި މަރަޖު ހިމެނެއެވެ. ދަރްނާގައި ވެއްޓިފައިވާ ޢިމާރާތްތަކާއި ކިސަޑުގެ ދަށުގައި ތާށިވެފައިވާ ކަމަށް ބެލެވޭ މީހުންގެ ހަށިތައް ހޯދަން ބޭރު ޤައުމުތަކުގެ ޓީމުތަކާ އެކު މަސައްކަތް ކުރަމުންދާ ކަމުގައި ރެޑް ކްރެސެންޓުން ބުނެއެވެ.
"ދިރިތިއްބާ ބަޔަކު ސަލާމަތް ކުރެވޭނެ ކަމުގެ އުންމީދު އަދިވެސް އެބައޮތް. އެ މީހުންގެ ހޯދަން މެދުކެނޑުމެއް ނެތި މި ދަނީ މަސައްކަތް ކުރަމުން،" އިންޓަރނޭޝަނަލް ފެޑެރާޝަން އޮފް ދި ރެޑް ކްރޮސް އެންޑް ރެޑް ކްރެސެންޓް ސޮސައިޓީޒް (އައި.އެފް.އާރް.ސީ)ގެ އިސް އޮފިޝަލެއް ކަމުގައިވާ ތާމިރު ރަމަޟާން ވިދާޅުވިއެވެ.
ފެންބޮޑުވުމުގެ ހާދިސާގައި މަރުވެފައިވާ މީހުންގެ ޖަނާޒާ ބާއްވައި، އެ މީހުންގެ ހަށިތައް ވަޅުލުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމުގައި ލީބިޔާގެ ޞިއްޙަތާ ބެހޭ ވަޒީރު އުޘްމާން ޢަބްދުލްޖަލީލް ވިދާޅުވިއެވެ. މި ގޮތުން، މިހާރު ވެސް 3,000 އަށްވުރެ ގިނަ މީހުންގެ ހަށިގަނޑު ވަޅުލާފައިވާ ކަމުގައި އޭނާ ވިދާޅުވިއެވެ.
ފެންބޮޑުވުމާ ގުޅިގެން ލީބިޔާގައި ހާލުގައި ޖެހިފައިވާ އެތަކެއް ހާސް ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދޭން ބޭރު ޤައުމުތަކުން ވެސް ދަނީ މަސައްކަތް ކުރަމުންނެވެ. އޭގެ ތެރޭގައި ތުރުކީވިލާތް ހިމެނެއެވެ. އެ ޤައުމުން ވަނީ މީހުން ސަލާމަތް ކުރުމުގެ މަސައްކަތުގައި ބޭނުންކުރާނެ އުޅަނދުފަހަރާއި، ޖަނަރޭޓަރު ސެޓާއި، ފެނާއި ކާބޯތަކެތި ލީބިޔާއަށް ފޮނުވަން ފަށާފައެވެ.
ލީބިޔާގެ ހުޅަނގާއި އިރުމަތީގައި ވެރިކަން ކުރަނީ ދެ ސަރުކާރަކުންނެވެ. އޭގެ ތެރެއިން ބައިނަލްއަޤްވާމީ މުޖުތަމަޢުން ބަލައިގަނެފައި ވަނީ ހުޅަނގުގައި ވެރިކަން ކުރާ ޢަބްދުލްޙާމިދު ދަބީބާގެ ސަރުކާރެވެ. ލީބިޔާގައި ދެ ސަރުކާރެއް އުފެދިފައި ވަނީ އެ ޤައުމުގެ އިންތިޚާބީ ބޮޑުވަޒީރު މުޣައްމަރް ޤައްޜާފީގެ ސަރުކާރު 2014 ވަނަ އަހަރު ވައްޓައިލުމާ ގުޅިގެންނެވެ. ޤައްޜާފީގެ ސަރުކާރު ވައްޓައިލާ އޭނާ އަވަހާރަ ކޮށްލާފައި ވަނީ ނޭޓޯއިންނެވެ.