ކުޅިވަރު

ޤައުމީ ކްރިކެޓް ޓީމަށް ޖާޒީ ޙަވާލުކޮށްދިނީ އައިއޯއައިޖީން މެޑަލް ހޯދި އެތުލީޓުން


ކުރިއަށް އޮތް ބައިނަލްއަޤުވާމީ ތިން މުބާރާތެއްގައި ވާދަކުރާ ޤައުމީ ކްރިކެޓް ޓީމުތަކަށް ޖާޒީ ޙަވާލުކޮށްފިއެވެ.

މިކަމަށް ހާއްސަކޮށް ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް) އިން ޝީ ބިލްޑިންގައި ބޭއްވި ހާއްސަ އިވެންޓް ޝަރަފްވެރިކޮށްދެއްވީ ދާދިފަހުން މަޑަގަސްކަރާގައި ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އިން މެޑަލް ހާސިލުކުރި ތިން އެތުލީޓެކެވެ.

މި ތިން އެތްލީޓުންނަކީ ޓޭބަލް ޓެނިސް ކުޅުންތެރިޔާ، އައިޝަތު ރަފާ އާއި ބެޑްމިންޓަން ކުޅުންތެރިޔާ ފާތިމަތު ނަބާހާ އަދި ޕެރަ އެތުލެޓިކްސް އިވެންޓުން މެޑަލް ގެނެސްދިން އަބްދުލްރައްޒާގު އަބްދުއްސަމަދެވެ.

މަޑަގަސްކަރާގައި ބޭއްވި އައިއޯއައިޖީގައި ރާއްޖެއިން ވަނީ ޖުމްލަ 28 މެޑަލް ހޯދާފައެވެ. މިއީ ރާއްޖޭގެ ކުޅިވަރު ތާރީހުގައި ބައިނަލްއަގުވާމީ ގޭމްސްއެއްގައި ރާއްޖޭގެ އެންމެ ރަނގަޅު ކާމިޔާބީއެވެ.

ސީބީއެމް އިން ބުނީ މިގޮތަށް ނިންމީ މުބާރާތަށް ދާއިރު ކުޅުންތެރިންގެ ޤައުމީ ޖޯޝު އިތުރުކުރުމާއި އައިއޯއައިޖީގެ ކާމިޔާބީގެ އަގުވަޒަންކުރުމުގެ ގޮތުން ކަމަށެވެ. މި އިވެންޓުގައި ކްރިކެޓް ބޯޑުގެ ރައީސް މުހައްމަދު އަފްޒަލްގެ އިތުރުން ބޯޑުގެ އިސް ފަރާތްތަކެއް ވަނީ ބައިވެރިވެފައެވެ.

ރާއްޖޭގެ ޤައުމީ ކްރިކެޓް ޓީމު ތައްޔާރުވާ ތިން މުބާރާތަކީ މި މަހު ޗައިނާގެ ހަންގްޒޫގައި ފަށަން ނިންމާފައިވާ އޭޝިއަން ގޭމްސް އާއި މެލޭޝިއާގައި އަންނަ މަހު ބާއްވަން ތާވަލުކޮށްފައިވާ އޭސީސީ ޗެލެންޖް ކަޕުގެ އިތުރުން ގަތަރުގައި ބާއްވާ އައިސީސީ ޓީ20 ވޯލްޑްކަޕް ކޮލިފައިންއެވެ.

އޭޝިއަން ގޭމްސްގެ ކްރިކެޓް އިވެންޓް ބޭއްވުމަށް ތާވަލުކޮށްފައިވަނީ މިމަހުގެ 26 އިން އަންނަ މަހުގެ ހަ ވަނަ ދުވަހުގެ ނިޔަލަށެވެ. މެލޭޝިއާގައި ބާއްވާ އޭސީސީ ޗެލެންޖް މުބާރާތުގައި ރާއްޖޭގެ 19 އަހަރުން ދަށުގެ ޓީމު ވާދަކުރާއިރު އެ މުބާރާތް ތާވަލުކޮށްފައިވަނީ އަންނަ މަހުގެ 10-21 އަށެވެ. އަދި ގަތަރުގައި ބާއްވާ ކޮލިފައިން ބޭއްވުމަށް ތާވަލުކޮށްފައިވަނީ 26 ސެޕްޓެމްބަރުން 6 އޮކްޓޯބަރުގެ ނިޔަލަށެވެ.

މުބާރާތުގައި ވާދަކުރާ ޤައުމީ ޓީމުތައް ތައްޔާރުވެފައިވަނީ މިދިޔަ ޖޫން މަހު ގައުމީ ކްރިކެޓް ޓީމަށް ހަމަޖެއްސި ސްރީ ލަންކާގެ ކޯޗު ޕަސިންދު ލިޔަނާރަޗީގެ އިރުޝާދުގެ ދަށުންނެވެ.