ކުޅިވަރު

ކާވާ ބީޗް ވޮލީބޯލް ޓުއާ: އެޑަމް އާއި ކުޑަކާއްޓޭއަށް މި ފަހަރު ރިހި މެޑަލް


ބަންގްލަދޭޝްގައި ކުރިއަށްދިޔަ ސެންޓްރަލް އޭޝިއަން ވޮލީބޯޅަ އެސޯސިއޭޝަން (ކާވާ) ބީޗް ވޮލީބޯލް ޓުއާއިން ރާއްޖޭގެ ޤައުމީ ޓީމުގައި ހިމެނޭ އިސްމާޢީލް ސާޖިދު (ކުޑަކާއްޓޭ) އާއި އާދަމް ނަސީމް (އެޑަމް) ގެ ޕެއާ ރިހި މެޑަލް ހޯދައިފިއެެވެ.

މިދިޔަ އަހަރުގެ މުބާރާތުގައި ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ޗެމްޕިއަންކަން ހޯދި އެޑަމް އާއި ކުޑަކާއްޓޭގެ ޕެއާ، މި ފަހަރުގެ މުބާރާތުން ބަލިވީ މިއަދު ކުޅުނު ފައިނަލް މެޗުން އެކަންޏެވެ. އެކަމަކު ފައިނަލުގެ ކުރިން ގްރޫޕް ސްޓޭޖުގެ ތިން މެޗާއި ކުއާޓާ ފައިނަލް އަދި ސެމީ ފައިނަލް މެޗުތަކުން ވަނީ އެއްވެސް ސެޓެއް ގެއްލުވާނުލައި މޮޅުވެފައެވެ.

ކޮކްސް ބަޒާރުގެ ކަލަޓާލީ ސީ ބީޗުގައި ކުރިއަށްދިޔަ މި މުބާރާތުގެ ފައިނަލް މެޗުގައި އިންޑިއާގެ ނިތިން އާއި ރާމާގެ ޕެއާ އަތުން އެޑަމް އާއި ކުޑަކާއްޓެގެ ޕެއާ ބަލިވީ ސީދާ ދެ ސެޓުންނެވެ. މެޗުގެ ސެޓުތައް ދިޔައީ 21-19 އަދި 21-14 އިންނެވެ. އެކަމަކު މި ޕެއާ އަތުން މުބާރާތުގެ ގްރޫޕް ސްޓޭޖުގައި އެޑަމް އާއި ކުޑަކާއްޓޭ ވަނީ ސީދާ ދެ ސެޓުން މޮޅުވެފައެވެ. އެއީ 21-18 އަދި 21-15 އިންނެވެ.

މި ފަހަރުގެ ފައިނަލް މެޗުން ބަލިވި ނަމަވެސް، ސެމީ ފައިނަލުގައި ބަންގްލަދޭޝްގެ ހޮރޮޝިތާއި އަޙްމަދުގެ ޕެއާއާ ވާދަކޮށް އެޑަމް އާއި ކުޑަކާއްޓޭގެ ޕެއާ މޮޅުވީ 21-19 އަދި 27-25 އިންނެވެ. އަދި ބޫޓާންގެ ޑޯޖީ އާއި ކިންލޭއާ ދެކޮޅަށް ކުޅުނު ކުއާޓާ ފައިނަލް މެޗުގެ ސެޓުތައް އެޑަމް އާއި ކުޑަކާއްޓޭގެ ޕެއާ ގެންދިޔައީ ފަސޭހަކަމާއެކު 21-8 އަދި 21-7 އިންނެވެ.

ކާވާ ބީޗް ވޮލީބޯޅަ މުބާރާތަށްފަހު، އެޑަމް އާއި ކުޑަކާއްޓެގެ ޕެއާއަށް ދެން އޮތީ މި މަހު ޗައިނާގެ ހަންގްޒޫގައި ފަށާ އޭޝިއަން ގޭމްސްއެވެ.