ޚަބަރު

ސުލްޙައިގެ މަޝްވަރާތަކަށް ހޫޘީން ސަޢޫދީ ޢަރަބިއްޔާއަށް


ޔަމަނުގެ ސުލްޙައިގެ މަޝްވަރާތަކުގައި ބައިވެރިވުމަށް ހޫޘީންގެ ވަފުދެއް ސަޢޫދީ ޢަރަބިއްޔާއަށް ދަތުރު ކޮށްފިއެވެ. ޔަމަނުގެ ދާޚިލީ ހަނގުރާމައަށް ނިމުމެއް ގެނައުމަށް ކުރަމުންދާ މަޝްވަރާތަކުގައި މެދުވެރިއެއްގެ ދައުރު އަދާ ކުރަނީ ޢުމާނުންނެވެ. 2014 ވަނަ އަހަރުން ފެށިގެން ޔަމަނުގެ ވެރިރަށް ސަންޢާ އޮތީ ހޫޘީންގެ އަތްދަށުގައެވެ.

ސަޢޫދީ ޢަރަބިއްޔާގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ސުލްޙައިގެ މަޝްވަރާތަކުގެ ބޭނުމަކީ ޔަމަނުގެ ސަރުކާރާއި ހޫޘީ ދަރިކޮޅުގެ ހަނގުރާމަވެރިންނާ ދެމެދު 2014 ވަނަ އަހަރުން ފެށިގެން ކުރަމުންދާ ދާޚިލީ ހަނގުރާމައަށް ދާއިމީ ހައްލެއް ހޯދައި، ހަނގުރާމަ ނިމުމަކަށް ގެނައުމަށް މަސައްކަތް ކުރުމެވެ.

ޔަމަނުގެ ދާޚިލީ ހަނގުރާމައިގައި އެތަކެއް ސަތޭކަ ހާސް މީހުން މަރުވެފައިވާއިރު، މި ހަނގުރާމައިގައި އެންމެ އިސް ދައުރެއް އަދާ ކޮށްފައި ވަނީ ސަޢޫދީ ޢަރަބިއްޔާއިންނެވެ. އެ ޤައުމުން ވަނީ ޔަމަނުގެ އިންތިޚާބީ ސަރުކާރުގެ ދިފާޢުގައި ތެދުވެ، ހޫޘީންނާ ދެކޮޅަށް ގުޅިފައިވާ އަސްކަރީ ކޯލިޝަނެއް އެކުލަވައިލާ ހަނގުރާމައިގައި ބައިވެރިވެފައެވެ. މި ހަނގުރާމައިގެ ސަބަބުން ޔަމަނުގެ އެތަކެއް މިލިޔަން ރައްޔިތުންނެއް ހާލުގައި ޖެހި، އެ ޤައުމަށް ވަނީ އިންސާނީ މުސީބާތެއް ކުރިމަތިވެފައެވެ.

ހަމަލާ ބަދަލު ކުރުން މެދުކަނޑައިލުމުގެ އެއްބަސްވުމަކާ އެކު ޔަމަނުގެ ދާޚިލީ ހަނގުރާމަ މި ވަގުތު އޮތީ މަޑުޖެހިފައެވެ. ސަޢޫދީ ޢަރަބިއްޔާގެ ވެރިރަށް ރިޔާޟުގައި ބާއްވާ ސުލްޙައިގެ މަޝްވަރާތަކަށް ހޫޘީންނަށް ދަޢުވަތު އަރުވާފައި ވަނީ ސަޢޫދީ ޢަރަބިއްޔާއިންނެވެ.

ހޫޘީންގެ ސިޔާސީ ކައުންސިލްގެ އިސް އޮފިޝަލެއް ކަމުގައިވާ ޢަލީ އަލް-ޤޫމް ބުނީ އެ ޖަމާޢަތުގެ ވަފުދު ސަޢޫދީ ޢަރަބިއްޔާއަށް ފުރުމުގެ ކުރިން ސަންޢާގައި ޢުމާނުގެ ވަފުދަކާ އެކު ފުޅާ ދާއިރާއެއްގައި މަޝްވަރާތަކެއް ކޮށްފައިވާ ކަމުގައެވެ. އަދި، ޢުމާނުން މެދުވެރިއެއްގެ ގޮތުގައި އަދާ ކުރަމުންދާ ދައުރާ އެކު، ޔަމަނުގެ ދާޚިލީ މައްސަލައަށް ދާއިމީ ހައްލެއް ހޯދޭނެ ކަމަށް އުންމީދު ކުރާ ކަމުގައެވެ.

ރިޔާޟުގައި ބާއްވާ މަޝްވަރާތަކުގައި ހޫޘީންގެ ބާރުގެ ދަށުގައި އޮތް ބަނދަރުތަކާއި ސަންޢާގެ ވައިގެ ބަނދަރު އަލުން ހުޅުވައިލުމާއި، ތެޔޮ ވިއްކައިގެން ލިބޭ އާމްދަނީން ޔަމަނުގެ ސަރުކާރުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް މުސާރަ ދިނުމާއި، ޤައުމު އަލުން ބިނާކުރުމާއި، ޔަމަނުގައި ތިބި ބޭރު ޤައުމުތަކުގެ ސިފައިން ބޭލުމާ ގުޅޭ ގޮތުން ވާހަކަ ދައްކަން ހަމަޖެހިފައިވާ ކަމުގައި ވެސް އޭނާ ބުންޏެވެ.

އ.ދއިން މެދުވެރިއެއްގެ ދައުރު އަދާކޮށްގެން ޔަމަނުގައި ހަމަލަ ބަދަލުކުރުން މެދުކަނޑައިލާފައި ވަނީ ހުސްވި 2022 ވަނަ އަހަރުގެ އޮކްޓޫބަރު މަހުއެވެ. މީގެ ފަސް ވަރަކަށް މަސް ކުރިން ސަޢޫދީ ޢަރަބިއްޔާގެ ވަފުދެއް ވެސް ވަނީ ސަންޢާއަށް ދަތުރުކޮށް، ސުލްޙައިގެ މަޝްވަރާތައް ބާއްވާފައެވެ.

ހޫޘީ ހަނގުރާމަވެރިން ސަންޢާއަށް އަރައި އެ ރަށަށް އަތްގަދަ ކޮށްފައި ވަނީ 2014 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުއެވެ. ހޫޘީން ހުއްޓުވަން ސަޢޫދީ ޢަރަބިއްޔާއިން ވަނީ ގުޅިފައިވާ އަސްކަރީ ކޯލިޝަނެއް އެކުލަވައިލާ ހަތިޔާރު އުފުލާފައެވެ. ސަޢޫދީ ޢަރަބިއްޔާއިން މި ހަނގުރާމައިގެ ތެރެއަށް ވަދެފައި ވަނީ 2015 ވަނަ އަހަރުގެ މާރިޗު މަހުއެވެ.

ޔަމަނުގެ ދާޚިލީ ހަނގުރާމައާ ގުޅިގެން އެތަކެއް މިލިޔަން ރައްޔިތުންނެއް ވަނީ އަމިއްލަ ވަޒަނާއި ގެދޮރު ދޫކޮށް ރައްކާތެރި ހިސާބުތަކާއި، އަވައްޓެރި ޤައުމުތަކަށް ހިޖުރަ ކޮށްފައެވެ. މި ވަގުތު އެންމެ ބޮޑު އިންސާނީ މުސީބާތެއް ކުރިމަތިވެފައިވާ ޤައުމަކީ ޔަމަން ކަމުގައި އ.ދއިން ބުނެއެވެ. އަދި، އެ ޤައުމުގައި ހާލުގައި ޖެހިފައިވާ އެތަކެއް މިލިޔަން މީހުންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދޭން އ.ދއިން ދަނީ މަސައްކަތް ކުރަމުންނެވެ.

ޔަމަނުގައި ހިނގަމުންދާ ދާޚިލީ ހަނގުރާމަ ނިމުމަކަށް ގެނައުމަށް ކުރަމުންދާ މަސައްކަތް ހަލުވިވެފައި މި ވަނީ، ސަޢޫދީ ޢަރަބިއްޔާއާއި އީރާނާ ދެމެދު ސިޔާސީ ގުޅުން އަލުން ގާއިމުކުރުމަށް އެއްބަސްވުމާ ގުޅިގެންނެވެ. މެދުއިރުމަތީގެ އެންމެ ގަދަ ދެ ބާރު ކަމުގައި ބެލެވޭ ސަޢޫދީ ޢަރަބިއްޔާއާއި އީރާނާ ދެމެދުގައި އަލުން ގުޅުން ގާއިމުކޮށްފައި ވަނީ މާރިޗު 10 ވަނަ ދުވަހުއެވެ.