މިދިޔަ ހުކުރުދުވަހު މޮރޮކޯގެ އިރުމަތީ ފަރުބަދަމަތީ ސަރަހައްދުތަކަށް އައި 6.8 މެގްނިޓިއުޑްގެ ބިން ހެލުމަކީ 1960 ވަނަ އަހަރުގެ ފަހުން އެ ޤައުމަށް އައި އެންމެ ބާރުގަދަ ބިން ހެލުމެވެ. ބިން ހެލުމާއި ގުޅިގެން ގެއްލުން ލިބުނު ފަރާތްތަކަށް އެހީތެރިވެ، އެކަމުން އަރައިގަތުމަށް މޮރޮކޯގައި މަސައްކަތް ކުރަމުންދާއިރު، މި ބިން ހެލުމާއި ގުޅިގެން އާދަޔާއި ޚިލާފުކަމެއް ސޯޝަލް މީޑިއާއާއި މެއިންސްޓްރީމް މީޑިއާގައި ދަނީ ފާހަގަކުރަމުންނެވެ.
ގިނަ ބައެއްގެ ސަމާލުކަން ހުއްޓިގެން އުޅެނީ ބިން ހެލުން އައުމުގެ ކުރިން އެ ސަރަހައްދުގެ އުޑުމަތިން ފެނުނު އަލިގަނޑުތަކަކަށެވެ. މި އަލިގަނޑުތަކުގެ ވީޑިއޯ ސޯޝަލް މީޑިއާގައި އާއްމުކުރަމުންދިއުމާއެކު އާއްމުންގެ ގިނަ ބަޔަކަށް އެނގިގެން ދިޔަ އަނެއް ކަމަކީ، މިފަދަ އަލިގަނޑުތައް މީގެކުރިން އެހެން ޤައުމުތަކަށް ބިން ހެލުން އައުމުގެ ކުރިންވެސް ފެނިފައި ހުރުމެވެ. ބިން ހެލުމުގެ ކުރިން މުޅި އުޑުމަތި ދިއްލާލާފަދަ ގޮތަކަށް ފެންނަ މި އަލިގަނޑުތަކަށް ދީފައިވާ ނަމަކީ "އާރތުކުއޭކް ލައިޓްސް"އެވެ.
أحد الأخوان من المغرب الشقيق أرسل لي هذا المقطع الغريب من كاميرا مراقبة لمنزله في مدينة أغادير لحظة وقوع الزلزال…
— إياد الحمود (@Eyaaaad) September 9, 2023
ظهرت ومضات ضوء زرقاء غامضة في الأفق ولا أحد يعرف ماهي.
مع العلم أن هذه الأضواء ظهرت نفسها لحظة وقوع زلزال تركيا وسوريا قبل 7 أشهر.
هل يوجد لدى أحد تفسير؟ pic.twitter.com/q845XXSlYu
އެމެރިކާގެ ނޯތު ކެރޮލައިނާ ސްޓޭޓް ޔުނިވަރސިޓީގެ ފިޒިސިސްޓެއްކަމަށްވާ ކެރަން ޑެނިއަލްސް ބުނާގޮތުން ބިން ހެލުމުގެ ކުރިން މި އަލިގަނޑުތައް ފެނިގެން މީގެ އެތައް ޒަމާނެއް ކުރިންސުރެވެސް އެ ވާހަކަ މީހުން ދައްކާފައި އެބަހުއްޓެވެ. ނަމަވެސް މިހާތަނަށް އައިއިރުވެސް މިއީ ކިހިނެތް ހިނގާ ކަމެއްކަން ޔަގީނާއި ގާތަށް ހޯދިފައިނުވާކަން އޭނާ ފާހަގަކުރިއެވެ.
ސައިންވެރިން ބުނާގޮތުން މި އަލިތައް ނުވަތަ "އަރތުކުއޭކް ލައިޓްސް"ގެ ހަގީޤަތް ހޯދުމަކީ ވަރަށް އުނދަގޫކަމެކެވެ. އޭގެ މައިގަނޑު ސަބަބަކީ މިއީ ބިންހެލުމެއްގެ ކުރިން ފެންނަ އަލިތަކަކަށްވެފައި، ބިންހެލުން އަންނާނެ ތަނެއް ނުވަތަ ވަގުތެއް ދުރާލާ ނޭނގޭތީ އެކަމަށް ބޭނުންވާ ހާއްސަ އާލާތްތައް ބޭނުންކޮށްގެން އެ އަލިތަކުގެ މައުލޫމާތު އެއްކޮށް، ދިރާސާތައް ކުރިއަށްގެންދަން ދަތިވުމެވެ.
އެމެރިކާއަށް އައިސްފައިވާ ބިން ހެލުންތަކާއި ގުޅޭގޮތުން ފޮތެއް ލިޔެފައިވާ ބޮސްޓަން ކޮލެޖްގެ ސެސްމޮލޮޖިސްޓެއްކަމަށްވާ ޖޯން އެބެލް ބުނީ ބިން ހެލުމުގެ ކުރިން މި އަލިތައް ފެންނަކަމަށް މީގެ ސަތޭކައެއްހާ އަހަރުކުރިންވެސް ރިޕޯޓްކޮށްފައިވާކަމަށެވެ.
2014 ވަނަ އަހަރު ތަޖުރިބާކާރުންގެ މައްޗަށް އެކުލެވޭ ޓީމަކުން ހެދި ދިރާސާއަކުން ދައްކާގޮތުން 18 ވަނަ ޤަރުނާއި، 19 ވަނަ ޤަރުނާއި އަދި 20 ވަނަ ޤަރުނުގައި ޔޫރަޕާއި އެމެރިކާއަށް އައި ބިން ހެލުންތަކުގެ ތެރެއިން 65 ބިން ހެލުމެއްގެ ކުރިން ވިދުންގަދަ އަލިތަކަކުން އުޑުމަތި ވަނީ ދިއްލާލާފައެވެ.
ބިން ހެލުމުގެ ކުރިން ފެންނަ އަލިތައް އެކި ގޮތްގޮތަށް އެކި ކުލަކުލައިގައި ފެނިފައިވާކަމުގެ ރިޕޯޓް ލިބިފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ. މިގޮތުން ބައެއް ސަރަހައްދުތަކުގެ މުޅި އުޑުމައްޗަށް އަލި ފެތުރިފައި ހުންނައިރު، ބައެއް ސަރަހައްދުތަކުގައި ތަންކޮޅުން ތިރިން އަލި ފެނިފައި އެބަހުއްޓެވެ. ބައެއް ފަހަރު މި އަލި މަދު ސިކުންތުކޮޅެއްގެ ތެރޭގައި ގެއްލޭއިރު، ވަރަށް ގިނައިރު ވަންދެން މި އަލި ފެންނަން ހުންނަ ފަހަރުވެސް އާދެއެވެ.
މީގެ 40 ނުވަތަ 50 ވަރަކަށް އަހަރުކުރިން ސްމާޓް ފޯނާއި ކެމެރާފަދަ ތަކެއްޗަކީ އެހާ އާއްމު ތަކެއްޗަށް ނުވުމުން، އުޑުމަތިން ފެންނަ މިފަދަ އާދަޔާ ހިލާފު ކަންކަން ވީޑިއޯކޮށް، ނުވަތަ ފޮޓޯ ނެގުމަކީ އާއްމުކަމެއް ނޫނެވެ. އަދި ހެއްކެއް ނެތި އެ ޒަމާނުގައި މިފަދަ ވާހަކަތައް ދެއްކިނަމަވެސް އެއީ ޤަބޫލުކުރަން އެހާ ފަސޭހަ ވާހަކަތަކެއް ނޫނެވެ. ނަމަވެސް މިއަދު ކޮންމެ މީހެއްގެ އަތުގައި ފޯނެއް އޮތުމުން މިފަދަ މަންޒަރެއް ފެނުމުން ވީޑިއޯ ނުވަތަ ފޮޓޯ ނަގާލުމަކީ ވަރަށް ފަސޭހަކަމެކެވެ.
ބިން ހެލުމެއްގެ ކުރިން އުޑުމަތިން ފެންނަ އަލިތަކުގެ ވީޑިއޯ އަދި ފޮޓޯ އާއްމުވެގެން ގިނަ ބައެއްގެ ސަމާލުކަމަށް އެކަން އެންމެ ފުރަތަމަ އައީ 2021 ވަނަ އަހަރު މެކްސިކޯގެ ގޮރޭރޯއަށް އައި ބިންހެލުމުގައެވެ. އޭގެފަހުން ޗައިނާއަށް ބިން ހެލުމެއްގެ ކުރިންވެސް ހަމަ މިގޮތަށް އަލިތައް ފެނިގެން ވީޑިއޯ އަދި ފޮޓޯ ނަގާފައި އެބަހުއްޓެވެ.
ބިން ހެލުމުގެ ކުރިން ފެންނަ އަލިތަކާއި ގުޅޭގޮތުން ސައިންސްވެރިން އެކި ވާހަކަތައް ދައްކާފައި އެބަހުއްޓެވެ. ބައެއް ސައިންސްވެރިން ބުނާގޮތުން މިއީ ޓެކްޓޮނިކް ޕްލޭޓްތައް ގޭނިގެން އުފެދޭ ކަރަންޓެއްގެ ސަބަބުން އުފެދޭ އަލިތަކެކެވެ. ނަމަވެސް އެކަމާމެދު ސުވާލު އުފައްދާ ސައިންސްވެރިން ބުނާގޮތުން އެފަދަ ކަރަންޓެއް އުފެދެނީ ތަފާތު ދެ ބާވަތެއް އެގޮތަށް ގޭނިގެންކަމަށްވާއިރު، ޓެކްޓޮނިކް ޕްލޭޓްތަކުގައި ހުންނަ އެއްގޮތް ގާތައް ގޭނިގެން އެވަރުގެ ކަރަންޓެއް ނުއުފުއްދޭނެކަމަށެވެ.
ބައެއް ސައިންސްވެރިން ބުނާގޮތުން އެ އަލިތައް ފެންނަން މެދުވެރިވަނީ ބިން ހެލުމުގެ ސަބަބުން ކަރަންޓް ފޯރުކޮށްދޭ "ޕަވަރ ލައިންސް"ތައް ގުޑިގެން އުފެދޭ އިލެކްޓްރިކް ސޯޓްތަކުގެ ސަބަބުންކަމަށެވެ. ނަމަވެސް އެކަށީގެންވާ ތަހުލީލްތަކާއި ދިރާސާތަކާއި ނުލައި، މިއީ މިވެނި ކަމެއް ވެގެން ހިނގާ ކަމެކޭ ބުނަން ސައިންސްވެރިންނަށް ދައްޗެވެ.
ސައިންސްވެރިން ބުނާގޮތުން ބިންހެލުމުގެ ކުރިން ފެންނަ އަލިތަކުގެ ހަޤީގަތް ނޭނގުނަސް، އެ އަލިތަކާއި ބިން ހެލުންތަކާއި ގުޅުމެއް ނެތްކަމަށް ބުނެވޭކަށް ނެތެވެ. އަދި ބައެއް ސައިންސްވެރިން ބުނާގޮތުން "އާރތުކުއޭކް ލައިޓްސް"ގެ ހަގީޤަތް ހޯދިއްޖެނަމަ، އެކަމުގެ ސަބަބުން ބިން ހެލުމެއް އައުމުގެ ކުރިން އެކަމާއި ގުޅޭ މައުލޫމާތު ދުރާލާ ހޯދުމަށް ފަސޭހަވެގެންދާނެއެވެ.