ޚަބަރު

ޗައިނާގެ އަސްކަރީ އުޅަނދުފަހަރު ތައިވާނުގެ ސަރަޙައްދުގެ ތެރޭގައި


ޗައިނާގެ އަސްކަރީ މަތިންދާބޯޓުތަކާއި މަނަވަރުތައް ތައިވާނުގެ ވަޔާއި ކަނޑުގެ ސަރަޙައްދަށް ވަދެފައިވާ ކަން ތައިވާނުން ހާމަކޮށްފިއެވެ. ޗައިނާގެ އަސްކަރީ އުޅަނދުފަހަރު ތައިވާނުގެ ވަޔާއި ކަނޑުގެ ސަރަޙައްދީ އިން ހުރަސްކޮށް އެތެރެވެފައި ވަނީ ޗައިނާގެ މަތިންދާބޯޓު އުފުލާ މަނަވަރު "ޝެންދުންގް" ބޭނުންކޮށްގެން ހިންގަމުންދާ އަސްކަރީ ތަމްރީނުތަކެއްގެ ދަށުން ކަމަށް ބެލެވެއެވެ.

ނަމަވެސް، އަސްކަރީ ތަމްރީނުތަކެއް ހަދަމުންދާ ކަން ޗައިނާއިން ކަށަވަރު ކޮށްދީފައެއް ނެތެވެ. ތައިވާނުން ބުނީ ޗައިނާގެ އަސްކަރިއްޔާގެ 68 މަތިންދާބޯޓާއި 10 މަނަވަރު ސަރަޙައްދީ އިން ހުރަސްކޮށް އެ ޤައުމުގެ ސަރަޙައްދަށް ވަދެފައިވާ ކަމުގައެވެ. ފާއިތުވި ދެ ދުވަހުގެ ތެރޭގައި އެތަކެއް ފަހަރެއް މަތިން ޗައިނާގެ އަސްކަރީ އުޅަނދުފަހަރު ތައިވާނުގެ ސަރަޙައްދަށް އެތެރެވެފައިވާ ކަމުގައި ވެސް އެ ޤައުމުން ބުނެއެވެ.

ސެޕްޓެންބަރު 14 ވަނަ ދުވަހު ތައިވާނުގެ ސަރަޙައްދަށް 68 މަތިންދާބޯޓާއި 10 މަނަވަރު ވަދެފައިވާއިރު، އޭގެ ކުރީ ދުވަހު 35 އަސްކަރީ މަތިންދާބޯޓު ސަރަޙައްދީ އިން ހުރަސްކޮށް ތައިވާނުގެ ސަރަޙައްދަށް އެތެރެވެފައިވާ ކަމުގައި ވެސް އެ ޤައުމުން ބުނެއެވެ. ޗައިނާގެ ޝެންދުންގް އަސްކަރީ މަތިންދާބޯޓު އުފުލާ މަނަވަރު ތައިވާނާ 111 ކިލޯމީޓަރު ދުރުގައި ހަރަކާތްތެރިވަމުންދާ ކަމުގައި އެ ޤައުމުން ބުނެއެވެ.

ހުޅަނގު ޕެސިފިކް ކަނޑުގެ ސަރަޙައްދުގައި ޗައިނާގެ އަސްކަރީ މަތިންދާބޯޓުތަކާއި މަނަވަރުތައް ހަރަކާތްތެރިވަމުންދާ ކަން ޖަޕާނުން ވެސް ވަނީ ކަށަވަރު ކޮށްދީފައެވެ. ނަމަވެސް، އަސްކަރީ ތަމްރީނުތަކެއް ހިންގަމުންދާ ކަން ކަށަވަރު ކޮށްދޭން ޗައިނާއިން ވަނީ ދެކޮޅު ހަދާފައެވެ.

ތައިވާނަކީ މިނިވަން ދަޢުލަތެއްގެ ގޮތުގައި އެމެރިކާއާއި ހުޅަނގުގެ ބާރުތަކުން ދެކުނު ނަމަވެސް، ޗައިނާއިން ދެކޭ ގޮތުގައި އެއީ އެ ޤައުމުގެ ބަޔެކެވެ. އެ ޤައުމުގެ މިލްކެކެވެ. އަދި، ކޮންމެ ވެސް ދުވަހަކުން ތައިވާން ހިފާނެ ކަމަށް ބުނެ، ޗައިނާއިން ދަނީ އިންޒާރު ދެމުންނެވެ. ތައިވާނުގެ މިނިވަންކަމާ ގުޅޭ މައްސަލައަކީ މި ވަގުތު ބައިނަލްއަޤުވާމީ މަސްރަޙަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް މައްސަލައެވެ.

ތައިވާން ވަށައިގެންވާ ކަނޑުގެ ސަރަޙައްދުތަކަކީ ވެސް ޗައިނާގެ ބަޔެއް ކަމަށް އެ ޤައުމުން ވަކާލާތު ކުރެއެވެ. ނަމަވެސް، ތައިވާނާއި ޗައިނާ ގުޅޭ ކަނޑުގެ ސަރަޙައްދު ކަމުގައިވާ "ތައިވާން ސްޓްރެއިޓްސް" އަދި ދެކުނު ޗައިނާ ކަނޑަކީ ބައިނަލްއަޤުވާމީ ކަނޑުގެ ސަރަޙައްދުތަކެއްގެ ގޮތުގައި އެމެރިކާއިން ޤަބޫލު ކުރެއެވެ. އަދި، ޗައިނާގެ އަސްކަރިއްޔާއަށް ފުރައްސާރަ ކުރުމުގެ ގޮތުން އެމެރިކާގެ އަސްކަރީ މަނަވަރުތަކުން ދަނީ ތައިވާން ސްޓްރެއިޓްސްއާއި ދެކުނު ޗައިނާ ކަނޑުގައި ހަރަކާތްތެރިވަމުންނެވެ.

ތައިވާންގެ މިނިވަންކަމާ ގުޅޭ މައްސަލައިގެ ތެރެއިން މި ވަގުތު އެންމެ ބޮޑު ނުތަނަވަސް ކަމެއް އުފެދިފައި ވަނީ، އެމެރިކާއިން ތައިވާނާ އެކު އަސްކަރީ ގުޅުންތައް ހަރުދަނާ ކުރުމެވެ. އެމެރިކާއިން ތައިވާނަށް ހަތިޔާރު ވިއްކުމަކީ ޗައިނާއިން ރުހޭ ކަމެއް ނޫނެވެ. އަދި، އެ ކަމާ ދެކޮޅަށް ޗައިނާއިން ދަނީ އަޑުއުފުލައި، ބިރު ދައްކަމުންނެވެ. އެމެރިކާ-ތައިވާން އަސްކަރީ ގުޅުމާ ދެކޮޅު ހެދުމުގެ ގޮތުން ޗައިނާއިން ދަނީ ތައިވާން ވަށައިގެންވާ ކަނޑުގެ ސަރަޙައްދުގައި ދޭތެރެދޭތެރެއިން އަސްކަރީ ތަމްރީނުތައް ބާއްވަމުންނެވެ.