ޔަހޫދީން އަޅުވެތި ކޮށްފައި އޮތް ފަލަސްޠީނުގެ ޣައްޒާގައި ބޮމެއް ގޮއްވައިލާ ފަލަސްޠީނުގެ ފަސް މީހުން ޝަހީދު ކޮށްލައިފިއެވެ. ބޮމެއް ފަދަ އެއްޗެއް ގޮއްވައިލާފައި ވަނީ ޣައްޒާއާއި ޔަހޫދީންގެ ދަޢުލަތް ކަމުގައިވާ އިސްރާޢީލު ގުޅޭ ސަރަޙައްދީ ރޮނގުގައި، ޣައްޒާ ބަންދު ކުރަން ޖަހާފައިވާ ފެންސު ކައިރީގައެވެ. މި ހާދިސާގައި 25 އަށްވުރެ ގިނަ މީހުން ޒަޚަމުވިއެވެ.
ފެންސް ކައިރީގައި ބާރުގަދަ އެއްޗެއް ގޮވާފައިވާ ސަބަބު ދެނެގަނެވިފައި ނުވާ ކަމަށް ޣައްޒާގައި ހުންނަ ފަލަސްޠީނުގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ބުނެއެވެ. ނަމަވެސް، މި ހަމަލާގެ ފަހަތުގައި އޮތީ ޔަހޫދީ ޓެރެރިސްޓު ދަޢުލަތުގެ ޖައްބާރު ސިފައިން ކަމަށް ބެލެވޭ ކަމުގައި މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.
މި ހާދިސާ ހިނގާފައި ވަނީ ފެންސް ކައިރިއަށް އެއްވެ ގިނަ ޢަދަދެއްގެ ބަޔަކު މުޒާހަރާ ކުރަމުން ދިޔަ ވަގުތެއްގައެވެ. މުޒާހަރާ އިންތިޒާމު ކޮށްފައި ވަނީ ޣައްޒާގައި ވެރިކަން ކުރާ ހަމާސް ޖަމާޢަތުންނެވެ. އެއީ ފަލަސްޠީނުގެ މިނިވަން ކަމަށް ޖިހާދު ކުރަމުންދާ މުޖާހިދުންގެ ޖަމާޢަތެކެވެ. މުޒާހަރާ އިންތިޒާމު ކޮށްފައި ވަނީ 2005 ވަނަ އަހަރު ޣައްޒާއިން ޔަހޫދީ ޖައްބާރު ސިފައިން ފޭބި ދުވަހުގެ މުނާސަބަތުގައެވެ.
މި ހަމަލާގެ ފަހަތުގައި އޮތީ ޔަހޫދީ ޓެރެރިސްޓު ސިފައިން ކަމަށް ބެލެވޭ އެއް ސަބަބަކީ، ފެންސް ކައިރިން ބޮމެއް ކަމަށް ބެލެވޭ އެއްޗެއް ފެނުމުން އޭތި "ޑިފިޔުސް" ކުރަން ނުވަތަ ނުގޮވާ ގޮތް ހަދަން ފަލަސްޠީނުގެ ގޮވާތަކެއްޗާ ބެހޭ އިންޖިނޭރުން މަސައްކަތް ފެށުމުން ޔަހޫދީ ސިފައިން އެ މީހުން ހުއްޓުވުމުންނެވެ. ޔަހޫދީ ޓެރެރިސްޓު ސިފައިން ވަނީ އެ މީހުންނާ ދެކޮޅަށް އަޑުއުފުލަމުން ދިޔަ ފަލަސްޠީނުގެ ރައްޔިތުންނަށް ހަމަލަ ދޭން ކަރުނަ ގޭސް ވެސް ޖަހާފައެވެ.
މިއީ، ފަލަސްޠީނުގެ ކުށެއް ނެތް ޢާންމު ރައްޔިތުންނާ ދެކޮޅަށް ޔަހޫދީ ޓެރެރިސްޓު ސިފައިން ބޮމުގެ ހަމަލައެއް ދީފައިވާ ފުރަތަމަ ފަހަރެއް ނޫނެވެ. ބޮން ގޮއްވުމަކީ ފަލަސްޠީނުގެ މުސްލިމުންގެ ފުރާނަ ނަގައިލާ، އެ މީހުންގެ ލޭއޮހޮރުވައިލަން ޔަހޫދީ ޖައްބާރު ސިފައިން ގަޔާވާ އުކުޅެކެވެ. ނަމަވެސް، ޣައްޒާގައި ހިނގި ހާދިސާގައި އެއްވެސް ބައިވެރިވުމެއް ނުވާނެ ކަމަށް ބުނެ ޔަހޫދީ އަސްކަރިއްޔާއިން ވަނީ ދޮގު ހަދާފައެވެ.
ޣައްޒާއަކީ ފަލަސްޠީނުގެ 2 މިލިޔަނެއްހާ މުސްލިމުން ދިރިއުޅޭ ސަހަރެކެވެ. އެއީ ދުނިޔޭގައި އޮތް އެންމެ ބޮޑު ޖަލުގެ ގޮތުގައި ސިފަ ކުރެވޭ ތަނެކެވެ. އެ ތަން ވަށައިގެން ޔަހޫދީ ޓެރެރިސްޓުން ވަނީ ފެންސް ޖަހައި ބަންދުކޮށްފައެވެ. ޣައްޒާގެ ރައްޔިތުންނަށް އެ ތަނަށް ވަދެނިކުމެ ހެދެނީ ޔަހޫދީ ސިފައިންގެ ޗެކްޕޮއިންޓުތައް ހުރަސް ކޮށްފައެވެ.
ޣައްޒާގެ ރައްޔިތުން މި ގޮތަށް އަޅުވެތި ކޮށްގެން ގެންގުޅުމަކީ ލާއިންސާނީ ޖަރީމާއެއްގެ ގޮތުގައި މުޅި ދުނިޔެ ސިފަ ކުރި ނަމަވެސް، ޔަހޫދީންގެ މި ޖައްބާރު އަމަލު ހުއްޓުވަން އެންމެ އިނގިއްޔެއްހާ މިންވަރު ވެސް ހިއްލައިލާނެ އިދާރާއެއް، ނުވަތަ ޤައުމެއް ނެތް ކަން ފާހަގަ ކޮށްލަން ޖެހެއެވެ.