ޚަބަރު

ބިދޭސީންނަށް ހަމަލާއެއްދޭން ރާވާ ވާހަކަދޮގުކޮށް ފުލުހުން އެދުނީ ބިރުވެެރިކަން ނުފެތުރުމަށް


  • އެއްވެސް ބަޔަކަށް ހަމަލާއެއް ދިނުމަށް ނުރާވާކަމަށް

  • ސިޔާސީ މަޤްޞަދެއް ހާޞިލް ކުރުމަށްޓަކައި ފަތުރަމުންދާ ވާހަކަތަކެއް

  • ގައުމީ މަސްލަތަހަަތަށް އުނިކަން ލިބޭ ފަދަ ކަންކަން ނުކުރުމަށް އިލްތިމާސްކުރެއްވި

ދައުލަތުގެ ބައެއް މުވައްޒަފުންނާއި ރާއްޖޭގައި އުޅޭ ބިދޭސީންނަށް ހަމަަލާދޭން ސަރުކާރުން ރާވަމުންދާ ކަމަށް ބުނެ ފަތުރަމުންދާ ވާހަކަތައް ފުލުހުން ދޮގުކުރައްވައިފިއެވެ.

ފުލުހުން މިކަން ދޮގުކުރެއްވީ ދިވެހި ސަރުކާރުން ރާވައިގެން ސަރުކާރުގެ އެކި މަޤާމްތަކުގައި ތިބި ބައެއް މީހުންނަށާއި ރާއްޖޭގައި އުޅޭ ބިދޭސީންނަށް ހަމަލާދިނުމަށް ރާވަމުންދާކަމުގެ މަޢުލޫމާތު ލިބިފައިވާކަމަށާއި އެ މަޢުލޫމާތު ފުލުހުންނަށްވެސް ލިބިފައިވާކަމަށް ބުނެ ސޯޝަލް މީޑިއާއާއި އޮންލައިން ނޫހެއްގައި ޝާޢިއުކޮށްފައިވާ ޚަބަރަކާ ގުޅޭގޮތުން ނެރުނު ބަޔާނުގައެވެ.

މިކަމާ ގުޅިގެން ފުލުހުން ނެރުނު ބަޔާނެއްގައި ވިދާޅުވީ ސަރުކާރުގެ ނުވަތަ ދަޢުލަތުގެ މުވައްޒަފުންނާއި ރާއްޖޭގައި އުޅޭ ބޭރު ޤައުމުތަކުގެ މީހުންނަށް އަމާޒުކޮށްގެން ހަމަލާދިނުމަށް އެއްވެސް ފަރާތަކުން ރާވަފައިވާކަމުގެ މަޢުލޫމާތެއް ފުލުންނަށާއި ސަލާމަތީ ޚިދުމަތްތަކަށް ލިބިފައި ނުވާކަމަށެވެ. އަދި ދައުލަތުގެ ބައެއް މުވައްޒަފުންނާއި ރާއްޖޭގައި އުޅޭ ބިދޭސީންނަށް ހަމަަލާދޭން ސަރުކާރުން ރާވަމުންދާ ކަމަށް ބުނެ ފަތުރަމުންދާ ވާހަކަތަކަކީ އެއްވެސް އަސާސެއް ނެތް ވާހަކައެއް ކަމަށާއި އެއީ ރައްޔިތުންގެ މެދުގައި ބިރުވެރިކަމާއި ހާސްކަން އުފެއްދުމަށް ސިޔާސީ މަޤްޞަދެއް ހާޞިލް ކުރުމަށްޓަކައި ފަތުރަމުންދާ ވާހަކައެއްކަމަށް ފުލުހުން ވިދާޅުވިއެވެ.

މީގެ އިތުރަށް ފުލުހުން ވަނީ މި ބާވަތުގެ ދޮގު ޚަބަރުތައް ފަތުރައި ރައްޔިތުންގެ ތެރޭގައި ބިރުވެރިކަމާއި ނުތަނަވަސްކަން ނުފެތުރުމަށާއި ގައުމީ މަސްލަތަހަަތަށް އުނިކަން ލިބޭ ފަދަ ކަންކަން ނުކުރުމަށް އިލްތިމާސްކުރައްވާފައެވެ.