ޚަބަރު

ސާރވޭގެ ނަމުގައި ދަރިވަރުންގެ އައިޑީ ހޯދަންގުޅާތީ ސަމާލުވުމަށް އިލްތިމާސްކޮށްފި


  • ސްކޫލް ދަރިވަރުންގެ އައިޑީ ހޯދަން ގުޅަނީ ސާރވޭގެ ނަމުގައި

  • މި ދުވަސްވަރަކީ އިންތިޚާބީ ކަންކަންކަމަށްވެސް މަޢުލޫމާތު ހޯދަން ގުޅާ ދުވަސްވަރެއް

  • އައިޑީފަދަ ޒާތީ މައުލޫމާތު ހިއްސާނުކުރުމަށް ފުލުހުން އެދޭ

ރިޔާސީ އިންތިޚާބާ ދިމާކޮށް، ސްކޫލް ދަރިވަރުންގެ އައިޑީކާޑުގެ ކޮޕީ ހޯދަން ގުޅާތީ، އެކަމަށް ސަމާލުވުމަށް ފުލުހުން އިލްތިމާސްކުރައްވައިފިއެވެ.

ސްކޫލް ކުދިންގެ އައިޑީކާޑުގެ ކޮޕީ ހޯދަން ގުޅާކަމުގެ ޝަކުވާ އެޑިއުކޭޝަން މިނިސްޓްރީއަށްވެސް ލިބިފައިވާތީ، އެކަން ސްކޫލްތަކުގެ ސަމާލުކަމަށްވެސް ގެނެސްފައިވާކަމަށް އެ މިނިސްޓްރީން ވިދާޅުވެއެވެ.

ފުލުހުން ވިދާޅުވީ، ސްކޫލް ދަރިވަރުންގެ އައިޑީކާޑު ކޮޕީ ހޯދުމަށް ގުޅަނީ ސާރވޭއެއް ކުރުމުގެ ނަމުގައިކަމަށެވެ. ނަމަވެސް އައިޑީކާޑު ފަދަ ރަސްމީ ޑޮކިއުމަންތެއްގައި ހިމެނޭ ޒާތީ މަޢުލޫމާތުތަކަކީ އެކި ސްކޭމްތައް ހިންގުމާއި، އައިޑެންޓިޓީ ތެފްޓު ފަދަ އެނޫންވެސް ކުށްތަކަށް އަރައިގަތުމަށް ބޭނުންކޮށްފާނެ މަޢުލޫމާތު ހިމެނޭ ޑޮކިއުމަންޓަކަށް ވުމާއެކު އެފަދަ ތަކެތި ހިއްސާނުކުރުމަށް ފުލުހުން ވަނީ އެދިވަޑައިގެންފައެވެ.

އައިޑީ ކާޑުގެ ކޮޕީ ހޯދަން ފޯނުން ގުޅައި މެސެޖުކޮށް ހަދަނީ، ސެކްންޑަރީ ސްކޫލް ދަރިވަރުންނަށް ޢަމާޒުކޮށްގެންނެވެ.

ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައިވެސް ދަރިވަރުންގެ އައިޑީކާޑުގެ ކޮޕީ ހޯދުމަށް ގުޅާ މައްސަލަތަކެއް ފެންމަތިވެ ބެލެނިވެރިން އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.