ޚަބަރު

ވިއެޓްނާމްގެ އެޕާޓްމަންޓް ޢިމާރާތެއްގައި ރޯވެ 56 މީހުން މަރުވެއްޖެ


ވިއެޓްނާމްގެ ވެރިރަށް ހަނޯއީގައި ޢާންމުން ދިރިއުޅޭ އެޕާޓްމަންޓް ޢިމާރާތެއްގައި ރޯވެ 56 މީހުން މަރުވެއްޖެއެވެ. ނުވަ ބުރިއަށް ނަގާފައިވާ ޢިމާރާތުގައި ހިނގި އަލިފާނުގެ ހާދިސާގައި ގިނަ ޢަދަދެއްގެ ބަޔަކު ޒަޚަމުވިއެވެ. ވިއެޓްނާމްގެ އަލިފާން ނިއްވާ އިދާރާއިން ބުނީ ޢިމާރާތުގައި އަލިފާން ރޯވެފައި ވަނީ ދަންވަރުގެ ވަގުތު، ގިނަ މީހުން ނިދާފައި ތިއްބާ ކަމުގައެވެ.

މި ހާދިސާގައި މަރުވެފައިވާ 56 މީހުންގެ ހަށިގަނޑު ފެނިފައިވާ ކަމަށް އޮފިޝަލުން ވިދާޅުވިއެވެ. އަދި، ދުމުގެ އަސަރު ކުރުމާއި، ފިހުމުގެ ސަބަބުން 37 މީހުން ޒަޚަމުވި ކަމުގައި އޮފިޝަލުން ވިދާޅުވިއެވެ. އެ މީހުންނަށް މިހާރު ދަނީ ފަރުވާ ދެމުންނެވެ. އަލިފާނުގެ ހާދިސާ ހިނގާފައިވާ ޢިމާރާތަކީ 150 އަށްވުރެ ގިނަ މީހުން ދިރިއުޅޭ ޢިމާރާތެކެވެ.

މި ހާދިސާގައި މަރުވި މީހުންގެ ތެރޭގައި ހަތަރު ކުޑަކުދިން ވެސް ހިމެނެއެވެ. ޢިމާރާތުގައި ރޯވި އަލިފާންގަނޑު ދެ ގަޑިއިރެއްހާއިރު ފަހުން ނިއްވައިލެވުނު ނަމަވެސް، ގިނަ ޢަދަދެއްގެ ބަޔަކު މަރުވެފައި ވަނީ އަލިފާންގަނޑުން ސަލާމަތްވެ، ޢިމާރާތެއް ބޭރަށް ނުނިކުމެވުމުގެ ސަބަބުން ކަމުގައި އޮފިޝަލުން ވިދާޅުވިއެވެ. ކުއްލި ހާލަތްތަކުގައި ބޭނުން ކުރާނެ ސިޑިއެއް ނުވަތަ ހަރުގަނޑެއް ވެސް އެ ތަނުގައި ނެތް ކަމުގައި އޮފިޝަލުން ވިދާޅުވިއެވެ.

ވިއެޓްނާމްގެ ބޮޑުވަޒީރު ފަމް މިން ޗިން ވަނީ މި ހާދިސާގައި މަރުވި މީހުންގެ ޢާއިލާތަކަށް ތަޢުޒިޔާ ދަންނަވާފައެވެ. އަދި، އަލިފާން ރޯވި ޢިމާރާތް ހުންނަ ސަރަޙައްދަށް ވަޑައިގަންނަވައި، މި ހާދިސާގައި ޒަޚަމުވުމުގެ ސަބަބުން ހޮސްޕިޓަލުތަކުގައި އެޑްމިޓު ކޮށްގެން ފަރުވާދެމުންދާ މީހުންނަށް ޒިޔާރަތް ކުރައްވާފައެވެ. މި ހާދިސާގެ ފުރިހަމަ ތަޙުޤީޤެއް ކުރުމަށް ވެސް އޭނާ ވަނީ އަމުރު ކުރައްވާފައެވެ.

މިއީ ފަހުގެ ތާރީޚެއްގައި ވިއެޓްނާމްގައި ހިނގާފައިވާ މި ފަދަ ފުރަތަމަ ހާދިސާއެއް ނޫނެވެ. މީގެ އަހަރެއްހާ ދުވަސް ކުރިން އެ ޤައުމުގެ ވިޔަފާރީގެ މަރުކަޒީ ރަށް ކަމުގައިވާ ހޯ ޗީ މިން ސިޓީގެ ކެރިއޯކީ ބާއެއްގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި 32 މީހުން މަރުވިއެވެ. އެ ހާދިސާގައި އިތުރު 17 މީހަން ޒަޚަމުވިއެވެ. 2018 ވަނަ އަހަރު ހިނގި މި ފަދަ އެހެން ހާދިސާއެއްގައި 13 މީހުން މަރުވިއެވެ. އަދި، 2016 ވަނަ އަހަރު ވެސް ކެރިއޯކީ ބާއެއްގައި ހިނގި އަލިފާނުގެ ހާޑިސާއެއްގައި 13 މީހުން މަރުވިއެވެ.