ޚަބަރު

އެމިރޭޓްސް ކަސްޓަމަރުންނަށް މޯލްޑިވިއަންގައި ރާއްޖޭގެ 16 މަންޒިލަކަށް


  • އެމިރޭޓްސްގެ ކަސްޓަމަރުންނަށް ރާއްޖޭގެ 16 މަންޒިލަކަށް ދަތުރުކުރެވޭނެ

  • މިދަތުރުތަކަށް ބޭނުންވާ ޓިކެޓު 15 ސެޕްޓެންބަރުން ފެށިގެން ނެގޭނެ

މާދަމާއިން ފެށިގެން އެމިރޭޓްސް އެއަރލައިންގެ ކަސްޓަމަރުންނަށް މޯލްޑިވިއަންގެ ފްލައިޓުތަކުގައި ރާއްޖޭގެ 16 މަންޒިލަކަށް ދަތުރުކުރެވޭނެ އިންތިޒާމް ހަމަޖައްސައިފިއެވެ.

މޯލްޑިވިއަން އިން ނެރުނު ނޫސް ބަޔާނެއްގައި ވާގޮތުން މިއިންތިޒާމްތައް ހަމަޖެހިގެން މިދިޔައީ މިދިއަ އަހަރު މޯލްޑިވިއަން އާއި އެމިރޭޓްސް އާއި ދެމެދު ސޮއިކުރެވުނު، މެމޮރެންޑަމް އޮފް އަންޑަސްޓޭޑިންގ (އެމްއޯޔޫ)ގެ ދަށުން، ދެ ފަރާތުން ގުޅިގެން މަސައްކަތްކުރުމަށްވެފައިވާ އިންޓަލައިން ޕާޓްނާޝިޕް އެއްބަސްވުމުގެ ދަށުންނެވެ.

މިއެއްބަސްވުމުގެ ދަށުން މާލެ ފިޔަވައި ފަތުރުވެރިންގެ މެދުގައި ރާއްޖޭގެ މަޤްބޫލް 16 މަންޒިލަކަށް ދަތުރުކުރެވޭނެއެވެ. އެގޮތުން އެއް ޓިކެޓެއްގެ ދަށުން އަތޮޅުތެރޭގެ އެކި މަންޒިލްތަކަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ވައިގެމަގުން އެމިރޭޓްސްގެ ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ދަތުރު ކުރެވޭނެއެވެ.

އަދި 15 ސެޕްޓެންބަރުން ފެށިގެން އެމިރޭޓްސްގެ ރަސްމީ ވެބްސައިޓާއި، މޯބައިލް އެޕުންވެސް މިދަތުރުތަކަށް ޓިކެޓު ގަނެވޭނެ ކަމަށް މޯލްޑިވިއަނުން ހާމަކުރެއެވެ.

މިކަމާބެހޭގޮތުން ވާހަކަދައްކަވަމުން މޯލްޑިވިއަންގެ ޖެނެރަލް މެނޭޖަރ އިބްރާހިމް ހަމްދާން މުޙައްމަދު ވިދާޅުވީ މިފަދަ އެއްބަސްވުމަކާއި ހަމައަށް އެމިރޭޓްސް ފަދަ ބައިނަލްއަޤުވާމީ ބޮޑު ކުންފުންޏަކާއިއެކު އާދެވުމަކީ މޯލްޑިވިއަންއަށް ލިބުނު ކުރިއެރުމެއްކަމަށެވެ. މި އެއްބަސްވުމުގެ ދަށުން ރާއްޖޭގެ ވައިގެ ދަތުރުތައް ވަރުގަދަވެ، ރާއްޖެ ވައިގެ މަގުން ގުޅާލުމަށް މޯލްޑިވިއަންއިން ކުރާ މަސައްކަތަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެކަމަށްވެސް ހަމްދާން ވިދާޅުވިއެވެ. އަދި ރާއްޖޭގައި އެންމެ ކުރީގައި އުޅޭ މަތިންދާ ބޯޓު އޮޕަރޭޓް ކުރާ ކުންފުންޏަކަށްވުމަށް މޯލްޑިވިއަންއިން ކުރަމުންދާ މަސައްކަތަށް ބޮޑު ބާރަކަށް ވެގެންދާނެ ކަމަށް ހަމްދާން ވިދާޅުވިއެވެ.

އެމިރޭޓްސްއާއި މޯލްޑިވިއަންއާ ދެމެދު އެމްއޯޔޫގައި ސޮއިކުރީ 10 ފެބުރުއަރީ 2022 ގައެވެ.

އެމިރޭޓްސްއިން މިހާރުވެސް ދުބާއީއާއި ރާއްޖެއާ ދެމެދު ހަފްތާއަކު 28 ދަތުރުކުރެއެވެ. ރާއްޖޭގެ އިތުރުންވެސް، އެމިރޭޓްސް ދުނިޔޭގެ 6 ބައްރުން 85 ޤައުމަކަށް، ވައިގެ ދަތުރުކުރެއެވެ.