ޔޫކްރެއިނަށް އަރާފައިވާ ރަޝިޔާގެ އިސްތިޢުމާރީ ސިފައިންނާ ދެކޮޅަށް ފަށާފައިވާ ކައުންޓަރއޮފެންސިވްގައި ބޭނުން ކުރުމަށް ކްލަސްޓަރ ބޮން ހިމެނޭ ދުރު ރާސްތާ މިސައިލް ޔޫކްރެއިނަށް ފޮނުވަން އެމެރިކާއިން މަސައްކަތް ކުރަމުން އެބަދެއެވެ. ރަޝިޔާގެ ފައުޖުތަކާ ދެކޮޅަށް ޔޫކްރެއިނުން ކައުންޓަރއޮފެންސިވް ނުވަތަ ނުވަތަ ރައްދު ހަމަލާގެ އަސްކަރީ ކެމްޕޭން ފަށާފައި ވަނީ ޖޫންމަހުގެ ކުރީކޮޅެވެ.
ނަން ހާމަކުރަން ބޭނުން ނުވާ އެމެރިކާގެ އަސްކަރިއްޔާގެ އޮފިޝަލުންތަކެއް މީޑިޔާއާ ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ، އެމެރިކާއިން ފޮނުވާ ދުރު ރާސްތާ މިސައިލްތަކަކީ ކްލަސްޓަރ ބޮން ބޭނުންކުރެވޭ މިސައިލްތަކެއް ކަމުގައެވެ. ކްލަސްޓަރ މިޔުނިޝަން ނުވަތަ ބޮމަކީ ހަނގުރާމައިގެ މައިދާނުގައި ބޭނުން ކުރުން މަނާކޮށްފައިވާ ފަނާ ކުރަނިވި އަދި ނުރައްކާތެރި ހަތިޔާރެކެވެ.
އެމެރިކާގެ އޮފިޝަލުން ވިދާޅުވީ ކްލަސްޓަރ ބޮމާ އެކު ދުރު ރާސްތާގެ މިސައިލްތަކާއި ރޮކެޓްތައް ބޭނުންކޮށްގެން ޔޫކްރެއިންގައި ހަރަކާތްތެރިވަމުންދާ ރަޝިޔާގެ ފައުޖުތަކަށް ބޮޑެތި ގެއްލުންތަކެއް ދެވޭނެ ކަމުގައެވެ. މީގެ ކުރިން ވެސް އެމެރިކާއިން ވަނީ ޔޫކްރެއިނަށް ކްލަސްޓަރ މިޔުނިޝަންސް ފޯރުކޮށްދީފައެވެ. އެ ހަތިޔާރު ބޭނުންކޮށްގެން ރަޝިޔާގެ ފައުޖުތަކަށް ހަމަލަ ދިނުމުގައި ޔޫކްރެއިނުން ވަނީ ކުރިއެރުންތަކެއް ހޯދާފައެވެ.
އެމެރިކާއިން ޔޫކްރެއިނަށް ފޮނުވަން މިހާރު މަޝްވަރާ ކުރަމުން ދަނީ "އާމީ ޓެކްޓިކަލް މިސައިލް ސިސްޓަމް (އޭ.ޓީ.އޭ.ސީ.އެމް.އެސް)" އަދި "ގައިޑެޑް މަލްޓިޕްލް ލޯންޗް ރޮކެޓް ސިސްޓަމް (ޖީ.އެމް.އެލް.އާރް.އެސް)" ނިޒާމެވެ. އޭގެ ތެރެއިން އޭ.ޓީ.އޭ.ސީ.އެމް.އެސްއަކީ 306 ކިލޯމީޓަރު ދުރުގައި އޮންނަ އަމާޒުތަކަށް ހަމަލަދިނުމަށް ބޭނުން ކުރެވޭ މިސައިލް ސިސްޓަމެކެވެ. އޭގެ ކޮންމެ މިސައިލެއްގައި 300 ކްލަސްޓަރ ބޮން ހުރެއެވެ. ޖީ.އެމް.އެލް.އާރް.އެސް ސިސްޓަމަކީ 72 ކިލޯމީޓަރު ދުރުގައި އޮންނަ އަމާޒުތަކަށް ހަމަލަދެވޭ ނިޒާމެކެވެ. މީގެ ކޮންމެ ރޮކެޓެއްގައި 404 ކްލަސްޓަރ ބޮން ހުންނާނެއެވެ.
އެ ތަކެތި ބޭނުންކޮށްގެން ޔޫކްރެއިންގައި ތިބި ރަޝިޔާ ސިފައިންނަށް ހަތިޔާރާއި އެހެނިހެން ސާމާނު ފޯރުކޮށްދޭން ބޭނުންކުރާ މަގުތަކާއި ރޭލު ވިއުގައަށް ބޮޑެތި ގެއްލުންތަކެއް ދެވޭނެ ކަމަށް މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ޤަބޫލުކުރެއެވެ. އަދި، ސިފައިންނަށް ހަތިޔާރު ފޯރުކޮށްދޭން ބޭނުންކުރާ މަގުތައް ނައްތައިލުމަކީ ރަޝިޔާ ސިފައިންގެ ފައުޖުތަކަށް ފަހަތަށް ޖެހެން މަޖުބޫރުވާނެ ސަބަބެއްގެ ގޮތުގައި ވެސް އެ ފަރާތްތަކުން ދެކެއެވެ.
ޔޫކްރެއިނުން މިހާރު ބޭނުން ކުރާ ކްލަސްޓަރ ބޮމުގެ ރާސްތާއަކީ 28 ކިލޯމީޓަރެވެ. އޭ.ޓީ.އޭ.ސީ.އެމް.އެސް އަދި ޖީ.އެމް.އެލް.އާރް.އެސް ސިސްޓަމްތައް ޔޫކްރެއިނަށް ފޮނުވަން ހުއްދަ ލިބިއްޖެ ނަމަ، ކުރިއަށް އޮތް މަދު ހަފުތާތަކެއްގެ ތެރޭގައި އެ ތަކެތި ޔޫކްރެއިނަށް ފޮނުވާނެ ކަމުގައި ވެސް އެމެރިކާގެ އޮފިޝަލުން ވިދާޅުވިއެވެ. ނަމަވެސް، އޭ.ޓީ.އޭ.ސީ.އެމް.އެސް އަދި ޖީ.އެމް.އެލް.އާރް.އެސް ސިސްޓަމްތައް ޔޫކްރެއިނަށް ފޮނުވާނެ ކަން އެމެރިކާގެ އެއްވެސް ރަސްމީ އިދާރާއަކުން ކަށަވަރު ކޮށްދީފައެއް ނުވެއެވެ.
ރަޝިޔާ ސިފައިން ޔޫކްރެއިނަށް އަރައި ހަނގުރާމަ ފަށާފައި ވަނީ 2022 ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ 24 ވަނަ ދުވަހުއެވެ. ހަނގުރާމައަށް 565 ދުވަސް ފާއިތުވެފައިވާއިރު، ރަޝިޔާގެ ފައުޖުތަކުން ވަނީ ޔޫކްރެއިންގެ މައި ތިން ސަރަޙައްދަކަށް އަތްގަދަކޮށްފައެވެ. އެއީ އިރުމަތީގައިވާ ދޮންބާސްގައި ހިމެނޭ މައި ދެ ސަރަޙައްދު ކަމުގައިވާ ލުހާންސްކާއި ޑޮނެޓްސްކުގެ އިތުރުން ދެކުނުގައިވާ ޒަޕޮރީޜިޔާއެވެ.
ކައުންޓަރއޮފެންސިވްގައި ޔޫކްރެއިންގެ ފައުޖުތަކަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވަމުން ދިޔަ ނަމަވެސް، ޔޫކްރެއިނުން ދަނީ ކޮންމެ ވެސް ވަރެއްގެ ކުރިއެރުންތަކެއް ހޯދަމުންނެވެ. އަދި، އިރުމައްޗާއި ޒަޕޮރީޜިޔާ ހިމެނޭ ސަރަޙައްދުގެ ބައެއް ރަށްތަކާއި އަވަށްތައް ރަޝިޔާ ސިފައިންގެ އަތްދަށުން މިނިވަން ކޮށްފައިވާ ކަން ފާހަގަ ކޮށްލަން ޖެހެއެވެ. އެމެރިކާއިން ދެކެނީ މިއީ ބޮޑު ކުރިއެރުންތަކެއްގެ ގޮތުގައެވެ.
އެމެރިކާގެ ޚާރިޖީ ވަޒީރު އެންތަނީ ބްލިންކަން ދާދި ފަހުން ޔޫކްރެއިންގެ ވެރިރަށް ކީވަށް ކުރެއްވި ދަތުރުފުޅުގައި އެ ޤައުމަށް ދުރު ރާސްތާ ހަތިޔާރު ފޯރުކޮށްދިނުމާ ގުޅޭ ގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރައްވާފައިވާ ކަމުގައި ޔޫކްރެއިންގެ ޚާރިޖީ ވަޒީރު ދްމިތްރޯ ކޫލެބާ ވިދާޅުވިއެވެ. ހަނގުރާމައިގެ މައިދާނުގައި ބޭނުންކުރުން ގިނަ ޤައުމުތަކުން މަނާކޮށްފައިވާ ކްލަސްޓަރ ބޮން ޔޫކްރެއިން ފޮނުވަން އެމެރިކާއިން ފަށާފައި ވަނީ ޖުލައި މަހުގެ ތެރޭގައެވެ.
ކްލަސްޓަރ މިޔުނިޝަންސްއަކީ އެއް ފަހަރާ ބޮޑު ސަރަޙައްދަކަށް ހަމަލަދޭން ބޭނުންކުރެވޭ ނުރައްކާތެރި ހަތިޔާރެކެވެ. އޭގެ އެންމެ ހަތިޔާރެއް ބޭނުންކޮށްގެން ދޭ ހަމަލައެއްގެ އަސަރު ދޭއް ނުވަތަ ތިން ފުޓުބޯޅަ ދަނޑުގެ ސަރަޙައްދަކަށް ކުރާނެއެވެ. އެއީ، ގެއްލުންދެނިވި އަދި ފަނާކުރަނިވި ހަތިޔާރެއްގެ ގޮތުގައި ދުނިޔޭގެ ގިނަ ޤައުމުތަކާއި އިންސާނީ ހައްޤުތަކަށް ވަކާލާތުކުރާ ޖަމުޢިއްޔާތަކުން ގަބޫލުކުރެއެވެ.