ޚަބަރު

އެޕެރެންޓިސްޝިޕް ޕްރޮގްރާމްގެ ދަށުން އެމްޓީސީސީގެ 87 މުވައްޒަފަކު ދަސްވެނިވެއްޖެ


  • އެމްޓީސީސީގެ އެޕެރެންޓިސްޝިޕް ޕްރޮގްރާމްގައި 87 މުވައްޒަފަކުވަނީ ދަސްވެނިވެފައި

  • މުވައްޒަފުން ދަސްވެނިވެފައިވަނީ ސެޓްފިކެޓް 3 އިން ބަސް އޮޕަރޭޝަންސް

މޯލްޑިވްސް ނޭޝަނަލް އެޕެރެންޓިސްޝިޕް ޕްރޮގްރާމްގެ ދަށުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ އެމްޓީސީސީގެ 87 މުވައްޒަފަކު ދަސްވެނިވެއްޖެއެވެ.

އެޕެރެންޓިސްޝިޕް ޕްރޮގްރާމްގެ ދަށުން އެމްޓީސީސީގެ ބަސްތަކުގައި މަސައްކަތް ކުރާ މުވައްޒަފުންވަނީ ސެޓްފިކެޓް 3 އިން ބަސް ހާސިލްކޮށްފައެވެ.

އެމްޓީސީސީން ބުނީ އެކުންފުނީގެ އަމާޒަކީ ކުންފުނީގައި މަސައްކަތްކުރާ ކޮންމެ މުވައްޒަފަކީވެސް، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ މިންގަނޑުތަކާއި އެއްގޮތަށް ސެޓްފިކެޓް ޙާސިލްކޮށްފައިވާ މީހެއްކަމުގައި ހެދުންކަމަށެވެ.

އެގޮތުން މިނިސްޓްރީ އޮފް ޔޫތާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން ޒުވާނުން ބިނާކުރުމަށް ހިންގާ ނޭޝަނަލް އެޕެރެންޓިސްޝިޕް ޕްރޮގްރާމްގެ ތެރެއިން 87 މުވައްޒަފަކުވަނީ ދަސްވެނިވެފައެވެ.

އެމްޓީސީސީގެ އެޕެރެންޓިސްޝިޕް ޕްރޮގްރާމްގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑރ.އިބްރާހީމް ޙަސަންއާއި މިނިސްޓަރ އޮފް ޔޫތު ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަޙްމަދު މަހުލޫފްގެ އިތުރުން އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމްވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ.

އެމްޓީސީސީއިން އަންނަނީ މާލެއާއި އަތޮޅު ތެރޭގައި ބަހުގެ ޚިދުމަތް ރައްޔިތުންނަށް ފޯރުކޮށްދެމުންނެވެ. އަދި ރައްޔިތުންނަށް ބަރޯސާ ވެވޭފަދަ ޚިދުމަތަކަށް ޢާއްމު ދަތުރުފަތުރުގެ ނިޒާމުގެ ތެރެއިން ބަހުގެ ޚިދުމަތް ހެދުމަށް އެމްޓީސީސީން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން ފަސޭހަ އިންތިޒާމެއްގެ ދަށުން ޓިކެޓު ނެގުމާއި ޢާއްމުން އެންމެ ބޭނުންވާ ސަރަޙައްދުތަކަށް ބަހުގެ ދަތުރުތައް ބޭއްވުމަށް އެކުންފުނިން ސަމާލުކަން ދެއެވެ.

ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަށުން ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބެލުމުގެ ދަށުން ޒުވާނުންނަށް މަސައްކަތް ދަސްކޮށްދީ ހުނަރު ތަރައްޤީކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. މިގޮތުން އެކި އެސްއޯއީތަކުން އަންނަނީ އެކުންފުނިތަކުގައި ހުރި އެކި ފުރުސަތުތަކަށް ޒުވާނުން ތަމްރީނުކުރަމުންނެވެ.