ކުޅިވަރު

އާޖެންޓީނާ އާއި ބްރެޒިލަށް މޮޅެއް


2026 ވަނަ އަހަރު ބާއްވާ ފީފާ ވޯލްޑް ކަޕަށް ކޮލިފައިވުމަށް ރޭ ކުޅުނު މެޗުތަކުން އާޖެންޓީނާ އާއި ބްރެޒިލް މޮޅުވެއްޖެއެވެ.

ރަށުން ބޭރުގައި ކުޅުނު މެޗުން އާޖެންޓީނާ މޮޅުވީ 3-0 ގެ ނަތީޖާއަކުންނެވެ.

މި މެޗުގައި އާޖެންޓީނާއިން އެ ޓީމުގެ ކެޕްޓަން ލިއޮނެލް މެސީ ބޭނުންކޮށްފައެއް ނުވެއެވެ. މެޗުގައި މެސީ ބޭނުން ނުކުރަން ނިންމާފައިވަނީ އޭނާ ވަރުބަލިވެފައި ހުރުމުން، އަރާމު ކުރުމުގެ ފުރުސަތު ދިނުމުގެ ގޮތުންނެވެ. އާޖެންޓީނާގެ ކޯޗު ލިއޮނަލް ސްކޮލާނީ ބުނީ، އެންމެ ފަހުން އިކުއެޑޯއާ ދެކޮޅަށް ކުޅުނު މެޗަށްފަހު އުނދަގޫތަކެއް ހުރި ކަމަށް މެސީ ބުނެފައިވާ ކަމަށެވެ. އެ މެޗުގައި އާޖެންޓީނާއިން ކާމިޔާބުކުރި ހަމައެކަނި ލަނޑު މެސީ ޖެހީ ހިލޭ ޖެހުމަކުންނެވެ.

މެސީ ނުލައި ރޭ ކުޅުނު މެޗުގައި އާޖެންޓީނާއިން މޮޅު ކުޅުމެއް ދެއްކިއިރު، އޭނާގެ ބަދަލުގައި ކެޕްޓަން ބޭންޑް އަޅައިގެން ކުޅެފައިވަނީ ބެންފީކާގެ ފޯވާޑް އޭންހަލް ޑީ މާރީއާއެވެ. ރޭގެ މެޗުގައި އެ ޓީމުގެ ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށް ދިނީ އޭނާއެވެ.

މި މެޗުގެ ފުރަތަމަ ހާފުގައި އާޖެންޓީނާއަކުން ވަނީ ދެ ލަނޑު ޖަހާފައެވެ. އެގޮތުން މެޗުގެ 31 ވަނަ މިނެޓުގައި އާޖެންޓީނާއަށް ލީޑު ނަގައިދިނީ އެންޒޯ ފެނާންޑޭޒެވެ. އޭގެ އަށް މިނެޓު ފަހުން ބޮލީވިއާގެ ރޯބާޓޯ ފެނާންޑޭޒަށް ސީދާ ރަތް ކާޑެއް ދެއްކިއިރު، މެޗުގެ 42 ވަނަ މިނެޓުގައި ނިކޮލަސް ޓަގްލިއަފީކޯ ވަނީ އާޖެންޓީއަށް ލީޑު ފުޅާކޮށްދީފައެވެ. ދެން މި މެޗުގައި އާޖެންޓީނާއިން ކާމިޔާބުކުރި ތިންވަނަ ލަނޑު ދެވަނަ ހާފުގައި ޖަހައިދިނީ ނިކޮލަސް ގޮންޒާލޭޒެވެ.

މީގެ އިތުރުން ދެކުނު އެމެރިކާ ކޮލިފައިންގައި ރޭ ކުޅުނު މެޗުން ބްރެޒިލް މޮޅުވީ ޕެރޫ އަތުން 1-0 ގެ ނަތީޖާއަކުންނެވެ. ރަށުން ބޭރުގައި ކުޅުނު މި މެޗުގައި ބްރެޒިލުން ކާމިޔާބުކުރި ހަމައެކަނި ލަނޑު މެޗުގެ ފަހު މިނެޓުގައި ނޭމާގެ އެހީއާއެކު ޖަހައިދިނީ މާކީނިއޯސްއެވެ.

ކޮލިފައިންގައި ރޭ ކުޅުނު މެޗުތަކުން އާޖެންޓީނާ އާއި ބްރެޒިލް މޮޅުވިއިރު، ކޮލިފިކޭޝަނުގައި ކުޅުނު ފުރަތަމަ މެޗުން އާޖެންޓީނާ ވަނީ އެކުއެޑޯ އަތުން 1-0 ގެ ނަތީޖާއަކުން މޮޅުވެފައެވެ. އަދި ބްރެޒިލް ވަނީ 5-1 ގެ ތަފާތު ބޮޑު ނަތީޖާއަކުން ބޮލީވިއާ ބަލިކޮށްފައެވެ.