ބާރުގަދަ ތޫފާނެއް ކަމުގައި ޑެނިއެލް ލީބިޔާގެ ސަރަޙައްދުތަކަށް އެރުމާ ގުޅިގެން ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން ހިނގި އެކި ހާދިސާތަކުގައި 2,000 އަށްވުރެ ގިނަ މީހުން މަރުވެއްޖެއެވެ. ފެންބޮޑުވުމުގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވާ އެ ޤައުމުގެ އިރުމަތީގައިވާ ސަރަޙައްދުތަކަށެވެ. އެ ސަރަޙައްދުތަކުގައި ވެރިކަން ކުރާ ސަރުކާރަކީ ބައިނަލްއަޤުވާމީ މުޖުތަމަޢުން ބަލައިގަނެފައިވާ ސަރުކާރެއް ނޫން ކަން ފާހަގަކޮށްލަން ޖެހެއެވެ.
ލީބިޔާގެ މަސްރަޙު ދިރާސާކުރާ މާހިރެއް ކަމުގައިވާ ޖަލާލް ޙަރްޝާވީ ވިދާޅުވީ ފެންބޮޑުވުމާ ގުޅިގެން ލީބިޔާގައި މަރުވެފައިވާ މީހުންގެ ޢަދަދު އެތަކެއް ހާހަށް އަރާނެ ކަމަށް ބެލެވޭ ކަމުގައެވެ. އިރުމަތީ ލީބިޔާގެ ސަރުކާރުން ބުނީ ފެންބޮޑުވުމާ ގުޅިގެން 2,000 އަށްވުރެ ގިނަ މީހުން މަރުވެފައިވާ ކަން ކަށަވަރު ކުރެވިފައިވާ ކަމުގައެވެ. އަދި، އެތަކެއް ހާސް ބަޔަކު ގެއްލިފައިވާ ކަމުގައި ވެސް އެ ސަރުކާރުން ބުނެއެވެ.
ތޫފާން ޑެނިއެލް ލީބިޔާގެ ސަރަޙައްދުތަކަށް އަރާފައި ވަނީ ސެޕްޓެންބަރު 10ވަނަ ދުވަހުގެ ވަގުތެއްގައެވެ. މި ތޫފާނާ އެކު ބޯކޮށް ވާރޭވެހި، ވައި ގަދަވެފައިވާ ކަމުގައި މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. ތޫފާނުގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވާ ސަރަޙައްދުތަކުގެ ތެރޭގައި އެ ޤައުމުގެ އިރުމަތީގައި އޮންނަ ބަންޣާޒީ، ސޫސާ، ދަރްނާ އަދި އަލް-މަރަޖު ހިމެނެއެވެ. މި ތޫފާނާ ގުޅިގެން އެ ސަރަޙައްދުތަކުގައި މިހާރު ވަނީ ކުއްލި ހާލަތު އިޢުލާނު ކޮށްފައެވެ.
ފެންބޮޑުވުމާ ގުޅިގެން އިރުމަތީ ލީބިޔާގެ ސަރުކާރުން ވަނީ އެ ސަރަޙައްދުތަކުގެ ސްކޫލްތަކާއި ފިހާރަތަށް ވެސް ބަންދުކޮށްފައެވެ. އަދި، ޒަރޫރީ ބޭނުމެއްގައި މެނުވީ ބޭރަށް ނިކުމެ އުޅުން މަނާކޮށްފައެވެ. ލީބިޔާގެ ރެޑް ކްރޮސްއިން ބުނީ ފެންބޮޑުވުމާ ގުޅިގެން ވެއްޓިފައިވާ ޢިމާރާތްތަކުގެ ޢަދަދު 150 އަށް އަރާފައިވާ ކަމުގައެވެ.
ރެޑް ކްރެސެންޓުގެ އިސް އޮފިޝަލެއް ވިދާޅުވީ ދަރްނާއިން އެކަނިވެސް 150 އަށްވުރެ ގިނަ މީހުން މަރުވެފައިވާ ކަމުގައެވެ. އެއީ، 100,000 އެއްހާ މީހުން ދިރިއުޅޭ ރަށެކެވެ. ފެންބޮޑުވުމާ ގުޅިގެން އެ ރަށުގައި އޮންނަ ދެ ޑޭމް ހަލާކުވެފައިވާ ކަމުގައި ވެސް އޮފިޝަލުން ވިދާޅުވިއެވެ. އެ ރަށުން ގިނަ ޢަދަދެއްގެ މީހުން މަރުވެފައި ވަނީ ޑޭމް ހަލާކުވެ، ކޯރުގެ ފެންގަނޑު ބަންޑުންވުމާ ގުޅިގެން ގެނބިގެން ކަމުގައި އޮފިޝަލުން ވިދާޅުވިއެވެ.
"މަރުވި މީހުންގެ ޢަދަދު 2,000 އަށްވުރެ މައްޗަށް އަރައިފި. ގެއްލިފައިވާ މީހުންގެ ޢަދަދު ވެސް އެތަކެއް ހާހަކަށް އަރާ. މުޅި ދަރްނާ އޮތީ ފެނު އަޑީގައި. އެ އެންމެން އެ މީހުންގެ ގެދޮރުގައި ތާށިވެ، މަރުވެފައިވާ ކަމަށް ބެލެވޭ،" އިރުމަތީ ލީބިޔާގެ ބޮޑުވަޒީރު އުސާމާ ޙަމަދް ވިދާޅުވިއެވެ. ލީބިޔާގެ އިރުމަތީގެ އިތުރުން ހުޅަނގުގައި އޮންނަ މިޞްރާތާގެ ބައެއް ސަރަޙައްދުތަކުގައި ވެސް ވަނީ ފެންބޮޑުވެފައެވެ.
ފެންބޮޑުވުމާ ގުޅިގެން ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ލީބިޔާގައި ހުޅަނގުގައި ވެރިކަން ކުރާ ސަރުކާރުން ވެސް ވަނީ އިރުޝާދު ދީފައެވެ. މި ގޮތުން، ޠަރާބުލުސްގައި ވެރިކަން ކުރާ ސަރުކާރުގެ ބޮޑުވަޒީރު ޢަބްދުލްޙާމިދު ދަބީބާ ވަނީ، ފެންބޮޑުވުމާ ގުޅިގެން ހާލުގައި ޖެހިފައިވާ މީހުންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދޭން ކުއްލި ހާލަތްތަކުގައި ހަރަކާތްތެރިވާ އިދާރާތަކަށް އަންގަވާފައެވެ.
ލީބިޔާގައި ހާލުގައި ޖެހިފައިވާ އެތަކެއް ހާސް ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަން އ.ދއިން ވެސް ވަނީ ބުނެފައެވެ. ލީބިޔާގައި ދެ ސަރުކާރެއް އުފެދިފައި ވަނީ 2014 ވަނަ އަހަރުގެ ދާޚިލީ ހަނގުރާމައަށް ފަހު މުޣައްމަރް ޤައްޜާފީގެ ސަރުކާރު ވައްޓައިލުމާ ގުޅިގެންނެވެ. ޤައްޜާފީގެ ސަރުކާރު ވައްޓައިލާފައި ވަނީ ނޭޓޯއިން އިސްނަގައިގެންނެވެ.