ދުނިޔެ

ތުރުކީއަށް އެތެރެވި 1734 ރެފިއުޖީން އެ ޤައުމުން ހައްޔަރުކޮށްފި


1734 ރެފިއުޖީންނާއި އަދި ވަގަށް އެތެރެކުރަން އުޅުނު 16 މީހަކު ތުރުކީވިލާތުގެ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

ތުރުކީވިލާތުގެ ސަލާމަތީ ކަންތައްތައް ބަލަހައްޓާ އޮފިޝަލުން ބުނީ ހުކުރު ދުވަހު އެގައުމުގެ ކޯސްޓްގާޑުން ކުރިއަށްގެންދިޔަ މި އޮޕަރޭޝަނަކީ ތުރުކީވިލާތް ހުރަސްކޮށް ގްރީސްގެ ލެބޯސް އަށް ވަގަށް އެތެރެވާން މަސައްކަތް ކުރާމީހުން ހުއްޓުވުމަށް ކުރިއަށްގެންދިޔަ އޮޕަރޭޝަނެއް ކަމަށެވެ.

ރެފިއުޖީންގެ ތެރޭގައި ގިނައީ ސޫރިޔާ އާއި އަފްޣާނިސްތާން މީހުން ކަމަށް ރިޕޯޓްތައް ބުނެއެވެ. މިމީހުންނާއި މެދު އަމަލުކުރެވޭނެ ގޮތެއް ދެން ނިންމާނީ ސުވާލުކޮށް ހަގީގަތް ހޯދުމަށްފަހު ކަމަށް ތުރުކީވިލާތުން ބުނެއެވެ.

ތުރުކީވިލާތުން މިއޮޕަރޭޝަން ކުރިއަށްގެންގޮސްފައި މިވަނީ ވިލާތާއެކު އެޤައުމުން ހިޖުރަ ކުރާ މީހުންނާ ރެފިއުޖީންގެ ކަންތައް ހައްލުކުރުމަށް އެއްބަސްވުމަށް އާދެވުމާ އެކުގައެވެ.

ތުރުކީވިލާތުގައި މިހާރުވެސް ސޫރިޔާގެ 2.4 މިލިއަން ރެފިއުޖީން އެބަތިއްބެވެ.