ސިޔާސީ

މަޙާސިންތާ ނިމޭއިރު 1200 ވުރެ ގިނަ ބައިވެރިން ތަމްރީނުކުރެވޭނެ


2018ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް ކެމްޕޭން ލީޑަރުން ތައްޔާރުކުރުމަށް ހިންގާ މަޙާސިންތާ ނިމޭއިރު، ބާރަ ސަތޭކައަށްވުރެ ގިނަ ބައިވެރިން ތައްޔާރުކުރިވިގެންދާނެ ކަމަށް މަޙާސިންތާގެ މީޑިޔާ ކޯޑިނޭޓަރ ވިދާޅުވެއްޖެއެވެ.

ދަރުބާރުގޭގައި މިހާރު ކުރިއަށް ދާ މަޙާސިންތާޔާ ގުޅޭ ގޮތުން ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން މަޙާސިންތާގެ މީޑިޔާ ކޯޑިނޭޓަރ އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޕޯކްސް ޕާރސަން އިބްރާޙީމް މުއާޒް ޢަލީ ވިދާޅުވީ، މަޙާސިންތާ ނިންމުމަށް ބާއްވާ ޚާއްސަ ރަމިއްޔާތު މިރޭ 8:30 އިން ފެށިގެން 9:30 އާއި ހަމަޔަށް  ދަރުބާރުގޭގައި ކުރިއަށްދާނެ ކަމަށެވެ.

މަޙާސިންތާ ނިންމުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށް މުއާޒް ވިދާޅުވިއެވެ. މުއާޒް ވިދާޅުވީ، ކެމްޕެއިން ލީޑަރުން ތަމްރީނުކުރުމަށް ކުރިއަށް ގެންދާ މަޙާސިންތާ ނިމުން ބާރަސަތޭކައަށްވުރެ ގިނަ ބައިވެރިން ތަމްރީނުކުރެވިގެންދާނެ ކަމަށެވެ. އަދި މިމަޙާސިންތާ ބާއްވަނީ ރައީސް ޔާމީން އިސްނަންގަވައިގެން ނޫން ކަމަށާއި މަޙާސިންތާ ބާއްވަނީ  ރައީސް ޔާމީނަށް ތާއިދުކުރައްވާ ފަރާތްތަކުގެ އިސްނެންގެވުމުގެ ގޮތުން ކަމަށެވެ.

މަޙާސިންތާގެ ތިންވަނަ ބުރު ފަށާފައިވަނީ މިމަހުގެ 17 ވަނަ ދުވަހުގައެވެ. މިއަދުގެ ނިޔަލަށް ކުރިއަށްދާ މަޙާސިންތާ ޚާއްސަކޮށްފައިވަނީ މާލެ ވިލިމާލެ އަދި ހުޅުމާލެއަށެވެ. މިފަހަރުގެ މަޙާސިންތާގައި ހަތަރު ސަތޭކައަށްވުރެ މަންދޫބުން ބައިވެެރިވެފައިވެއެވެ.