ދުނިޔެ

ނިއު މެކްސިކޯއިން ފުރަތަމަ ފަހަރަށް ޒިކާ ވައިރަސް ފެނިއްޖެ


ނިއު މެކްސިކޯއިން ފުރަތަމަ ފަހަރަށް ޒިކާ ވައިރަސްގެ ކޭހެއް ރިޕޯޓްކޮށްފިއެވެ.

އެމެރިކާގެ ސެންޓަރ ފޮރ ޑިޒީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަންއިން ބުނީ ޒިކާ ވައިރސް ޖެހިގެން އެޤައުމުން ރިޕޯޓްކޮށްފައިވަނީ 46 އަހަރު ފިރިހެނެއްކަމަށެވެ. އަދި މިމީހާއަށް މިވައިރަސް ޖެހުނީ އެނާ ދާދި ފަހުން އެލްސެލްވަޑޯއަށް ދަތުރުކޮށްފައި ވަނިކޮށްކަމަށް އޮފިޝަލުން ބުނެއެވެ.

މިމީހާ ޒިކާއަށް ޕޮޒިޓިވްވެފައިވަނީ ސީޑީސީގެ ފެސިލިޓީއެއްގައި ކުރި ޓެސްޓްތަކަކުން ކަމަށާއި، ޒިކާ ފެތުރެމުންދާ ސަރަހައްދުތަކަށް ދަތުރުކުރާ މީހުން އާދައިގެ މަތިން ޓެސްޓްކުރަމުން ދާކަމަށް އޮފިޝަލުން މަޢުލޫމާތުދެއެވެ. މިކަމުގެ އިތުރު ތަފްސީލެއް ނިއު މެކްސިކޯގެ ކަމާ ބެހޭ ފަރާތްތަކުން ދީފައިނުވެއެވެ.

އެމެރިކާގައި ޒިކާ ވައިރަސްގެ ފުރުތަމަ ކޭސް ރިޕޯޓްކޮށްފައިވަނީ މިދިޔަ ފެބްރުއަރީ މަހުގައެވެ. ނަމަވެސް ފެބްރުއަރީ މަހު ރިޕޯޓްކުރެވުނު ޒިކާގެ ކޭހަކީ މަދިރީގެ ޒަރިއްޔާއިން ޖެހިފައިވާ ކޭހެއް ނޫންކަމަށާއި، އެއީ ޖިންސީ ގުޅުމުގެ ސަބަބުން ވައިރަސް ފެތުރުނު ފަހަރެއްކަމަށް އޮފިޝަލުން ބުނެއެވެ.

ލެޓިން އެމެރިކާގެ ޤައުމުތަކުގައި ހަލުވިކަމާއި އެކު ފެތުރެމުންދާ ޒިކާ ވައިރަސްއަކީ މާބަނޑު މީހުންގެ ބަނޑުގައި އަށަގަންނަ ކުދިންގެ ސިކުޑި ފުރިހަމަ ކުރުން ހުއްޓުވާ މައިކްރޯސެފަލީ ޖައްސާ ވައިރަސްއެއްކަމަށް މިވަނީ ބޮޑެތި ހެކިތަކެއް ފެނިފައެވެވެ. އަދި މިވައިރަސްގެ ސަބަބުން އެހެނިހެން ނިއުރޮލޮޖިކަލް މައްސަލަތައް ޖެހޭ ކަމަށްވެސް މިވަނީ ބެލެވިފައެވެ.