ކުޅިވަރު

ޕެލޭގެ ރިކޯޑު ނޭމާ މުގުރާލިއިރު، ބްރެޒިލަށް ބޮޑު މޮޅެއް


2026 ވަނަ އަހަރު ބާއްވާ ފީފާ ވޯލްޑް ކަޕަށް ކޮލިފައިވުމަށް ކުޅުނު ފުރަތަމަ މެޗުންގައި ބޮލީވިއާ އަތުން ބްރެޒިލް ބޮޑު މޮޅެއް ހޯދައިފިއެވެ.

އަމިއްލަ ޤައުމުގައި ރޭ ކުޅުނު މެޗުން ބްރެޒިލް މޮޅުވީ 5-1 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.

މި މެޗުގެ ކުރީކޮޅު ބްރެޒިލަށް ޕެނަލްޓީއެއް ލިބުނު ނަމަވެސް، ނޭމާ ފޮނުވާލި ޕެނަލްޓީ ކާމިޔާބުވާގޮތެއް ނުވިއެވެ. އެކަމަކު އޭގެ ފަހުން މެޗުގެ 24 ވަނަ މިނެޓުގައި ބްރެޒިލުން ވަނީ ލީޑު ނަގާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ރޮޑްރީގޯއެވެ.

މި މެޗުގެ ދެވަނަ ހާފުގައި ބްރެޒިލުން މޮޅު ކުޅުމެއް ދެއްކިއިރު، މި ހާފު ފަށައިގެން ދެވަނަ މިނެޓުގައި ރަފީނިއާ ވަނީ ލަނޑެއް ޖަހައި ބްރެޒިލުގެ ލީޑު ފުޅާކޮށްދީފައެވެ. އަދު އޭގެ ފަސް މިނެޓު ފަހުން ރޮޑްރީގޯ ވަނީ އިތުރު ލަނޑެއް ޖަހާފައެވެ.

މެޗުގެ 61 ވަނަ މިނެޓުގައި ރޮޑްރީގޯގެ އެހީއާއެކު ބްރެޒިލުގެ ހަތަރުވަނަ ލަނޑު ޖަހައިދިނީ ނޭމާއެވެ. އެކަމަކު އޭގެ ފަހުން މެޗުގެ 78 ވަނަ މިނެޓުގައި ބޮލީވިއާއިން ވަނީ އެ ޓީމުގެ ހަމައެކަނި ލަނޑު ކާމިޔާބުކޮށްފައެވެ. މި ލަނޑު ޖަހައިދިނީ ވިކްޓާ އަބްރެގޯއެވެ. ނަމަވެސް އޭގެ ފަހުން މެޗުގެ އިތުރު ވަގުތުގައި ނޭމާ ވަނީ އިތުރު ލަނޑެއް ޖަހައި، ބްރެޒިލުގެ ލީޑު އަލުން ބޮޑު ކޮށްފައެވެ.

ރޭގެ މެޗުގައި ކާމިޔާބުކުރި ދެ ލަނޑާއެކު ނޭމާ ވަނީ ބްރެޒިލަށް މީގެ ކުރިން އެންމެ ގިނަ ލަނޑު ޖަހައިދީފައިވާ، ފުޓްބޯޅަ ލެޖެންޑް ޕެލޭ ފަހަތަށް ޖައްސާލާފައެވެ. އެގޮތުން 1957 އިން 1971 އާ ދެމެދު ޕެލޭ ބްރެޒިލަށް 77 ލަނޑު ކާމިޔާބުކޮށްދިންއިރު، ރޭ ކާމިޔާބުކުރި ދެ ލަނޑާއެކު ނޭމާ މިހާރު ވަނީ ބްރެޒިލް ޖާޒީގައި 79 ލަނޑު ކާމިޔާބުކޮށްފައެވެ.

މި ފަހަރުގެ ދެކުނު އެމެރިކާ ކޮލިފައިންގެ ދެވަނަ މެޗުގައި އަންނަ ބުދަ ދުވަހު ބްރެޒިލް ނުކުންނާނީ ޕެރޫއާ ދެކޮޅަށެވެ. މި ފަހަރު ކޮލިފައިންގައި ދެކުނު އެމިރިކާ ކޮންމެ ޤައުމަކުންވެސް 18 މެޗު ކުޅުމަށް ހަމަޖެހިފަވާއިރު، ވޯލްޑް ކަޕަށް ކޮލިފައިވާ އަދަދު އިތުރުވުމާއެކު، ދެކުނު އެމެރިކާގެ ބައްރުން އެންމެ ގިނަ ޕޮއިންޓް ހޯދާ ހަ ޓީމަށް ޖާގަ ލިބިގެންދާނެއެވެ.